ސަލާމަތީ ބާރުތަކުން ބަޑިޖެހުމުގެ ސަބަބުން އުމުރުން 7 އަހަރުގެ އަންހެން ކުއްޖަކު މަރުވުމާ ގުޅިގެން، ބަޣާވާތާ ދެކޮޅަށް ވަރަށް ވަރުގަދަ މުޒާހަރާއެއް ކުރުމަށް މިޔަންމާގެ އެކްޓިވިސްޓުން ތައްޔާރުވާން ފަށައިފިއެވެ.

7 އަހަރުގެ އަންހެން ކުއްޖާ މަރުވެފައިވަނީ އޭނާގެ ގޭގައި ހުއްޓަލައި ބަޑީގެ ވަޒަން އަރައިގެންނެވެ.

އެ ކުއްޖާގެ ގަޔަށް ވަޒަންއެރީ، މަންޑަލޭގައި ކުރި ވަރުގަދަ މުޒާހަރާއަށް ސަލާމަތީ ބާރުތަކުން ހަމަލާދީ ބަޑިޖެހުމުގެ ތެރޭގައެވެ.

މަރުވި ކުއްޖާގެ ގެ ހުންނަނީ މުޒާހާރާ ކުރި ސަރަހައްދުގައެވެ.

މިކަމާ ރުޅިއައިސްގެން މިހާރަށްވުރެ ވަރުގަދަކޮށް މުޒާހަރާ ޖެއްސުމަށް އެކްޓިވިސްޓުން ރާވަމުންދާއިރު، ހަމަހިމޭންކަމުގެ އިހުތިޖާޖުވެސް ކުރިއަށް ގެންދަންވަނީ ރާވާފައެވެ. އެގޮތުން، ވިޔަފާރިތައް ބަންދުކޮށް މަސައްކަތަށް ނުގޮސް، އެންމެން ގޭގައި ތިބެގެން ގައުމުގެ ހުރިހާކަމެއް ހުއްޓުމަކަށް ގެނައުމަށްވެސް ދަނީ ތައްޔާރުވަމުންނެވެ.

އަންހެން ކުއްޖާ މަރުވުމުން، އުއްބައްތި ދިއްލައިގެން އެތައްހާސް ބަޔަކުވަނީ މިޔަންމާގެ އެކި ރަށްތަކުގެ މަގުތަކަށް ނުކުމެ ހިތާމަ ފާޅުކޮށްފައެވެ.

މިއީ، ފެބްރުއަރީމަހުގެ 1 ވަނަ ދުވަހު މިޔަންމާގެ އަސްކަރީން މަދަނީ ސަރުކާރު ވައްޓާލައި ވެރިކަމަށް އަތްގަދަ ކުރުމާ ގުޅިގެން މުޅި މިޔަންމާގައި މުޒާހަރާތައް ފެށުނުފަހުން މިހާތަނަށް މަރުވި އެންމެ ހަގު ކުއްޖާއެވެ.

މަރުވި ކުއްޖާގެ ދައްތަ "މިޔަންމާ ނައު" ކިޔާ މީޑިއާއަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ސިފައިން ބަޑިޖެހީ އެ ކުއްޖާގެ ބައްޕަގެ ގަޔަށް ކަމަށެވެ. އޭރު މަރުވި ކުއްޖާ އިނީ އޭނާގެ ބައްޕަގެ އުނގުގައި ކަމަށާއި، އެހެންކަމުން، ސިފައިން ޖެހި ބަޑީގެ ވަޒަން އެރީ އެކުއްޖާގެ ގަޔަށް ކަމަށް ބުނެފައި ވެއެވެ.

ބަޣާވާތާ ގުޅިގެން މިޔަންމާގެ އަސްކަރީ ވެރިންނަށް ދުނިޔޭގެ ފިއްތުންތައް ބޮޑުވެ، ގައުމުތަކުން ގެންދަނީ އަސްކަރީ ވެރިންނާ ދެކޮޅަށް ފިޔަވަޅުތައްވެސް އަޅަމުންނެވެ.

މަދަނީ ސަރުކާރު ވައްޓާލަންޖެހުނީ ނޮވެމްބަރު 8 ގައި ބޭއްވި އިންތިޚާބުގައި އަންގް ސަން ސޫކީގެ ޕާޓީން މަކަރު ހެދުމުން ކަމަށްވުނެ އަސްކަރީ ވެރިން ހުއްޖަތް ދައްކަންވެސް މަސައްކަތް ކޮށްފައި ވެއެވެ. ނަމަވެސް، މިޔަންމާގެ އިލެކްޝަންސް ކޮމިޝަނުންވަނީ އަސްކަރީންގެ ތުހުމަތު ދޮގުކޮށްފައެވެ.