އިނގިރޭސި އެލިޒަބަތު ރާނީއަށް ކާރިސާތައް މެނޭޖްކުރުމަކީ މާބޮޑު ކަމަކަށް ނުވެދާނެއެވެ. އެކަމަނާގެ ރަނިކަން މިހާހިސާބަށް އޮމާންކޮށް ގެނެވުނީ ކާރިސާތައް މޮލަށް މެނޭޖް ކުރެއްވުމުންކަން ކަށަވަރެވެ.

މޭގަން އާއި ހެރީ، އޮޕެރާއަށް ދެއްވި އިންޓަރވިއުއާ ގުޅިގެން މީޑިއާ ހަލަބޮލިވެ، އާންމު ޚިޔާލާތާއި ޕަބްލިކް އޮޕިނިއަން ބޮކިޖަހަން ފެށިއެވެ. ކެތްތެރިކަމާއެކު ރާނީ ހުންނެވީ އެވެ. އެބޭފުޅުން ވިދާޅުވީ، ނަސްލީ ތަފާތު ކުރުމުގެ އަމަލުތައް ޝާހީ އާއިލާގައި ހިނގާކަމަށެވެ! ނިކަން ސީރިއަސް ތުހުމަތެކެވެ.

ޕޮލިޓިކަލް ސައިންސާއި މީޑިއާ ސްޓަޑީޒްގެ ދަރިވަރުންނަށް ރަނީ، މިކާރިސާ މެނޭޖް ކުރެއްވިގޮތުގެ ފިލާވަޅު ނަގައިދޭން ޖެހޭނެކަން ކަށަވަރެވެ.

މުހައްލިލުން ދެކޭ ގޮތުގައި މާމަ ދަރިފުޅުގެ ފަރާތްޕުޅުން ރާނީއަށް ފެނިވަޑައިގަތީ އާންމު އާދައާ ދެކޮޅަށް ޒުވާން ހެރީ ނިކުމެ ވަޑައިގެންނެވިތަނެވެ. ހުނަރުވެރިކަމާއެކު، މައްސަލަ އިތުރަށް ފުޅާވިޔަ ނުދެއްވައި، އެކަން ރާނީ ހިންދަވައި ލެއްވިއެވެ.

ރާނީ، މި ކަމުގައި ބޭނުން ކުރެއްވި އުކުޅަކީ، އަމީރު ފިލިޕްސް ރާނީއަށް އަރުވާފައިވާ ނަސޭހަތްޕުޅެއް ކަމަށް ބެލެވެއެވެ. ފިލިޕްސްއަކީ ކަނޑުވެ ސިފައިންގެ ޚިދުމްތްތެރިއެކެވެ. ނޭވީ އޮފިސަރެއްގެ ހައިސިއްޔަތުން މާ ކަނޑުގައި ބިޔަރާޅުތަކުން ހޭރިއާކޮށްލުމުގެ އުކުޅުތަކަކީ، ނޭވީ ޚިދުމަތުގެ އާންމު ހާލަތެވެ.

"ކަނޑު ގަދަވެ، ބޮޑެތި ރާޅުތަކާ ކުރިމަތިލާއިރު ހުރިހައި ކުޑަ ދޮރެއް ލައްޕައިގެން، ރިޔާ ތިރިކޮށްގެން، ކަނޑު މަޑުވަންދެން، ވަތު ތެރެއަށް ވަދެ ތިބެންވީއެވެ."

ތެދެއްމެއެވެ! ހެރީއާއި މޭގަން ޝާހީ މުއައްސަސާއަށް ވިދާޅުވި އިހާނެތި ބަސްފުޅުތަކަށް ރައްދު ދެއްވުމަށް މުއައްސަސާގެ ވެރިފަރާތުގެ ހައިސިއްޔަތުން، ރާނީގެ ފަރާތްޕުޅުން އަވަސް ވެވަޑައެއް ނުގަތެވެ.

ސްޓްރެޓީޖިކް ނިންމުންތައް އަވަސްއަހަށް ނުނިންމުމަކީވެސް ބައެއް ފަހަރަށް ފާޑުކިޔުންތައް އަމާޒުވާ ކަމެކެވެ. ހިންގުމުގެ މޮޅު ހުނަރާއެކު، (ފަހުން ބަދަލު ކުރަން ނުޖެހޭފަދަ ގޮތަކަށް އަޅާ) އަވަސް ފިޔަވަޅަކީ، އެންމެ ހުނަރުވެރި ގޮތެވެ. އެކަމަކު ރާނީ އަކީ ދުވަހަކުވެސް އަވަސްވެ ވަޑައިގެން ކަންކަން ނިންމަވާ ބޭފުޅެއް ނޫނެވެ. ފާދުކިޔުންތައްވެސް އަމާޒު ވެއެވެ. އެކަމަކު، ރާނީ ނުވަތަ ރަސްގެފާނު ވިއަސް، އަމިއްލަ ޝުއޫރާއި އިޙުސާސަކަށް ޖާގައެއް ނޯވެއެވެ. ޝާހީ އާއިލާގެ އިއްޒަތާއި ޝަރަފާ މެދު ސުއާލު އުފެއްދޭ އިރު، 94 އަހަރުގެ ރާނީ ނިންމަވާނީ ފުންކޮށް ވިސްނަވައި މިސްރާބުން ކަސިޔާރު ނުވާފަދަ ގޮތަކަށެވެ.

ހިމޭން ކަމާއެކު، ގަނޑުވަރުން ނެރެފައިވާ ބަޔާނުގައި ވަނީ ހެރީ ވިދާޅުވި ބަސްފުޅުތަކަކީ، ވަކިން ޚާއްސަކޮށް ނަސްލުގެ ތަފާތު ކުރުމުގެ މައްސަލާގައި، ޝާހީ އާއިލާއިން ނުތަނަވަސްވެ ވަޑައިގަންނަވާ، އަދި އެކަމާމެދު ނުހަނު ސީރިއަސްކޮށް ބައްލަވާނެ މައްސަލައެއް ކަމަށެވެ. އަދި އާއިލާގެ ޚާއްސަ ބައްދަލުވުމެއްގައި މިކަމާމެދު އަޅުއްވަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ!

އެއަށްފަހު ދެން މުނާސިބު ވަގުތެއްގައި ރާނީ ބޭނުން ކުރެއްވީ ބަރުހަތިޔާރެކެވެ. 11 މާޗްގައި އިރުމަތީ ލަންޑަންގެ ސްކޫލަކަށް ޕްރިންސް ވިލިއަމް ކުރެއްވި ޒިޔާރަތުގައި ނޫސްވެރިއަކު ދެންނެވި ސުއާލަށް ޖަވާބު ދެއްވަމުން ވިދާޅުވީ، އަޅުގަނޑުމެންނަކީ، އެއް ގޮތަކަށްވެސް ނަސްލީ ގޮތުން ތަފާތު ކުރާ އާއިލާއެއް ނޫން ކަމަށެވެ. ސުއާލު ދެންނެވި ނޫސްވެރިއާ އަކީ، ޝާހީ ދަރުބާރާ ގާތް ނޫސްވެރިއެކެވެ. ހުއްދައާ ނުލައި އެފަދަ މަގާމަކަށް އެފަދަ ސުއާލެއް ދެންނެވޭނީ ކުރިން އެކަމަށް ހުއްދައެއް ލިބި، ރޭވިފައި އޮތުމުން ކަން ޔަގީނެވެ. މީޑިއާއަކީ މެނޭޖް ކުރަން ޖެހޭ އަދި އެއަށްވެސް ޕްރޮޓޮކޯލުތަކެއް ހިމެނޭ ދާއިރާއެކެވެ.

އެއަށްފަހު، ޑިއުކް އޮފް ކޭމްބްރިޖް، އެމަނިކުފާނުގެ ޓުއިޓާގައި ޝާއިއު ކުރެއްވީ ތުއްޕުޅު ތިން ބޭފުޅުން، އެބޭފުޅުންގެ މާމަފުޅު ޑަޔާނާއަށް މަދަޒް ޑޭގައި ތައްޔާރު ކުރެއްވި ކާޑުކޮޅުތަކެވެ. މީގެ މަގްސަދަކީ، ހިތްތަކުގެ ރާނީ، ޑަޔާނާއާ ރޫނާނީ ގޮތުން އެންމެ ގާތީ، މޭގަން ނޫންކަން ސާބިތުކޮށް ދެއްވުމެވެ.

އޭގެ ފަހުން ޑިއުކް އޮފް ކޭމްބްރިޖްއާއި ޑަޗަސް އޮފް ކޭމްބްރިޖް ފެށްޓެވީ ހިލޭސާބަހަށް މަސައްކަތް ކުރެއްވުމެކެވެ. ނިކަން ސީރިއަސް ކަމާއެކު ރައްޔިތުން ވެކްސިން ޖެހުމަށް ހިތްވަރު ދެއްވުމުގެ މަސައްކަތްޕުޅެކެވެ.

މޭގަންގެ އިންޓަރވިއުގައި ނަމުން ފާހަގަ ކުރެއްވި ޝާހީ ޚާންދާންގެ ހަމައެކަނި ޝަޚްޞިއްޔަތަކީ، ޑަޗަސް އޮފް ކޭމްބްރިޖް އެވެ. އެކަމަނާ ފާހަގަވެ ވަޑައިގަތީ، ޑަޔާނާއާ ޚިލާފަށް ކުރިމަގުގެ ރަސްގެފާނު ފިރިކަލުންގެ ނިވަލުގައި މަދަދުގާރެއްގެ ގޮތުގައި އުޅުއްވާ މަންޒަރުގައެވެ. މިއީ އަމީރާ ޑަޔާނާ އާ ވަރަށްވެސް ތަފާތު ގޮތަކަށް ސިފަ ވެވަޑައިގަތުމެކެވެ. އެކަމަނާގެ ހަރަކާތްޕުޅުތަކާއި މީޑިއާ ފްލޭޝްގެ ދިހުންތަކުން ފިރިކަލުން އަމީރު ޗާލްސް ސިފަވެވަޑައިގަތީ ދެވަނަ ސަފުން ފެނިވަޑައިގަންނަވާ ފަދައިންނެވެ.

ރާނީ ދެއްކެވީ، އިނގިރޭސި ޝާހީ އާއިލާއަކީ، ޒަމާންވީ ސާބިތު އާދަކާދަތައް އަށަގެންފައިވާ ހަރުދަނާ މުއައްސަސާއެއްގެ ގޮތުގައެވެ. ޚިޔާލު ހޯދުންތަކުންވެސް މިކަން ސާބިތުވެގެން ދިޔައެވެ. ނިކަން ބިޔަ ރާޅެއްހެން ނެގި ބާނި، ބޮއްކެން ފަޅައިގެން ދިޔައީއެވެ.

އަވަސް އަރުވައިގެން މީޑިއާ ވާހަކަތަކަށް ރައްދު ދީ، އަބަދު އަނގަ ގަދަކުރަނީ އަނގައިގެ ދަތް ގިނަވަގެން ހެއްޔެވެ؟ ބުނެ އުޅޭ ނޫން ހެއްޔެވެ! "ފަހުން ހީގަންނަ މީހާ މާބާރަށް ހީގަންނާނެ އެވެ!"