ބިޔަ އާގު ބޯޓެއް އުރުމުގެ ސަބަބުން ސުއޭސް ކެނަލް ކަނޑު އޮޅި ބަންދު ވެއްޖެއެވެ. މި ބޯޓް ޓަގްޖަހައިގެން ދުރަށް ގެންދިއުންވެސް ވަނީ ވަގުތީ ގޮތުން ހުއްޓިފައެވެ.

މިސްރުގެ މަސްއޫލުވެރިން ވިދާޅުވާ ގޮތުގައި އަންގާރަ ދުވަހުން ފެށިގެން ހުއްޓިފައިވާ ބޯޓުތަކުގެ ދަތުރުފަތުރުތައް ހޭރިޔާކޮށް ދިނުމަށް ދެތިން ދުވަސް ނުވަތަ އެތައް ހަފްތާއެއް ނަގާފާނެއެވެ.

އުރިފައިވާ ބޯޓަކީ ދެ ލައްކަ ޓަނުގެ އެވަރ ގިވެން ބޯޓެވެ. މި ކަނޑު އޮޅގައި ކޮޅަކަށް ދުވާލެއްގެ މައްޗަށް ފަންސާސް ބޯޓު ހަރަކާތް ކުރެއެވެ. މިހުރިހައި ހަރަކާތެއް މިހާރު ވަނީ ހުއްޓިފައެވެ.

އެވަރ ގިވެން އުރިފައި ވަނީ ވައި ގަދަވުމުގެ ސަބަބުން ކަމަށް ރިޕޯޓްކޮށްފައި ވެއެވެ. ޕެނަމާ ދިދަ ނަގާފައިވާ މި ބޯޓަކީ ތައިވާން ބޯތެކެވެ. 1 އެޕްރީލްގައި ނެދަރލެންޑްސްގެ ރޮޓެޑަމްއަށް ފޯރާ ގޮތަށް މި ބޯޓް ފުރާފައި ވަނީ ޗައިނާ އިންނެވެ.'

ޓަގް ބޯޓްތައް ޖަހައިގެންވެސް މި ބޯޓް ދުރަށް ގެންދެވިފައި ނުވުމުން، މިހާރު މަސައްކަތް ކުރަމުން ދަނީ ބޯޓުން ތެޔޮ ހުސްކޮށް ލުއިކުރުމުގެ މަސައްކަތެވެ. ރޯދަމަހާ ކައިރިކޮށް ދުނިޔޭގެ އެންމެ މުހިންމު ކަނޑު އޮޅި ބަންދުވުމުން މުދަލުގެ އަގު ބޮވެދާނެ ކަމުގެ ބިރު އޮތްކަމަށްވެސް ރިޕޯޓް ކޮށްފައި ވެއެވެ.