ދުންފިނި – 9

0

މިވާހަކައިގެ ބައިތައް ކޮންމެ ހޯމަ ދުވަހަކު ގެނެނެސްދެވޭނެ

“އަޑު އަހާ. އަހަރެމެން ތިބީ މިރޭ މަންމައަށް ސަޕްރައިޒެއް ދޭން. އެހެންވެ ކިޔެވެލި ކިޔެވުމަށް ވެސް އެއްބަސްވީ. މަންމަ ހިތްހަމަ ޖެއްސުމަށް” ރިޝްފާއަށް ރޮވެން ފެށުނެެވެ.

“އެއީ ކޮން ސަޕްރައިޒެއްތަ” ސަކީނާގެ ހިތުގެ ތެޅުން އަވަސްވާން ފެށިއެވެ.

Advertisements

“އަހަރެން ބަނޑުބޮޑު” ރިޝްފާ މަންމަގެ ގައިގައި އޮޅުލައިގަތެވެ.

“ދެން ކިހިނެތް ހަދާނީ” ސަކީނާ ހުރީ ހާސްވެފައެވެ. އަނެއްކާ ޖިންނި ކުއްޖެއްބާ ނޫނީ އިންސާނެއްބާއެވެ. ސަކީނާ ހުރީ ހަދާނެ ގޮތެއް ނޭގިފައެވެ.

“އަހަރެން ވިހަންވާ އިރަށް އަކްރަމްއަކަށް ނުހުރެވޭނެ. މިހާރުވެސް އޭނާ ވަނީ ނުލާހިކު ބަލިވެ ބޮޑެތި ޒަޚަމް ތަކެއް ލިބިފައި” ރިޝްފާ ރޯން ފެށިއެވެ.

“އަކްރަމް ދެން ނާންނާނެތަ” ސަކީނާ އަށް ވެސް ގިސްލެވެން ފެށުނެވެ.

“އާން.އެކަމަކު ދިރިހުުރިހާ ހިނދަކު އަހަރެންގެ ހާލުބަލާ އެހީވާނެ” ރިޝްފާ ރޮމުން ކިޔައިދޭން ފެށިއެވެ.

“އެކަމަކު އެއީ ޖިންނިއެއްނު. ދަރިފުޅު މަންމަ ގެންގުޅޭނީ” ސަކީނާ ހިތްވަރާއިއެކު ރިޝްފާ ހަމަޖެއްސޭތޯ ބެލިއެވެ.

“އަދިވެސް ތިއުޅެނީ އަކްރަމް މަރާލަންތަ” ރިޝްފާ އޭނަގެ މަންމަގެ އަތުގައި ހިފެހެއްޓިއެވެ.

“ސަކީނާ” ގޯތިތެރެއިން މީހަކު ބާރަށް ހަޅޭލަވައިގަތުމާއިއެކު ސަކީނާ ދިޔައީ ސިއްސައިގެންނެވެ. އަވަހަށް ވީ ކިހިނެތްތޯ ބެލުމަށް ރިޝްފާގެ އަތުގައި ހިފައި ދުއްވައިގެންފިއެވެ.

“ކިހިނެތްވީ މާ ބާރަކަށް ތި ހަޅޭލަވަނީ” ގޯތިތެރޭގައި ހުރި ފާއިޒުބެއަށް ދިމާލަށްބުނެލިއެވެ. ފާއިޒުބެ ހުރީ ވަރަށް ހާވެފައެވެ.

“ކިހިނެތްހޭ ވީ ތިވަރަކަށް ހަޅޭ ތި ލަވަނީ” ސަކީނާ ހުރީ ރުންކުރުވެފައެެވެ.

“އެއޮތީ ސުލްތާން މަރާލާފައި” ފާއިޒުބެ ބިރުން ތުރުތުރުއަޅައެވެ.

“ދެން މަ ކީއްކުރާނީ. ހިނަވަން ދާންވީތަ” ސަކީނާ މަލާމާތުގެ ރާގަކަށް ބުނެލިއެވެ.

“ކަލޭގެ އަކްރަމް އޭނާ މަރާލީ” ފާއިޒުބެ ވަރަށް އިތުބާރާއި އެކީ ބުނެލިއެވެ.

އަނެއްކާވެސް ރަށަށް ބިރުވެރިކަން ފެތުރެނީއެވެ. ރައްޔިތުން އެންމެ އިތުބާރު ކޮއްގެން އުޅުނު ސުލްތާވެސް މަރުވީއެވެ. ކަށުކަމާކެމީގެ ކަންތަކުގައި ގިނަބަޔަކު ބައިވެރިވިއެވެ. އިރުއަރަންދެން ރަށުގެ ރައްޔިތުން އުޅުނީ ހޭލައެވެ.

*******

ސަކީނާއާއި ރިޝްފާގެ ކަމަކީ އަބަދު ލިބެން އުޅޭ ދަރިފުޅުގެ މުސްތަޤުބަލާއި މެދު މަޝްވަރާ ކުރުމެވެ. ކުރިއަަށް ދާންވީ ގޮތް ހޯދުމެވެ. ނަމަވެސް އެމީހުންނަށް އޮތް އެންމެ ބޮޑު ބިރަކީ ދަރިފުޅަކީ ކޮންކަހަލަ ކުއްޖެއްކަން ނޭގޭތީއެވެ. ޖިންނި ކުއްޖެއްތޯ ނުވަތަ އަހަރެމެން ކަހަލަ އިންސާނެއްތޯއެވެ. ޖިންނި ކުއްޖެއްވިއްޔާ އެކުއްޖާ ބެލެހެއްޓުމަކީ ވަރަށް އުދަގޫ ކަމަކަށް ވާނެެއެވެ. ސަބަބަކީ ރަށުގެ ރައްޔިތުންގެ ބިރުވެރިކަމާއި ނުރުހުމެވެ. ކޮންމެ ގޮތެއް ވިޔަސް އެއީ ރިޝްފާގެ ދަަރިއެއް ނޫންކަމަކަށް ނުވާނެެއެވެ.

********

ސުލްތާންގެ މަރަށް ހަފްތާއެއް ފަހުން މިރޭ އަނެއްކާވެސް ކިޔެވެލި ކިޔަވަން ސުލްތާންގެ ގްރޫގެ ކުދިން ދިޔައީ ހަމަޖެހިފައިވާ ގަޑިއަށް ތައްޔާރު ވަމުންނެވެ. އެގްރޫޕަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އަޔަސް އެމީހުން ތިބީ ގޮތް ދޫކުރާ ކަހަލަ ގޮތަކަށް ނޫނެވެ.

ކިޔެވުން ފަށައިގަތީ ނަސީރުބެ އިސްކޮށް ހުރެގެންނެވެ. ނަސީރުބެއަކީ މިރަށް ކައިރީގައި އޮންނަ ރަށެއްގެ މީހެކެވެ. ސުލްތާން މަރަށް ފަހު ގްރޫޕް ލީޑްކުރަން ހަވާލުވެ ހުރީ ނަސީރުބެއެވެ. ނަސީރުބެއަކީ މިކަމުގެ ތަޖުރިބާ ކޮންމެވެސް ވަރަކަށް ހުރި މީހަކަށް ވުމުން ރަށުގެ ރައްޔިތުން ތިބީ އުއްމީދުން ފުރިފައެވެ. ނަސީރުބެ އަޑުދަށުން ކިޔެވުން ކުރިއަށް ދިޔައިރު އަތުގެ ހަރަކާތުން ކޮންމެވެސް މީހަކާއި ވާހަކަ ދައްކާހެން ހީވެއެވެ. ބައެއްފަހަރު މީހުންގެ ވަށައިގެން އެނބުރުމާއި ތަފާތު ހުނަރު ދައްކަމުން ދިޔައެވެ. ކުއްލިއަކަށް އެންމެން ސިއްސައިގެން ދިޔައީ އަކްރަމް އައިސް އެތަނަށް ހުއްޓުމުންނެވެ. އަކްރަމް އައި ދިމާލެއްވެސް ނޭގެއެވެ. ބަލާކަށް ނުހުރެ ނަސީރުބެ އަތުގައި އޮތް ފެންތަށި އަކްރަމްގެ މޫނަށް ވަރަށް ހުށިޔާރުކަމާއި އެކު ޖެހިއެެެވެ. އަކްރަމް ތެޅެން ފެށިއެވެ. މުޅި ހަށިގަނޑު ތުރުތުރުއަޅަމުން ދިޔައެވެ. މުޅި ހިސާބުގަޑު ވަނީ ދުމުން ފުރިފައެވެ. އަކްރަމްގެ ގައިގައި މިރޭ އެއްވެސް މީހަކު އަތް ނުލާން ނަސީރުބޭ ދިޔައީ އަންގަމުންނެވެ. އިރުކޮޅަކުން ހީވީ މުޅިތާނގައި އަލިފާން ހިފިހެންނެވެ. އަކްރަމްގެ މުޅި ހަށިގަނޑުގައި ވަނީ އަލިފާން ހިފައިފައެވެ. އަކްރަމް ދުއްވައިގަތީ ރަށުގެ ތުނޑިއާއި ދިމާލަށެވެ. ފަހަތުން ނަސީރުބެ ވެސް ދުވެފައި ދިޔައެވެ.

“އޭތް. އެދަނީ އެފަޅިން ރިޝްފާ ދުވެފައި. އޭނާ ހިފަހައްޓާ” ނަސީރުބޭ ބާރަށް ހަޅޭލަވައިގަތެވެ. ފަހަތުން ސަކީނާވެސް ދުވެފައި އާދެއެވެ. ނަމަވެސް ރިޝްފާ ދުވެފައިދާ ބާރުކަމުން އެއްވެސް މީހަކަށް ރިޝްފާ އާއި އަރާ ހަމަކުރެވޭ ގޮތެއް ނުވެއެވެ. ހީވަނީ ރޫހާނީ ބާރަކުން ރިޝްފާ ގެންދާހެނެވެ.

“މަގޭ ދަރި ގައިގައި އެއްވެސް މީހަކު އަތްނުލާތި” ސަކީނާ ހަޅޭލަވަން ފެށިއެވެ.

“އޭނަވެސް ހިފަހައްޓާ” ނަސީރުބޭ އަކްރަމްގެ ފަހަތުން ވަރުބަލިކަމެއްނެތި ދުވަމުން ދިޔައެވެ.

“ނަސީރޫ.ނަސީރޫ އެއީ ކަލޭގެ ދަރިއެއްތަ ތި ފުއްޕަނީ” ސަކީނާ ހުރީ ރުޅި ކޮންޓްރޯލުން ނައްޓާފައެވެ.

ނަސީރުގެ އަމުރަށް މީރާޒު އައިސް ސަކީނާގެ އުނަގަނޑާއި އެކީ ހިފެހެއްޓިއެވެ. ސަކީނާއަކަށް ގުޑައިވެސް ނުލެވުނެވެ.

“އޭތް ކަލޭ ތިއުޅެނީ މަގޭއަތުން މަރުވާންތަ” ސަކީނާ އެހެން ބުނުމާއި އެކު އަތުގައި އޮތް ވަޅި ނަގާ މީރާޒުގެ ބުރަކައްޓަށް ޖެހިއެވެ. މީރާޒު ދިޔައީ ސިއްސައިގެންނެވެ. އަދި ސަކީނާގެ ހަށިގަނޑުން އަތް ދޫވުމާއި އެކު ހަޅޭލަވަން ފެށިއެވެ. މީރާޒުގެ ހަޅޭކަކަށް ސަކީނާ ބެލުމެއްނެތި ވަޅި ހިފައިގެން އަނެއްކާވެސް ދުއްވައިގަތެވެ. ސަކީނާ ގޮސް ހުއްޓުނީ ނަސީރު އާއި އަރާ ހަމަ ކޮއްފައެވެ. އެއިރު ރިޝްފާ ޚަބަރު ހުސްވެގެން ބިންމައްޗަށް ވެއްޓިފައި އޮތެވެ.

“ކޮބާ އަކްރަމް” ނަސީރުބެ ހުރީ ހާސްވެފައެވެ. އަކްރަމް އެމީހުންގެ ލޯމަތިން ގެއްލުނީއެވެ. އެކަމާއި ނަސީރުބެ ހުރީ ވަރަށް ހާސްވެފައެވެ. ނަސީރުބެއައިސް ރިޝްފާގެ ބޮލުގައި އަތްއެޅިއެވެ. ރިޝްފާ މަޑުމަޑުުން ލޯހުޅުވައިލިއެވެ.

“ކޮބާ އަކްރަމް” ރިޝްފާގެ ބޮލުގައި ފިރުމައިލަމުން ނަސީރުބެ އަހައިލިއެވެ.

“ބަލަ މިބުނީނު އަތްނުލާށޭ.ތީ މަގޭ ދަރިއެކޭ” ސަކީނާ އެކަމަށް ހުރަސް އަޅަން އުޅުނެވެ.

“ސަކީނާ އުފާކޮއްބަލަ. ޖިންނީންގެ ކިބައިން ތި އާއިލާ ސަލާމަތް ކުރެވޭތީ” ނަސީރުބޭ ސަކީނާ އަށް ވިސްނައިދޭން މަސައްކަތް ކުރަމުން ދިޔައެވެ.

“ތިއުޅެނީ މަގޭ ދަރިއާއި ހިތާވެގެން ދޯ” ސަކީނާ މަލާމާތުގެ ރާގަކަށް ބުނެލިއެވެ.

“ބަލަ ތި ސަކީނާ އަދި މަގޭ އަތުން ވަރުގަދަ ބޮޑިއެއް ބޯނެ” މީރާޒަށް ނަސީރުބެ މެންނާ ހަމައަށް އާދެވުނީ ކިރިޔާއެވެ. ޚަބަރު ހުސްވެގެން ވެއްޓުނީއެވެ. މުޅި ގަމީހުގައި ވަނީ ލެއެވެ. ސަކީނާގެ ހަމަލައިންނެވެ.

*******

ރިޝްފާއަށް ހެނދުނު ހޭލެވުނު އިރު ސަކީނާ ހުރީ ސައި ހަދައިފައެވެ. ރިޝްފާ ގޮސް ސައިބޯން މޭޒު ދޮށުގައި އިށީނެވެ. އެއްވެސް މީހަކާއި ވާހަކަ ދައްކަން ބޭނުންނުވާ ކަހަލައެވެ.

“ކޮބާ އަކްރަމްގެ ޚަބަރެއްވިތަ” ސަކީނާ އައިސް ރިޝްފާގެ ބޮލުގައި ފިރުމައިލިއެވެ.

“މަރުވެއްޖެ. އަނދާ ހުލިވެއްޖެ” ރިޝްފާ ރޯން ފެށިއެވެ.

“ދެރަނުވޭ.އެއްވެސް އިންސާނަކަށް ދެރަގޮތެއް މެދުވެރި ނުކުރައްވާނެ” ރިޝްފާ ހިތްހަމަ ޖެއްސޭތޯ ސަކީނާ މަސައްކަތް ކުރަމުން ދިޔައެވެ.

“އަހަރެން ވިސްނަނީ އަހަރެންގެ ދަރިފުޅާއި މެދު” ރިޝްފާ ގިސްލެވެން ފެށިއެވެ.

“ތިއީ ޖިންނި ކުއްޖެއް ވިއްޔާ އެއްލާލާނީ ދޯ” ސަކީނާ ބުނެލިއެވެ.

“ހެޔޮ ބުޅަލަކަށް އަދި މީދަލަކަށް ވިޔަސް އަހަރެން ބަލަހައްޓާނަން” ރިޝްފާގެ އިތުބާރު މަންމަގެ މައްޗަށް ގެއްލުނެވެ.

ސަކީނާ ސިއްސައިގެން ދިޔައީ ރިޝްފާ ރޮއިގަތް އަޑަށެވެ. އެއިރު ބަނޑުގައި އަތްއަޅައިގެން އިދެ ރިޝްފާ ރޮމުން ދިޔައެވެ. ސަކީނާ ހާސްވެގެން ދެކޮޅަށް ދުވަން ފެށިއެވެ. ރަށުގެ އެއްވެސް މީހަކަށް މި ޚަބަރުދީ އެހީތެރިކަމަށް އެދޭކަށް ނުކެރޭނެއެވެ. ސަކީނާގެ ގޮތް ހުސްވިކަހަލައެވެ. އެެންމެފަހުން ރިޝްފާގެ އުނަގަނޑުގައި ހިފަހައްޓާލައިގެން ގޮސް ކޮޓަރިއަށް ވަނެވެ. އަދި ދުވެފައި ބަދިގެއަށް ދިޔައީ ފެންފޮދެއް ބަލައެވެ. ދޮރު ހުޅުވާލާފައި ބަދިގެއަށް ނުވަދެވެނީ ކޮޓަރިން ކުޑަކުއްޖަކު ރޯ އަޑު އިވުނެވެ. ސަކީނާ ބަލާ ދިޔަ ފެންފޮދުގެ މަތިންވެސް ހަނދާންނެތުނެވެ. ދުވެފައި ގޮސް ކޮޓަރިއަށް ވަނެވެ.

= ނުނިމޭ =

Advertisements
Avatar
.މުޙައްމަދު އީމާން އަކީ އޮންލައިން ނޫސްތަކަށް ވާހަކަ ލިޔުމުގައި ދިގު މުއްދަތެއް ހޭދަކޮއްފައިވާ ލިޔުންތެރިއެކެވެ

LEAVE A REPLY

Please enter your comment!
Please enter your name here