އިންޑިއާއިން ޖައްވުގައި މިސައިލަކުން ސެޓެލައިޓެއް ވައްޓާލުމަށް ފަހު މިހާރު ފަޒާގައި އަސްކަރީ ކުޅަދާނަކަން އިތުރު ކުރުމަށް މަސައްކަތް ފަށައިފިއެވެ. އިންޑިއާގެ ޑިފެންސް ރިސަރޗް އޮގަނައިޒޭޝަނުން ބުނާ ގޮތުން ސެޓެލައިޓާއި ސެންސަރުތައް ޑިވެލޮޕް ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
މިއީ އިންޑިއާން އިއުލާން ކުރި މިޝަން ޝަކްތީއެވެ. މިދިޔަ ދެ އަހަރުގެ ތެރޭގައި ދިފާއީ ކުޅަދާނަކަން އިތުރު ކުރުމަށް އެކި ރޮނގުރޮނގުން ކޮށްފައިވާ ކަންކަން ޑިފެންސް ރިސަރޗް އޮގަނައިޒޭޝަނުން ފާހަގަ ކުރިއެވެ.
އިންޑިއާއިން ވަނީ ޑިފެންސް ސްޕޭސް އެޖެންސީއެއް ވެސް ގާއިމް ކޮށްފައެވެ.
އިންޑިއާ ސަރުކާރުން ބުނާ ގޮތުން ޗައިނާއިން ލަދާކްގައި ދީފައިވާ އަސްކަރީ ހަމަލައަށް ފަހު އިންޑިއާއިން ވަނީ ފަޒާގެ ދާއިރާގާއި އިންޓެލިޖެންސް އެއްކުރުމުގެ މަސައްކަތް ހަލުއިކޮށްފައެވެ.
ބެންގަލޯރ ގައި ހުންނަ ޑިފެންސް ސްޕޭސް އެޖެންސީ އަކީ ވައިސް އެއަރ މާރޝަލްގެ ފެންވަރުގެ ވެރިއެއްގެ ބެލުމުގެ ދަށުން ހިންގާ އިދާރާއެކެވެ. މިއީ ސިފައިންގެ ތިން ޚިދުމަތަށްވެސް އެހީތެރިވާ އިދާރާއެކެވެ.