އިންޑިއާ ޕާކިސްތާން މަސްރަހުން ކުއްލިއަކަށް އައު މަންޒަރުތަކެއް ފެންނާން ފަށައިފިއެވެ. ބަސްމަގުވެސް ބަދަލު ވެއްޖެއެވެ. މިދިޔަ ދުވަސްތަކުގައި މިބައި މީހުން އުޅެފައިވާ ގޮތާއި މޮށެފައިވާ ވާހަކަތަކަށް ބަލައި ލަމާ ހެއްޔެވެ؟

ކުއްލިއަކަށް ހަމަލާތައް ބަދަލު ކުރުން ހުއްޓާލިކަން އިޢްލާން ކުރުން:

މިއީ ހަމަ ކުއްލިއަކަށް އައި ޚަބަރެކެވެ. އިންޑިއާއާއި ޕާކިސްތާން ސިފައިންގެ ފަރާތުން މިދިޔަ މަހު އިޢްލާން ކުރީ އަސްކަރީ ހަމަލާތައް ހުއްޓާލާފައިވާ ކަމަށެވެ. އަދި ދެން ފެނިގެން ދިޔަ ކަންތައްތަކުން ދޭހަވަނީ ދެ ގައުމުންވެސް ޒަމާންވީ ދުޝްމަނީ ވަގުތީ ގޮތަކަށް ނަމަވެސް ފަހަތަށް ޖައްސާލައި ސުލްހައަށް ފުރުސަތެއް ދިނީ ހެންނެވެ.

އެއް ބަޔަކު ބުނަނީ މިއިން ނަތީޖާއެއް ނުފެންނާނެ ކަމަށެވެ. އެކަމަކު ގިނަ ބަޔަކު މިކަމަށް މަރުހަބާ ކިޔައި ހިތްހަމަޖެހިލިއެވެ.

މިއިން ފެނިގެން ދިޔަ އަނެއް ކަމަކީ ސިފައިންގެ ނުފޫޒުން ހިންގާ ޕާކިސްތާންގެ މަދަނީ ސަރުކާރާއި ސިފައިންވެސް މިކަމުގައި އެއްބަހެއް ކިޔާފައިވާ ކަމެވެ.

އިންޑިއާއިން ހަމަލަ ދިނުން ހުއްޓާލުން

އިންޑިއާގެ ފެޑެރަލް ފެވަރުގެ އިންތިޚާބުތަކާއި ސަރަހައްދީ ފެންވަރުގެ އިންތިޚާބުތަކުގައި އަބަދުވެސް ޕާކިސްތާނަކީ މައުޟޫއެކެވެ. ޕާކިސްތާނާ ނުބެހި އިންތިޚާބެއް ނިންމާލާކަށް ނުވާނެއެވެ. އެހެން ނަމަވެސް މިހާރު ހިނގަމުންދާ ހަތަރު ސްޓޭޓްގެ ސަރަހައްދީ އިންތިޚާބުގައިވެސް ޕާކިސްތާނާ ބެހުމެއް ނުވެއެވެ.

ދެ ފަރާތުންވެސް ބޮޑު ވާހަކައެއް ނުބުނޭ

އިންޑިއާއާއި ޕާކިސްތާންގެ މަސްއޫލުވެރިންވެސް މާ އުންމީދީ ވާހަކަތަކެއް މިކަމާ ގުޅިވައިގެން އަދި ދައްކާފައެއް ނުވެއެވެ. މިއީ މީޙުންގެ އުންމީދު އާލާވެ. މައްސަލައަށް އިތުރު ހަލަބޮލި ކަމެއް ގެންސްދޭ ކަމެކެވެ. އެހެންވެ، ދެ ފަރާތުން ވެސް ފެންނަނީ ކުދި ފިޔަވަޅުތަކާއެކު ކުރިއަށްދާ ތަނެވެ. ފަހަރެއްގައި ބޮޑެތި ފިޔަވަޅުތަކެއް ފަހުން އެޅުމުގެ މަގްސަދުގައެވެ.

ބޮޑު ވަޒީރާއި އިސް ޖެނެރަލްގެ ވާހަކަފުޅު:

ޕާކިސްތާންގެ އިސްލާމްއާބާދު ސެކިއުރިޓީ ޑައެލޮގް ގައި ވާހަކަ ދައްކަވަމުން 17 މާޗްގައި ޚާން ވިދާޅުވީ، އގްތިސާދީ ގޮތުން ތަނަވަސްވާނީ ސަރަހައްދުގައި ސުލްޙަ ގާއިމް ކުރެވިގެންނެވެ.

"ސަރަހައްދީ ގޮތުން ޕާކިސްތާން އޮތް މުހިންމު ތަނުން ޕާކިސްތާނަށް ފައިދާއެއް ލިބޭނީ އަވަށްޓެރިޔާއާއެކު ސުލްހަ ގާއިމް ކުރެވި ވިޔަފާރި ގުޅުން އަލުން ރުޖޫއަ ކުރެވިގެންނެވެ." ޚާން ވިދާޅުވިއެވެ، އަދި އިތުރަށްވެސް ވިދާޅުވިއެވެ. "އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުންނެވެ. އެކަމަކު ފުރަތަމައަށް އިސްނަގަން ޖެހޭނީ އިންޑިއާއިންނެވެ. އެހެން ނޫންނަމަ އަޅުގަނޑުމެންނަށް ކުރިއަކަށް ނުދެވޭނެއެވެ." އިންޑިއާއިން އަޅަން ޖެހޭ ފިޔަވަޅެއް ޚާން ސާފުކޮށް ވިދާޅެއް ނުވެއެވެ.

ހަމަ އެކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ސިފައިންގެ އިސް ޖެނެރަލް ގަމަރު ޖާވިދު ބާޖްވާ ވިދާޅުވީ ޕާކިސްތާނާއި އިންޑިއާއިން މާޒީ ފަހަނަޅައި ގޮސް ކުރިއަށް ދާން ވެއްޖެއެވެ. އަދި އިންޑިއާއިން ފަހި މާހައުލެއް ގާއިމްކޮށް ދޭން ޖެހޭ ކަމަށްވެސް ބާޖްވާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ދެމެހެއްޓެނިވި ސުލްހައެއް އަންނާނީ ކަޝްމީރު މައްސަލަ ހައްލު ކުރެވިގެންނެވެ. އަދި ހައްލު ނުވެހުރި މައްސަލަތައް ހައްލުކުރަން ޕާކިސްތާނުން ތައްޔާރަށް އޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ސުލްހަވެރި ގޮތުގައި މަޝްވަރާތައް ބާއްވަން ބޭނުންކަމުގެ އިޝާރާތެއްވެސް ދެއްވިއެވެ.

ބާޖްވާ ވިދާޅުވީ ދެކުނު އޭޝިއާއި މެދުތެރޭ އޭޝިއާގެ ފުރިހަމަ އިގްތިސާދީ ހަކަތަ ފެނިގެން ދާނީ އިރުމައްޗާއި ހުޅަނގު އޭޝިއާއާ ދެމެދު ދަތުރުފަތުރަށް ގުޅުވާލެވިގެންނެވެ. އަދި މިކަމަށް އޮތް ހުރަހަކީ ދެކުނު އޭޝިއާގެ ހަތުރުވެރިކަމުގެ މާހައުލެވެ.

މޮދީގެ ސިޓީ:

އިންޑިއާ ބޮޑު ވަޒީރު ނަރެންދްރަ މޮދީ ވަނީ 23 މާޗްގައި ޕާކިސްތާން ދުވަހުގެ މުނާސަބާގައި ބޮޑު ވަޒީރު އިމްރާން ޚާނަށް ސިޓީއެއް ފޮއްނުއްވާފައެވެ. މި ސިޓީ ގައި މޮދީ ވިދާޅުވީ، "އަވަށްޓެރިއެއްގެ ހައއިސިއްޔަތުން ޕާކިސްތާން ރައްޔިތުންނާ އެކު ރަހްމަތްތެރި ގުޅުމެއް ބާއްވަން އިންޑިއާއިން ބޭނުން ވެއެވެ.... މިކަމަށްޓަކައި ޓެރަރިޒަމުން ސަލާމަތް ވެފައިވާ އަދާވާތްތެރިކަމެއް ނެތް މާހައުލެއް ބޭނުން ވެއެވެ."

މޮދީގެ ސިޓީފުޅަށް ޕާކިސްތާނުން އެދެވޭ ތަރުހީބެއް ލިބިގެން ދިޔައެވެ.

ޕާކިސްތާންގެ މިނިސްޓަރ އޮފް ޕްލޭނިންގ، ޑެވެލޮޕްމެންޓް، ރިފޯރމްސް އެންޑް ސްޕެޝަލް އިނިޝިއޭޓިވްސް އަސަދު އުމަރު ވިދާޅުވީ، މިއީ "އުންމީދީ މެސެޖެއް" ކަމަށެވެ. މި ސިޓީފުޅުގެ ކުރިން ޚާންގެ ކޮވިޑް އާލާސްކަންފުޅުން އަވަސް ޝިފާއަކަށްވެސް މޮދީ އެދިވަޑައިގަތެވެ.

މި ސިގްނަލް ތަކާއެކު ފެންނަނީ ފަސް މަންޒަރުގައި ބޮޑު ކަމެއް އުޅޭ ހެންނެވެ. ދެފަރާތް ދެމެދު ކޮންމެވެސް ބަޔަކު މަޝްވަރާގައި އެތައް ދުވަހެއް ކުރިން އުޅޭ ކަމުގެ ވާހަކައަކީވެސް ޔަގީން ކޮށްދެވިފައި ނެތަސް ގަބޫލު ކުރެވޭ ވާހަކައެކެވެ.

އަދި މި ދަނޑިވަޅުގައި އިންޑިއާއާއި ޕާކިސްތާނުން ވަނީ ފެން ހިއްސާ ކުރުމާ ބެހޭ މަޝްވަރާތަކެއްވެސް ނިއުދިއްލީގައި ބާއްވާފައެވެ. މާޗް 23 އަދި 24 ގެ މަޝްވަރާތަކަކީ އިންޑިއާއިން ޕާކިސްތާނަށް ވަންނަ ކޯރުތަކުގެ ފެނާ ބެހޭ ގޮތުން 3 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ބޭއްވި ފުރަތަމަ މަޝްވަރާއެވެ.

އިންތިޒާރެއް:

އިންޑިއާއާއި ޕާކިސްތާނުން ވަނީ ޓެރަރިޒަމްގެ ތުހުމަތުތަކާ އެކު ދެފަރާތުގެ މަޝްވަރާތައް ހުއްޓާލާފައެވެ. ނަމަވެސް މި މަހު ފަހު ކޮޅު ދުޝާންބޭގައި ދެ ގައުމުގެ ޚާރިޖީ ވަޒީރުން އެއް ކޮންފަރެންސެއްގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ. މި ދެބޭފުޅުން މަޝްވަރާތައް ބާއްވަފާނެ ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް ޕާކިސްތާންގެ ދުވަހު ނޫސް ޑޯން އިން ބުނަނީ ދެ ބޭފުޅުން މަޝްވަރާތައް ކުރެއްވުމަކީ އޮތް ކަމކެވެ.

ދެ ގައުމުގެ ދެމެދުގެ ވިޔަފާރި:

އިންޑިއާ ޕާލަމެންޓްގައި ސުއާލުތަކަށް ޖަވާބު ދެއވަމުން، ކޮމާސް މިނިސްޓަރ ހަރްދީޕް ޕޫރީ ވިދާޅުވެފައި ވަނީ ދެފަރާރުގެ ވިޔަފާރި ފެށުމަށް އުންމީދުގެ ހުޅުކޮޅެއް ފެންނަ ކަމަށެވެ. މިއީ ދެގައުމުގެ މަސްލަހަތަށްވެސް މުހިންމު ކަމެކެވެ. ވަރލްޑް ބޭންކު ބުނާ ގތުން މި ދެ ގައުމުގެ ދެމެދުގެ ވިޔަފާރިއަކީ 37 ބިލިއަން ޑޮލަރުގެ އަގުހުރި ވިޔަފާރިއެކެވެ.

އިންޑިއާ ޕާކިސްތާންގެ އަސްކަރީ ތަމްރީންތައް:

ދެ ގައުމުން އަސްކަރީ ތަމްރީންގައި ބައިވެރިވެދާނެ ކަމުގެ އެއްވެސް އިޝާރާތެއް އަދި ދިފައެއް ނުވެއެވެ، ނަމަވެސް ޝެންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަން ގެ މެންބަރުން ޕާކިސްތާންގެ ޚައިބަރު ޕަޚްތޫން ޚުވާގައި ބާއްވާ ތަމްރީންގައި އިންޑިއާއަށް ދައުވަތެއް ލިބިފައި ވެއެވެ. މި ތަމްރީނަށް އިންޑިއާ ސިފައިން ހިނގައްޖެ ނަމަ ވަޅޯ ގުޅުމަށް އިތުރު ދިރުމެއް ލިބުނު ކަމަށް ބެލެވުނީއެވެ. މިކަން ވެގެންދާނީ އަސްކަރީ ތަމްރީނެއްގައި އިންޑިއާ ސިފައިން ޕާކިސްތާނަށް ދާ ފުރަތަމަ ފަހަރު ކަމަށެވެ.

ކާކުގެ ޚަންޖަރު ކާކު ބުރަކަށްޓަށް؟

މިދިޔަ ތާނގައި ބީޖޭޕީގެ އެހެން ބޮޑު ވަޒީރެއް ކަމުގައިވާ ވާޖްޕާއީވެސް ޕާކިސްތާނަށް ވަޑައިގަތެވެ. ސަމްޖޯތާ ރޭލްގެ ދަތުރުތައްވެސް ފެށްޓެވިއެވެ. ވިޔަފާރި ގުޅުންވެސް އާލާ ކުރެއްވިއެވެ. މަންމޯހަން ސިންގ ވެސް ޕާކިސްތާނާ ބެހި ވަޑައިގަތުމަކާ ނުލައި ވިފަރީގެ ގުޅުން ކުރިއަށް ގެންދެވިއެވެ. ޖެނެރަލް މުޝައްރަފްވެސް އިންޑިއާއަށް ފުރަމާނަ ދަތުރުފުޅެއްގައި ވަޑައިގަތެވެ.

ދެ ގައުމުން އަޅާ ފިޔަވަޅުތަކަށް ފަހު އަޑީ ދައުލަތުން ގުޅުން ހީނަރުކޮށްލައެވެ.

މިއަދު މާހައުލު ތަފާތު:

މިއަދު ސިޔާސީ މައިދާނަށް ބޮޑެތި ބަދަލުތަކެއް އައިސްފައި ވެއެވެ. ކަޝްމީރުގެ ޒާތީ މިނިވަންކަމަށް ދެ ގައުމުން ވަނީ ބަދަލު ތަކެއް ގެނަސްފައެވެ.

ހައްދުފަހަނަޅާފައިވާ ދީނީ މީހުންގެ ތެރޭން ކުރިން ނަގާކިޔައި އުޅުނު މީހުން އަދި ޓެރަރިޒަމްގެ ތުހުމަތުގައި އިނގިލި ދިއްކުރެވިފައިވާ މީހުން މިހާރު ތިބީ ޖަލުގައެވެ.

ބައެއް މީހުން ވަނީ މަރުވެފައެވެ. (ތަޙްރީކޭ ލައްބައިކަ ޔާރަސޫލުﷲގެ ލީޑަރު ރިޒްވީ)

ސިފައިންނާއި ޕާކިސްތާންގެ މަދަނީ ސަރުކާރުންވެސް އިންޑިއާއާ ސުލްޙައާ ބެހޭ ގޮތުން ދެކެނީ އެއް ގޮތަކަށެވެ.

ވެރިކަމުގައި ތިބީ ކުރިން މޫލާފައި ތިބި ޕާޓީތަކާ ނުބެހޭ އައު ބައެކެވެ.

ނޯބެލްގެ އިނާމު:

އަބަދުވެސް އެންމެ ހީނުކުރާ އެންމެ ބޮޑެތި ހަތުރުން ކުއްލި ފިޔަވަޅު ތަކަކާއެކު ސލްހަ ގާއިމް ކޮށްލައެވެ. މޯޝޭ ދައްޔާނާއި އަންވަރުއް ސާދާތަކީ އިސްތިސްނާއެއް ނޫނެވެ. އަދި ޝިމޯން ޕެރޭޒްއާއި ޔިޓްސަކް ރަބީންއާއި ޔާސިރު އަރަފާތަކީވެސް އިސްތިސްނާއެއް ނޫނެވެ. ހަމައެފަދައިން ދެކުނު އެފްރިކާގެ އެފްޑަބްލިޔޫ ޑިކްލާރކްއާއި ނެލްސަން މަންޑޭލާވެސް އިސްތިސްނާއެއް ނޫނެވެ.

އެހެންވީއިރު ނަރެންދްރަ މޮދީއާއި އިމްރާން ޚާނަކީވެސް އިސްތިސްނާއެއް ނޫނެވެ. ފަރުދާގެ ފުރަގަހުން ފަސްމަންޒަރުގައި ހިނގަމުންދާ ނުފެންނަ މަސައްކަތް ނާކާމިޔާބު ވެއްޖެނަމަ، ކާކުގެ ޚަންޖަރު ވަންނަނީ ކާކުގެ ބުރަކަށްޓަށްކަން ސާފުވެގެންދާނެއެވެ. ސުލްޙަ ގާއިމްކޮށް ސުލްޙަ ދަމަހައްޓާފައި ވަނީ އެންމެ ބޮޑެތި ހަތުރުންނެވެ.