ޝިންޖިއާންގެ މުސްލިމުންނަށް އިހާނެތިކޮށް ހިތައި އެމީހުންގެ އިންސާނީ ހައްގު ނިގުޅައި ގަނެ ލާއިންސާނީ އަމަލު ހިނގަމުންދާކަމަށް ޗައިނާއަށް އިނގިލި ދިއްކުރުމުގެ ނަތީޖާއަކީ ޗައިނާގެ ރައްދު ފިޔަވަޅު ތަކެވެ.

ސުއިޑްންގެ ކުންފުނި އެޗް އެންޑް އެމް ގެ ޗައިނާ ފިހާރަތައް ބަންދުކުރުމަށް އެ ފިހާރަތައް ކުއްޔަށް ދީފައިވާ ފަރާތްތަކުން ދަނީ އެޗް އެންޑް އެމްއަށް މަޖުބޫރު ކުރަމުންނެވެ.

ނައިކީ ކުންފުނީގެ ހިއްސާވެސް ދަނީ އޮލަނބަށް ތިރިވަމުންނެވެ.

ޝިން ޖިއާންއަކީ ކަފަ އުފެއްދުމުގެ މަޝްހޫރު ހިސާބެކެވެ. މުސްލިމުޖންގެ މި ސަރަހައްދު ޗައިނާއިން ހިފި ފަހުން، ދީފައި އޮތް ޒާތީ މިނިވަންކަން މިހާރު އޮތީ ނަމެއްގައެވެ.

އދއާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން ބުނަނީ، މިލިއަނެއްހާ މީހުން ޖަލުތަކުގައި ބަންދުކޮށް ގަދަކަމުން މަސައްކަތް ކުރުވޭ ކަމަށެވެ. އަދި އަންހެނުންގެ އިއްފަތް ފޭރިގަނެ، ދަރިމައި ނުވާގޮތް ހަދާފައުވާ ކަމުގެ ރިޕޯޓްތައް ދުނިޔޭގެ މީޑިއާއިން ވަނީ އަޑާއި މަންޒަރާއެކު ގެނެސްދީފައެވެ.

ޗައިނާއިން ބުނަނީ މިއީ މުޅިންވެސް ހޮޅިވާހަކަތަކެއް ކަމަށެވެ. އަދި މިފަދަ އިން ވާހަކަ ދައްކައި ޗައިނާގެ އަގު ވައްޓާލުމަށް މަސައްކަތް ކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށްވެސް ޗައިނާއިން ވަނީ ބުނެފައެވެ.

ޗައިނާ އިން އެމެރިކާއާ ދެކޮޅަށް އެޅި ފިޔަވަޅު ގައި ދީނީ މިނިވަންކަމާ އިންސާނީ ހައްގުތަކާ ބެހޭ އެމެރިކާގެ ކޮމިޝަންގެ ރައީސާއި ނާއިބް ރައީސާ ދެކޮޅަށް ޗައިނާއިން ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.

ޗައިނާއިން ބުނެފައިވަނީ މިއިން އެއްވެސް މީހަކަށް ޗައިނާއާ އެކު މާލީ މުއާމަލާތެއް ނިހިންގޭނެ ކަމަށެވެ. އަދި ޗައިނާގެ ސަރަހައްދަކަށް ޒކިޔާރަތެއް ނުކުރެވޭނެ ކަމަށެވެ.

ވިލާތު އިއްތިހާދުގެ ގައުމުތަކުން ވަނީ ޗައިނާގެ ހަތަރު މަސްއޫލު ވެރިންނާ ދެކޮޅަށް ޝިންޖިއާންގެ މުސްލިމުންގެ ހައްގުތަކަށް އަރައިގަތް މައްސަލާގައި ފިޔަވަޅު އަޅާފައެވެ. ރައްދުގައި ޗައިނާއިން ވަނީ ޔޫރަޕްގެ ދިހަ ފަރާތަކާ ދެކޮޅަށް ފިޔަވަޅު އަޅާފައެވެ.