ދުންފިނި – 10

0

މިވާހަކައިގެ ބައިތައް ކޮންމެ ހޯމަ ދުވަހަކު ގެނެސްދެވޭނެ

ސަކީނާ ސިއްސައިގެން ދިޔައީ ރިޝްފާ ރޮއިގަތް އަޑަށެވެ. އެއިރު ބަނޑުގައި އަތްއަޅައިގެން އިދެ ރިޝްފާ ރޮމުން ދިޔައެވެ. ސަކީނާ ހާސްވެގެން ދެކޮޅަށް ދުވަން ފެށިއެވެ. ރަށުގެ އެއްވެސް މީހަކަށް މި ޚަބަރުދީ އެހީތެރިކަމަށް އެދޭކަށް ނުކެރޭނެއެވެ. ސަކީނާގެ ގޮތް ހުސްވިކަހަލައެވެ. އެެންމެފަހުން ރިޝްފާގެ އުނަގަނޑުގައި ހިފަހައްޓާލައިގެން ގޮސް ކޮޓަރިއަށް ވަނެވެ. އަދި ދުވެފައި ބަދިގެއަށް ދިޔައީ ފެންފޮދެއް ބަލައެވެ. ދޮރު ހުޅުވާލާފައި ބަދިގެއަށް ނުވަދެވެނީ ކޮޓަރިން ކުޑަކުއްޖަކު ރޯ އަޑު އިވުނެވެ. ސަކީނާ ބަލާ ދިޔަ ފެންފޮދުގެ މަތިންވެސް ހަނދާންނެތުނެވެ. ދުވެފައި ގޮސް ކޮޓަރިއަށް ވަނެވެ.

“ކޮބާ ދަރިފުޅު” ސަކީނާ ހުރީ ހާސްވެފައެވެ.

Advertisements

“މަންމަ މޮޔަވީތަ. ކޮންދަރިފުޅެއް” ރިޝްފާ ސުވާލު ކުރިއެވެ.

“ރިޝްފާ.. ތިދެން ބޮޑުވަރު.ކޮބާހޭ ދަރިފުޅު” ސަކީނާ ރުޅިގަދަވިއެވެ.

“މަންމާ އަހަރެން ދަރިއެއް ނުވިހަމޭ” ރިޝްފާ ވެސް ރުޅިގަދަވިއެވެ.

“ޖިންނި ކުއްޖެއްވީމަ ފޮރުވީ” ބާރަކަށް ދޮރުލައްޕަމުން ސަކީނާ ބުނެލިއެވެ.

ސަކީނާގެ ހާސްކަމާއި ބިރުވެރިކަން ހައްތާވެސް ދިޔައީ ބޮޑުވަމުންނެވެ. އެއީ ޖިންނި ކުއްޖެއް ވިއްޔާ ރިޝްފާ އެކުއްޖާ ފޮރުވަފާނެއެެވެ. ސަކީނާ ގޮސް ވަނީ ބަދިގެއަށް ގޮސްވަނީ ފެންފޮދެއް ބަލައެވެ. ނަމަވެސް ކަންތައް ވީގޮތުން އެއްވެސް ކަމެއް ކުރާ ހިތެއް ނެތެވެ. ރަށުން ޖިންނި ކަންތައް ސަލާމަތްވިޔަކަސް ސަކީނާއަށް އަދި އެކަމެއް ނުނިމޭހެން ހީވެއެވެ. ޖިންނި މާމަ ދަރިއެއް ލިބިއްޖެއްޔާ މުޅި އުމުރަށް އެ ޖިންނި ކަންތަކާއި ހަވާލުވާން ޖެހޭނެތާއެވެ. ސަކީނާ ސިއްސައިގެން ދިޔައީ ރިޝްފާ ގޮވައިލި އަޑަށެވެ. ފެންފޮދު ލަސްވެގެން ރިޝްފާ އައިސް ބަދިގެއަށް ވަންނަނީއެވެ.

“މަށަށް މަންމަ ކިޔަންޔާ ޖިންނި ކުއްޖެއް ނުވިހާތި” ސަކީނާ ރުޅިވެރިކަމާއި އެކު ބުނެލިއެވެ.

“މަންމާ” ރިޝްފާ ސަކީނާ ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން ދިޔައެވެ.

“ބުނަން ވާހަކައެއް. ޖިންނި ކުއްޖެއް ވިހައިފިއްޔާ މާގޭ އަތުގައި މިއޮތް ވަޅިން ކޮށާ ކުދިކޮއްލާނަން އެކުއްޖާ” ސަކީނާގެ އަތުގައި އޮތް ވަޅި ދައްކާލަމުން ބުނެލިއެވެ.

****

ރަށުގެ ރައްޔިތުންނަށް މިނިވަންކަމާއި އެކު އުޅެން ފުރުސަތު ލިބިގެން ދިޔައީއެވެ. ރިޝްފާގެ ފިރިމީހާގެ ސަބަބުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ޖިންނި ކަންތައްވެސް ނިމި ދިޔައީއެވެ. ރަށުގައި މިހާރު އެއްވެސް ކަހަލަ ބިރުވެރިކަމެއް ނެތެވެ. އަކްރަމްގެ ހަނދާންތައް ފޮހެލުމަށްފަހު ރިޝްފާވެސް ހަމައަކަށް އެޅުނީއެވެ. މިކަމަކީ ރިޝްފާގެ ކުށެއް ނޫން ކަމަށް ބަޔަކު ގަބޫލު ކުރިޔަސް ރިޝްފާއަށް އެކަމެއް ބަލައެއް ނުގަނެވެއެވެ. ރިޝްފާވެސް ބޭނުމީ ރަނގަޅު ދިރިއުޅުމެކެވެ. ރަނގަޅު މީހަކު ލިބިއްޖެއްޔާ ކައިވެނި ކުރަން ތައްޔާރެވެ. މަދުމަދުން ރަށުތެރެއަށް ނިކުމެ އުޅުނަސް ގިނަފަހަރު އިންނަނީ ގޭގައެވެ.

****

ރިޝްފާ އިނީ ގޯތިތެރޭގައި އިން ޖޯލިފަތީ މަންމަ އަށް އެހީތެރިވުމުގައެވެ. މަންމައަށް އެހީތެރިވުމަކީ ރިޝްފާގެ އުފަލެކެވެ. ރިޝްފާގެ ހުރިހާ އުފަލަކީވެސް މަންމައެވެ. މަންމަ ނުބުނާ ކަމެއް ރިޝްފާއެއް ނުކުރާނެއެވެ. އެންމެ ފަހުން އަކްރަމާއި އިނީވެސް މަންމަ ރުހި ގަބާލުވެގެންނެވެ.

“ދަރިފުޅާ. އެބައޮތް ވާހަކައެއް ދައްކާލަން” ސަކީނާ ރިޝްފާގެ ގާތުގައި ބުނެލީ ވަރަށް ލޯބިންނެވެ.

“ބުނެބަލަ. ބުނެބަލަ. އަހަރެން ވަރަށް ބޭނުން މަންމަގެ ތިވާހަކަ އަޑުއަހާލަން” ރިޝްފާ ހުރީ މަންމަ އެހާ އުފާވެފައި ހުރީމަ އެވާހަކަ އަަޑުއަހަން ކެތް މަދުވެފައެވެ.

“މަންމަ މިއުޅެނީ ނަސީރުބެއާއި އިންނަން. ދަރިފުޅު ގަބޫލުތަ” ސަކީނާ ވަރަށް ލޯބިން ދަރިފުޅު ރިޝްފާގެ ގާތުގައި އެހިއެވެ.

“އަކްރަމް މަރާލި ނަސީރުބެ. ނުވާނެ ތިކަމެއް” ރިޝްފާ ފުސްމޫނު ދައްކައިލިއެވެ. އެއީ ދުވަހަކުވެސް ރިޝްފާގެ ހިތުން ފިލައިގެންދާނެ ދުވަސްތަކެއް ނޫނެވެ. އަދި އެކަން ކުރި ބަޔަކަށް ހައްގު އަދަބު ނުލިބެނީސް ރިޝްފާގެ ލޮލަށް ނިންޖެއްވެސް ނާންނާނެއެވެ. އެމީހުންނަށް ހައްގު އަދަބު ލިބޭތަން ބަލަން ރިޝްފާ ވަރަށް ބޭނުމެވެ.

“ބަލަ ރިޝްފާވެސް އިންނަން ވަރަށް ރަނގަޅު ކުއްޖަކު ހުންނާނެ ހޯދާފައި” ސަކީނާ މަޢުލޫ ބަދަލުކޮށް ރިޝްފާގެ ބޮލަށް އެރެވޭތޯ ދިޔައީ މަސައްކަތް ކުރަމުންނެވެ.

“މަންމަ މީހަކާއި އިންނާނީ ދަރިފުޅު އިނުމަށްފަހު” އަނެއްކާވެސް ސަކީނާ ބުނެލިއެވެ.

****

ދުވަސްތަކަކަށްފަހު މަންމަގެ އެދުމުގެމަތިން ރިޝްފާވެސް ކައިވެނި ކުރީ ރަށުގެ ތަނަވަސް އާއިލާއެއްގެ ހުރި ހަމަ އެކަނި ކުއްޖާ އާއި އެވެ. ދެމީހުންނަކީ ކުރިންވެސް ދަންނަ ދެ ކުދިންނެވެ. އަޝްރަފް އާއި ރިޝްފާ ސްކޫލް ދައުރު ނިންމާލީ އެކު އެކީގައެވެ. ނަމަވެސް ސްކޫލް ނިމުނުތަނާހެން އަޝްރަފް ފުރައިގެން ދިޔައީ މެލޭޝިއާއަށެވެ. ރިޝްފާގެ އެހާ ތަނަވަސްކަމެއް ނެތުމުން ރަށުގައި މަޑުކޮއްލީއެވެ. ނަމަވެސް ތަގުދީރު މިއޮތީ ދެމީހުން އެއްތަން ކުރުވައިފައެވެ. ގިނަ ދުވަސްތަކަށް ފަހުއެވެ. ރިޝްފާ މީހަކާއި އިންއިރުވެސް އަޝްރަފް ހުރީ ހުސްކޮށެވެ. ސްކޫލް ދައުރުގައި ދެމީހުން ދިމާވި ނަމަވެސް އެއްވެސް މީހެއްގެ ހިތުގައި ލޯބީގެ ވިންދެއް ނުޖަހައެވެ. ކިތަންމެ އަވަހަކަށް ކައިވެނި ކުރެވުނަސް ދެމީހުންގެ ދިރިއުޅުމުގެ ކަންތައް އޮތީ ވަރަށް ރަނގަޅަށް ރާވާފައެވެ. ރިޝްފާގެ ފުރަތަމަ ކައިވެނި ރޫޅިގެން ނުވަތަ ބަޔަކު ރޫޅާލިނަމަވެސް ދެން އެކަހަލަ ކަމެއް ދިރިއުޅުމަށް އަޔަނުދޭން ރިޝްފާ ހުރީ ހިތުގައި އަޒުމް ކަނޑައަޅައިގެންނެވެ. އެއްވެސް މީހަކަށް އެދެމަފިރިންގެ ދެމެދަށް ވަނަ ނުދޭންށެވެ. އަޝްރަފްވެސް ރިޝްފާދެކެ އިންތިހާއަށް ލޯބިވެއެވެ. އުފާވެރި ކައިވެންޏެއް ކުރެވުނަސް ރިޝްފާގެ ހިތް ނުތަނަވަސްވަމުން ދިޔައެވެ. މަންމަގެ ކައިވެންޏެވެ. މަންމަ ބުނެފައިވާ ގޮތުން ރިޝްފާގެ ކައިވެންޏަށްފަހު މަންމަގެ ކައިވެނި ކުރިއަށް ދާނެއެވެ. ނަމަވެސް އެކަމަކީ ނުވަތަ އެމީހާ އާއި މަންމަ ގުޅުމަކީ ރިޝްފާއަށް ގަބޫލު ކުރެވޭނެ ކަމެއް ނޫނެވެ. އެކަމަށް އެޅެން އޮތް ކޮންމެ ހުރަހެއް ރިޝްފާ އަޅާނެއެވެ. ނަމަވެސް އެނޫން މީހަކާއި ކައިވެނި ކުރިޔަސް ރިޝްފާގެ އެއްވެސް މައްސަލައެއް ނެތެވެ.

****

ސަކީނާ ނިންމާފައިވާ ގޮތަށް ރިޝްފާގެ ނުގަބޫލުގައި ނަސީރުބެއާއި ކައިވެނީގެ ކަންތަށް ހަމަޖެއްސިއެވެ. ނަމަވެސް މަންމަ ކަމަށް ވާތީ އެންމެ ފަހުން ރިޝްފާ ގޮތް ދޫކޮއްލިއެވެ. ނަމަވެސް ހިތުގެ އަޑިންނެއް ނޫނެވެ. ހަމަ އެކަނި މަންމަ އަށެވެ. އެއީ މަންމަ ކަމުގައި ވާތީއެވެ. މައިންބަފައިންނަށް އޯގާތެރިވާން ޖެހެއެވެ. މަންމަ އާއި ދިމާލަށް އުފް ވެސް ބުނެގެން ނުވާނެއެވެ.

ސަކީނާއާއި ނަސީރުބޭގެ ކައިވެނީގެ ކަންތައް އޮތީ ސަކީނާމެންގެ ގޯތިތެރޭގައެވެ. މުޅިގޯތިތެރެ ކުލަބޮކިތަކުން ދިއްލާލާފައި އޮތްއިރު ގޯތިތެރޭ ކަނެއްގައި ހުރި ގޮނޑިއެއްގައި ރިޝްފާ ބަސްހުއްޓިފައި އިނެވެ. ސަކީނާ ހަފްލާއަށް އައި މީހުންނާއި ސަލާމްކުރަމުން ދިޔައެވެ. ނަސީރުބޭވެސް ފަހަތުން ހިގަމުން ދިޔައެވެ. އެހަފްލާއަކީ ކިތަންމެ އުފާވެރި ރީތި ހަފްލާއެއް ވިޔަސް ރިޝްފާއަށް އެމަންޒަރުވެސް ނުފެންނަ ކަހަލައެވެ. ހަފްލާ ނިމިގެން ދިޔައީވެސް ރިޝްފާ ހަަމަ އެ ގޮނޑީގައި އިންދައެވެ. ހަފްލާ ނިމުމާއި އެކު ރިޝްފާ ގޭތެރެއަށް ވަނެވެ. ފަހަތުން ސަކީނާވެސް ހިގައިގަތީ ގޭތެރެއަށް ވަންނާށެވެ. ނަމަވެސް ނަސީރުބޭ މަޑުކޮއްލީ ރައްޓެހިންނާއި އެކު ވާހަކަ ދައްކާށެވެ.

“މާމާ.މާމާ” ކުޑަ ކުއްޖަކު ގޮވައިލި އަޑަށް ސަކީނާ ދިޔައީ ސިއްސައިގެންނެވެ. ފަސްއެނބުރި ބަލައިލިއިރު ފަހަތުގައި ކުޑަ ފިރިހެން ކުއްޖަކު ހުރުުމުން ހައިރާންވިއެވެ.

“ކޮން ކުއްޖެއްތީ” ސަކީނާ އަހައިލީ ވަރަށް ހައިރާންވެ ހުރެއެވެ.

“މިއީ މާމަ ދަރިފުޅު” އެކުއްޖާ ޖަވާބު ދިނީ ވަރަށް ލޯބިންނެވެ.

“ކޮން މާމައެއް ކިޔާކަށް. އަވަހަށް މިތަނުން ދާން އުޅޭ. އެދިޔައީ ދޯ ކަލޭގެ މަންމަ” ސަކީނާ ހުރީ ވަރަށް ރުޅިގަދަވެފައެވެ.

“ނޫން މާމާ. ކޮންމެ ދުންފިނި ރެއެއްގައި އަހަރެން މިތާ އުޅެމޭ” އެކުޑަ ފިރިހެން ކުއްޖާ އަށް ރޮވުނެވެ.

“އޭތް. މިހިރަ ޖިންނިކުއްޖާ.ކަލޭ ގާތުގައި މި ބުނަނީ މަރާލުމުގެ ކުރިން މިތަނުން ދާށޭ މީހަކަށް ފެނިދާނެއޭ”

= ނުނިމޭ =

Advertisements
Avatar
.މުޙައްމަދު އީމާން އަކީ އޮންލައިން ނޫސްތަކަށް ވާހަކަ ލިޔުމުގައި ދިގު މުއްދަތެއް ހޭދަކޮއްފައިވާ ލިޔުންތެރިއެކެވެ

LEAVE A REPLY

Please enter your comment!
Please enter your name here