އިންޑިއާ ޕާކިސްތާންގެ ސުލްހައަށް ފަރުދާގެ ފުރަގަހުން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް ލަފާކުރެވުނަސް މީޑިއާއަށް މި ފަރާތްތަކުގެގ ތަފްސީލު ދީފައެއް ނުވެއެވެ. އަދި މިކަމާ ގުޅިގެން ނިއުދިއްލީއިން ބުނާ ވާހަކަތަކާއި އިސްލާމްއާބާދުން ބުނާ ވާހަކަތަކުގައި ފުށު އެރުންތަކެއްވެސް އެބަހުއްޓެވެ.

ކްއިންޓް ނޫހަށް މަޢްލޫމާތު ދިން ޕާކިސްތާނުގެ މަސްދަރަކުން ބުނެފައި ވަނީ ދެ ގައުމާ ގުޅުން އޮން ފަރާތަކުން މަސައްކަތް ކޮށްދެނީ ކަމަށެވެ.

އިންޑިއާގެ މަސްދަރުތަކުން ބުނަނީ އިންޑިއާ ޕާކިސްތާން ސުލްހައަށް ޔޫއޭއީ އަކީ ސުލްހައަށް މަސައްކަތް ކުރާ ފަރާތެއް ނޫނެވެ. ނަމަވެސް އެއީ ދެ ފަރާތަށް ބައްދަލުވުމެއް މާހައުލެއް ފަހިކޮށްދިން ފަރާތް ކަމުގައި ވެދާނެ ކަމަށެވެ.

މިމަޝްވަރާތަކުގައި އުޅެނީ މަތީފެންވަރުގެ ބޭފުޅުން ކޮޅެކެވެ. އެއީ ދެ ގައުމުގެ ޚާރިޖީ ވަޒީރުންނާއި އިންޑިއާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ އަޖިތު ޑޯވަލް އެވެ. ޔޫއޭއީގެ ޚާރިޖީ ވަޒީރު ޝެއިޚް ޢަބްދުﷲ ބިން ޒާއިދު އާލްނަހްޔާން ވަނީ މިއަހަރުގެ ފެބްރުއަރީ މަހުވެސް އިންޑިއާއަށް ޒިޔާރަތް ކުރައްވާފައެވެ. އަދި ދެ ގައުމުގެ ޚާރިޖީ ވަޒީރުން ވަނީ ކޮވިޑްގެ ނުރައްކާތެރި ހާލަތުގައި ޔޫއޭއީއަށް ގިނަ ދަތުރުތަކެއް ކުރައްވާފައެވެ.

އެހެން މަސްދަރުތަކުން ބުނާ ގޮތުގައި ސުލްހައިގެ މިމަސައްކަތަކީ އެކަނި އިސްމަސްއޫލުވެރިންގެ މެދުގައި ބަދަލުކުރެވޭ މަޝްވަރާތަކެއްނޫނެވެ. މިކަމުގައި ސެކިއުރިޓީ އަދި އިންޓެލިޖެންޓްގެ ދާއިރާގެ ފަރާތްތަކުން މަޝްވަރާތައް ކުރަމުންގެންދާ ކަމަށްވެސް މަސްދަރުތަކުން މަޢްލޫމާތު ދެއެވެ.

ޕާކިސްތާންގެ ޚާރިޖީ ވުޒާރާގެ ކުރީގެ އެޑްވައިޒަރަކުވެސް ވިދާޅުވާ ގޮތުން މި ސުލްހައިގެ މަސައްކަތުގައި ތިންވަނަ ފަރާތެއް ވެއެވެ. އޭނާ ވިދާޅުވާ ގޮތުން ސައޫދީ އަރަބިއްޔާއާއި ޔޫއޭއީ ފިޔަވައި އިންޑިއާއާއި ޕާކިސްތާނު ދެގައުމާ އެއްވަރަކަށް މިދުވަސްވަރު ގާތް އެހެން ގައުމެއް ނުވެއެވެ.

ސާފުކޮށް މިކަމަށް ޔަގީން ކަމެއް ވެސް އަދި ތަފްސީލެއް ނުލިބުނު ނަމަވެސް މުހައްލިލުން އައދިވެސް ދަނީ އިތުރު މައްލޫމާތު ހޯދަމުންނެވެ.