އިންޑިއާއާއި އެމެރިކާއިން ދެ ދުވަހުގެ ކަނޑުމަތީ ތަމްރީންތަކެއް ފަށައިފިއެވެ. އިރުމަތީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި ބާއްވާ މި ތަމްރީން ތަކުގައި އިންޑިއާއިން މަނަވަރާއި ދިގު ރާސްތާއަށް ފޯރި މަރާ މަތިންދާބޯޓްތައް ބޭނުން ކުރެއެވެ. އަދި އެމެރިކާއިން މަތިންދާބޯޓް އުފުލާ ޔޫއެސްއެސް ތެއޮޑޯރ ރޫޒަވެލްޓު ގްރޫޕްގެ މަނަވަރުތައް ބައިވެރި ކުރެއެވެ.
އިންޑިއާ ސިފައިން ބުނިގޮތުގައި މިއީ ކަނޑުގެ ސިފައިންނަށް އެހީތެރިވުމަށްޓައި ވައިގެ ދިފާއީ ނިޒާމު ބޭނުންކޮށްގެން އިންޑިއާ ސިފައިންނާއި އެމެރިކާ ސިފައިން ބާއްވާ މިފަދަ ފުރަތަމަ ތަމްރީންތަކެވެ.
މި ތަމްރީންތައް ބާއްވާފައި މިވަނީ އެމެރިކާގެ ދިފާއީ ވަޒީރު ލުއޭޑް އޮސްޓިން ތިން ގައުމަކަށް ކުރެއްވި ދަތުރުފުޅުގައި އިންޑިއާއަށް ވަޑައިގެން ބޭއްވި މަޝްވަރާތަކަށް ފަހުއެވެ. އިންޑިއާ އަދީ އިންޑިއާ ކަނޑާއި ޕެސިފިކް ކަނޑުގައި އެމެރިކާގެ ދިފާއީ މަސައްކަތުގައި ބައިވެރިއެކެވެ. ދެ ފަރާތުންވެސް ބާރު އަޅަނީ އުސޫލުތަކުގެ މައްޗަށް ގާއިމްވެފައިވާ ބައިނަލްއަގްވާމީ ނިޒާމަކަށާއި އިންޑިއާ ކަނޑާއި ޕެސިފިކް ކަނޑު ހުރިހައި ފަރާތަކަށް ދަތުރުފަތުރަށް ހުޅުވިފައި އޮތުމުގެ މުހިންމު ކަމުގެ މައްޗަށެވެ. މި ތަމްރީންތައް މިއަދު ނިމޭނެއެވެ.
މީގެ ކުރިން އިންޑިއާ ސިފައިން ވަނީ އެމެރިކާގެ އެންމެ ބޮޑު އެއަރކްރާފްޓް ކެރިއަރ ނިމިޓްޒްއާއެކު އަންޑަމަން ނިކޯބަރ ކަނޑު އޮޅީގައިވެސް ތަމްރީންތަކެއް ބާއްވާފައެވެ.
އިންޑިއާއާ އެކު އިންޑޯ ޕެސިފިކް ކަނޑުގެ ސަރަހައްދުގެ ދިފާއަށް މަސައްކަތް ކުރާ އެމެރިކާއާއި ޖަޕާނާއި އޮސްޓްރޭލިއާއާއެކު މަލާބާރު ތަމްރީންތައްވެސް ދާދި ފަހުން ހަތަރު ގައުމުން ބާއްވާފައި ވެއެވެ. ޗައިނާއިން ތުހުމަތު ކުރާ ގޮތުގައި މިއީ ޗައިނާއާ ދެކޮޅަށް އިއްތިހާދު ވެފައިވާ ހަތަރު ގައުމެވެ.