ބަންގްލަދޭޝްގެ މިނިވަންކަން ފާހަގަ ކުރުމަށް އިންޑިއާ ބޮޑު ވަޒީރު ކުރެއްވި ދަތުރުފުޅާ ދިމާކޮށް ބަންގްލަދޭޝްގައި ހަނުޖެހުން ހިންގައިފިއެވެ. ހުކުރު ދުވަހު ފަސް މީހަކު އަދި ހޮނިހިރު ދުވަހު ހަ މީހަކު ވަނީ މަރުވެފައެވެ. މޮދީގެ ދަތުރުފުޅާ ދެކޮޅަށް މުޒާހަރާ ކުރާ މީހުން ވަނީ ރޭލެއް އަންދާލާފައެވެ. އަދި ބަންގްލަދޭޝްގެ ބައިމަދު ހިންދީންގެ ފައްޅިތަކަށްވެސް ހަމަދީ އެތަންތަން ހަލާކޮށްފައި ވެއެވެ.
ފުލުހުން ވަނީ މުޒާހަރާކުރާ މީހުންނާ ކުރިމަލާފައެވެ.
މޮދީއާ ދެކޮޅަށް މުޒާހަރާތައް އިންތިޒާމުކޮށްގެން ކުރިއަށް ގެންދަނީ ދީނީ ފިކުރުގެ ހިފާޒަތޭ އިސްލާމް ނަމަކަށް ކިޔާ ޖަމާއަތަކުންނެވެ.
މުޒާހަރާތައް ހިންގަމުންދާ ބްރަހަމާންބާރިއާގެ ސަރުކާރުގެ އޮފީސްތަކާއި ނޫސް އިދާރާގެ އޮފީތައްވެސް ހުޅުޖަހާފައި ވެއެވެ. މ ސިޓީގެ ފައްޅިތައްވެސް އަނަދާލާފައި ވެއެވެ.
ރާޖްޝާހީ އޭރިއާގައި ބަސްތަކެއްގައިވެސް ހުޅު ޖަހާފައި ވެއެވެ.
ޑާކާ ކައިރީގައި އޮންނަ ނަރަޔާންގަންޖުގެ ހައިވޭވެސް ބަންދުކޮށް ފައި ވެއެވެ. މިއީ ޑާކާއިން ޗިޓަގިންގއަށް ދާން އޮންނަ ހައިވޭއެވެ.
ހިފާޒަތު ޖަމާއަތުން ހިންގާ މަދަރްސާއެއްގެ ބޭރުގައި ހުރެ ވާހަކަ ދައްކަމުން އެ ޖަމާއަތުގެ ރައީސް ޖަކަރީޔާ ނޯމާން ފޯޔެޒީ އެސޯސިއޭޓޭޓް ޕްރެސް އަށް ބުނެފައިވަނީ އޭނާގެ ޖަމާއަތުގެ އެތައް ހާސް މީހުން މުޒާހަރާއަށް ނިކުމެފައިވާ ކަމަށެވެ. އަދި ފުލުހުން އޭނާގެ ސުލްހަވެރި މުޒާހަރާ ކުރާ މީހުންނާ ދެކޮޅަށް ހަތިޔާރު ބޭނުން ކުރިކަމަށްވެސް އޭނާ ތުހުމަތު ކުރެއެވެ.
މި ޖަމާއަތަކީ ބަނގްލްދޭޝްގެ އެކި ހިސާބުގައި އެމީހުންގެ މަރުކަޒުތައް ގެންގުޅޭ ބައެކެވެ. މިމީހުން ސަރުކާރަށް ބާރު އަޅަނީ އިސްލާމްދީނަށް ފުރައްސާރަ ކުރާ މީހުންނާ ދެކޮޅަށް ހަރުކަށި އަދަބު ދިނުމަށް ގާނޫނެއް ފާސްކުރުމަށެވެ.
މޮދީގެ ދެ ދުވަހުގެ ދަތުރުފުޅު ނިންމެވީ ހޮނިހިރު ދުވަހުއެވެ. އަދި އިންޑިއާއިން ވަނީ ބަންގްލަދޭޝްއާ ގުޅިގެން ގިނަ ކަންތައްތަކެއް ކުރުމަށް އެއްބަސްވެފައެވެ.
އިންޑިއާއަކީ ބަންގްލަދޭޝް މިނިވަން ކުރުމަށް ހަނގުރާމައިގައި އެހީތެރިވެދިން ގައުމެވެ.