މީހުން ބިނާ ކުރުމަށް STEM  އެޑިއުކޭޝަނަށް ސަމާލުކަން ނުދޭންވީ ކީއްވެ؟

0

އެންމެ ބޮޑަށް މީހުން ތަމްރީން ކުރަން ބޭނުންވާ ދާއިރާތަކަށް މީހުން ތަމްރީން ކުރުމާ ބެހޭ ގޮތުން ނާއިބް ރައީސް ބޭއްވެވި ބައްދަލުވުމެއްގެ ޚަބަރު ނިކަން ޝައުގުވެރިކަމާއެކު ކިޔައިލީމެވެ. މި ކަބަރު ކިޔާލުމަށްފަހު މުޅި ހަތަރުދަމު ބޮލުގައި އެނބުރުނީ އެވާހަކައެވެ.

މި ޚަބަރާ ގުޅިގެން އައި ބައެއް “ވަސްވާސްތައް” ނުލިޔެ ހަމަ ތަސައްލީއެއް ނުލިބުނީއެވެ.

Advertisements

އެންމެ ބޮޑަށް އިންސާނީ ވަސީލްތައް ބޭނުންވާ ދާއިރާތަކުން ތަމްރީން ކުރުމަކީ މިއަދާހަމައަށްވެސް ކުރަމުން އައި މަސައްކަތެއް ނޫން ބާވައެވެ؟

މިވާހަކައިގައި ހާމަވާ، އިތުރު އައު ކަމަކީ ކޮބައި ހެއްޔެވެ؟

ކުރިން ސަރުކާރުގެ ވަޒީފާތަކަށް ޕިޔޯނުން ބޭނުންވިއެވެ. ކާތިބުން ބޭނުން ވިއެވެ. ސެކެޓްރީން ބޭނުންވިއެވެ. ކަނޑައެޅިފައި އޮންނަ ތަކެތި ދަސްކޮށްގެން އިމްތިހާނެއްގައި އިށީނުމުން ފާސްވެއްޖެ ނަމަ އެމީހަކު ދިރިއުޅުމުގައި އެފޯރީ އައު އުސްމިނަކަށެވެ.

މިއީ އެ ޒަމާނުގައި ގައުމަށް ބޭނުންވި ދާއިރާއިން ހިއުމަން ރިސޯސް ތަރައްގީ ކުރި ގޮތެވެ. އޭގެ ފަހުން ކިޔަވާ މީހުން އޮތުރުވެ ވަޒީފާގެ ބިންގާ ފުޅާ ކުރަން ޖެހުމާއި ގިނަ ޑިގްރީ ފުރުސަތުތަކެއް ހޯދައި ދިނުމަށް ވަރލްޑް ބޭންކުގެ އެހީގައި އެޑިއުކޭޝަން އެންޑް ޓްރޭނިން ޕްރޮޖެކްޓްތަކެއް ފެށިއެވެ.

ޓީޗަރުންނާއި މުދައްރިސުންނާއި ސިއްޙީ ޚިދުމަތްތެރިންނާއި އެކައުންޓެންޓުންނާއި ޕައިލެޓުންވެސް ތަމްރީން ކުރެވުނެވެ.

ޚިދުމަތުގައި މިއަދު ތިބި ގިނަ މީހުންނަކީ މި ޕްރޮޖެކްޓްގެ ދަށުން ތަމްރީންވެގެން އައިސްފައި ތިބި މީހުންނެވެ. މި މީހުންގެ ލިސްޓް ހޯދައި ބަލައިފިނަމަ، މި މީހުންގެ ސްކޯލަރޝިޕް ދިނުމަށް ޝަރުތުކުރި، ލިޔުމުގައި ބުނެފައިވާ ކިޔަވައި ނިމިގެން އައިސް މަހަކަށް ދައްކަން ޖެހޭ 350އެއްހާ ރުފިޔާ ނުދައްކައި ތިބި މީހުން ދެއްކި މީހުނަށްވުރެން ގިނަވާނެކަން ޔަގީނެވެ.

މިއަހަރަކީ ދިވެހި ސަރުކާރުން މީގެ ވިއްސަކަށް އަހަރު ކުރިން އާންމު ކޮށްފައިވާ 2020ގެ ތަޞައްވުރަށް ވިހި އަހަރު ފުރުނު އަހަރެވެ.

ތަޢްލީމާއި ތަމްރީން ދިނުމާ ބެހޭ ގޮތުން މި ތަޞައްވުރުގައި އޮތް އެއްޗަކަށް ބަލާލާނަމެވެ.

“… ވިހިވިހީގެ ރާއްޖެއަކީ، … ދިހަ އަހަރުގެ ރަސްމީ ތަޢްލީމު އާންމުވެފައިވާ ގައުމަކަށް ވާނެ. އަދި އެކަށީގެންވާ މިންވަރަކަށް، ޔުނިވަރސިޓީ ތަޢްލީމު އާންމުވެފައިވާ ގައުމަކަށް ވާނެ. އަދި އެކަށީގެންވާ މިންވަރަކަށް ޔުނިވަރސިޓީ ތަޢްލީމު ލިބެން ހުންނަ ގައުމަކަށްވެސް ވާނެ. … ވިހިވިހީގެ ދިވެހިރާއްޖެއަކީ، ފުޅާދާއިރާއެއްގައި ޓެކްނޮލޮޖީ ބޭނުންކުރާ އަދި އޭގެ ސަބަބުން ދިރިއުޅުމުގެ ހުރހައި މައިދާނެއްގައި ކުރިއެރުމާއި ލުއި ފަސޭހަކަން ހޯދަމުން ގެންދާނެ ގައުމަކަށް ވާނެ”

މިއިން ބައެއްކަންކަން ވަރަށް ރަނގަޅަށް ހާސިލުވެ، އަދި ހާސިލުވަމުންދާ ކަން ފާގަ ކޮށްލަން ޖެހެއެވެ. ނަމަވެސް ކުރީ ޒަމާނުގައި މޭޒުދޮށުގައި ތިބެގެން މަސައްކަތް ކުރާ ގޮތަށް ތައްޔާރުކުރާ ސެކެޓްރީން ތައްޔާރުކުރުމުގެ އުސޫލާ ދުރަށް ވިސްނަން ޖެހެއެވެ.

މިކަމަށްޓަކައި ބަދަލު ގެންނަންވީ ގައުމީ މަންހަޖަށެވެ. އުފައްދަންވީ ހުރިހައި މައިދާނެއްގައިވެސް ކާމިޔާބު ކޮށްލެވޭވަރުގެ ދަރިވަރެކެވެ. ބަދަލުކޮށްލަންވީ އުގަންނައި ދިނުމުގެ ވައްޓަފާޅިއެވެ.

ކޮވިޑްގެ ފުރަބަންދާ ގުޅިގެން ދިމާވި ގޮންޖެހުންތަކުންވެސް އެނގިގެން ދިޔައީ ޑިޖިޓަލް ލިޓެރެސީއާއި ކޮލާބްރޭޓިވް ލަރނިންގ ނުވަތަ ދަރިވަރުން ގުޅިގެން އުނގެނުމުގެ ހަރަކާތުގައި އުޅުމާއި އަމިއްލައަށް އިސްނަގައިގެން އުނގެނުންފަދަ ސެލްފް ޑައިރެކްޓެޑް ލަރނިންގގެ މުހިންމު ކަމެވެ.

ޔުނިވަރސިޓީ އެޑިއުކޭޝަނެއް ލިބިގަނެވޭވަރުގެ ވަށާޖެހޭ ތަޢްލީމެއް ދިނުމުގެ މަގްސަދުގައި އަޅުގަނޑުމެން ސަލާމުކަން ދޭންވީ STEM އެޑިއުކޭޝަނަށެވެ.

ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގ، މެތެމެޓިކްސްގެ ރޮނގުން ޅަފަތުގައިވެސް ހޭލުންތެރި ދަރިވަރެއް އުފެއްދިއްޖެނަމަ، އޭގެ ފައިދާ ސާނަވީއާއި ޔުނިވަރސިޓީ ތަޢްލީމުން ފެނުގެންދާނެއެވެ.

ކަރިކިއުލަމްއަށް ބަދަލު ގެނައުމުގެ މަހާސިންތާތަކާއި، މުދައްރިސުންނާއި ޕްރިންސިޕަލުން ތަމްރީނު ކުރުމުގެ ޕްރޮގްރާމުތައް ހިންގުމަށް މަސައްކަތް ކުރެވެމުންދާއިރު، ސްޓެމް އެޑިއުކޭޝަންއަށް ޚާއްސަ ސަލާމުކަމެއް ނުދޭންވީ ސަބަބެއް ނެތެވެ.

ތަޢްލީމީ ރޮނގުން ކާމިޔާބީ ހޯދާފައިވާ ދެކުނު ކޮރެއާއާއި ސިންގަޕޯރއާއި ޖަޕާންއާއި ފިންލެންދްގެ ކާމިޔާބީގެ ސިއްރަކީ މިއީއެވެ. މިހާރު އެންމެ ކާމިޔާބު މޮޑެލްއެއްގެ ގޮތުގައި ދުނިޔޭގެ ގައުމުތަކުން ދިރާސާ ކުރާ ތަޢްލީމީ ނިޒާމަކީ އެސްޓޯނިޔާގެ ތަޢްލީމީ ނިޒާމެވެ.

ޕްރޮގްރާމް ފޯރ އިންޓަރނޭޝަނަލް ސްޓޫޑެންޓް އެސެސްމެންޓް (ޕީސާ) ގައި ބައިވެރިވެގެން އެސްޓޯނިޔާ ކުރިން ހޯދަމުންދާ ކާމިޔާބީން ދުނިޔެ ދަނީ ހައިރާން ވަމުންނެވެ. އެސްޓޯނިޔާ ވަނީ އުނގަންނައި ދިނުމުގައި ޔޫރަޕްގެ އެއްވަނަ ގައުމުގެ މަގާމް ހޯދާފައެވެ.

ސްޓެމް އެޑުކޭޝަނަށް ސަމާލުކަންދީގެން ނިކަން ކެރިގެން ބަދަލުތަކެއް ގެނަސްގެން މޮޅެތި ކުދިންތަކެއް އުފެއްދުމަށްޓަކައި “ތަޢްލީމީ ހަކަތައިގެ ދިރުމެއް” މިގައުމަށް ބޭނުންވެއެވެ.

އިންޓަރނެޓާއި މަލްޓިމީޑިއާ އާންމުވެފައިވާ މި ޒަމާނުގައި ފްލިޕް ކްލާސްރޫމްގެ ވައްޓަވާޅި އާންމުކޮށްލަން އެބަޖެހެއެވެ.

ކޮންމެ ފަދަ ތޔުނިވަރސިޓީ ޕްރޮގްރާމަކާ ކުރިމަތިލެވޭ ވަރުގެ ގާބިލް ކުދިން އުފެއްދިއްޖެނަމަ، “ވިހިވިހީގެ ދިވެހިރާއްޖެއަކީ، ފުޅާދާއިރާއެއްގައި ޓެކްނޮލޮޖީ ބޭނުންކުރާ އަދި އޭގެ ސަބަބުން ދިރިއުޅުމުގެ ހުރހައި މައިދާނެއްގައި ކުރިއެރުމާއި ލުއި ފަސޭހަކަން ހޯދަމުން ގެންދާނެ ގައުމަކަށް ވާނެއެވެ.”

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here