ރޮނާލްޑޯ ބުނަނީ ސައްތައެއް ހަމަކުރެވުނަސް ހިތް ނުފުރޭކަމަށް

0

ގައުމީ ޓީމަށް 101 ލަނޑު ކާމިޔާބު ކޮށްދެވުނަސް އަދިވެސް ހިތްނުފުރޭކަމަށް ޕޯޗުގަލްގެ ކެޕްޓަން އަދި މަޝްހޫރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

“ސަތޭކަ ލަނޑު ގައުމީ ޓީމަށް ކާމިޔާބު ކޮށްދެވުމަކީ ވަރަށް ބޮޑު އުފަލެއް. މިއީ އަހަރެން އަބަދުވެސް ދެކެމުން ދިޔަ ހުވަފެނެއް ސީދާވުން. އެކަމަކު އަދިވެސް އަހަރެންގެ ހިތެއް ނުފުރޭ. އެކަމަކު އަހަރެން ހިތްފުރޭވަރު ކުރާނީ ފިޔަވަޅަކަށްފަހު ފިޔަވަޅެއް ކުރިއަށް އަޅަމުން ގޮސް” ރޮނާލްޑޯ،35، ބުންޏެވެ.

Advertisements

ރޮނާލްޑޯގެ އަމާޒު ހުރީ 109 ލަނޑު ކާމިޔާބު ކޮށްގެން އިރާނުގެ މަޝްހޫރު ފޯވާޑް އަލީ ދާއީ ޤާއިމްކޮށްފައިވާ ދުނިޔޭގެ ރެކޯޑް މުގުރާލުމަށެވެ. ޔުއެފާ ނޭޝަންސް ލީގުގައި ގިނަ މެޗުތަކެއް ކުރިއަށް ހުރުމާއި ރޮނާލްޑޯގެ ފޯމަށް ބަލާއިރު ކުރިއަށް އޮތް އަހަރެންހައި ދުވަހުގެ ތެރޭގައި އަލީ ދާއީގެ ރެކޯޑް ރޮނާލްޑޯ މުގުރާލާނެ ކަމަށް ބެލެވެއެވެ.

“ސްވިޑްން މެޗަށް އަހަރެން އެރުވިއިރުވެސް އިތުބާރު އޮތް ލަނޑު ޖެހޭނެ ކަމުގެ. އަހަންނަށް މިހިސާބަށް މިއާދެވުނީ އެކުގައި ކުޅުނު ކުޅުންތެރިންގެ ވަރަށް ބޮޑު ހިއްސާއަކާއެކު. އެހުރިހާ ކުޅުންތެރިންނަށް ޝުކުރު އަދާކުރަން. ދަނޑުމަތީގައި އަހަރެން އެއްވެސް މީހަކަށް ސާބިތު ކޮށްދޭން އެއްވެސް ކަމެއް މިހާރަކު ނެތް. އަހަންނަށް ފާޑުކިޔާ މީހުންނަށް ފުދޭނެ އަހަރެންގެ ކެރިއަށް އެކަނި ބަލާލިއަސް” ރޮނާލްޑޯ ބުންޏެވެ.

ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް 5 ފަހަރު ހޯދާފައިވާ ރޮނާލްޑޯއަކީ އަލީދާއީއަށްފަހު ގައުމީ ޖާޒީގައި 100 ލަނޑު ހަމަކުރި ފުރަތަމަ ކުޅުންތެރިޔާއަށެވެ. 2003 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމަށް 165 މެޗް ރޮނާލްޑޯ ކުޅެދީފައިވާއިރު ގައުމީ ޖާޒީގައި ރޮނާލްޑޯ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ އަމިއްލަ ގައުމުގައި ބޭއްވި ޔޫރޯ 2004 ގެ ފުޓްބޯޅަ މުބާރާތުގައި ގްރީސް ކޮޅަށެވެ.

ރޮނާލްޑޯގެ ކެރިޔަރުގައި އެންމެ ގިނަ ލަނޑު ލަނޑުތައް ކާމިޔާބު ކޮށްފައި ވަނީ ލިތުއޭނިޔާ، އެންޑޯރާ، އަރްމީނިއާ، ލެޓްވިއާ. ސްވިޑްން އަދި ފެރޯ އަޔަރލެންޑްސް ކޮޅަށެވެ. މީގެ ތެރެއިން ސްވިޑްން ފިޔަވައި ދެންހުރި ގައުމުތަކީ ފީފާ ރޭންކިންގައި އެވްރެޖްކޮށް 116 ވަނައަށްވުރެ ދަށުގައި އުޅޭ ގައުމުތައްކަން ފާހަގަ ކޮށްލެވެއެވެ.

ރޮނާލްޑޯއާ ވާދަވެރި މެސީއަށް ގައުމީ ޓީމަށް 138 މެޗް ކުޅެދީގެން ކާމިޔާބު ކުރެވިފައި ވަނީ 70 ލަނޑެވެ. މެސީ އެންމެ ގިނަ ލަނޑުތައް ކާމިޔާބު ކޮށްފައި ވަނީ މަޝްހޫރު ބްރެޒިލް އާއި އުރުގުއޭ އާއި ޕެރަގުއޭ އަދި އިކްއެޑޯ ކޮޅަށެވެ. މިގައުމުތަކީ އެވްރެޖްކޮށް ދުނިޔޭގެ ރޭންކިންގެ ގަދަ 20 ގައި ހިމެނޭ ގައުމުތަކެވެ.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here