ކޮވިޑް-19 ބަލިޖެހޭ މީހުންގެ އަދަދުތައް ވަރަށް ބޮޑަށް އިތުރުވާން ފެށުމުން، ޗިލީގެ އާ ގާނޫނުއަސާސީ ލިއުމަށް އުފައްދާ ޚާއްސަ އެސެމްބްލީއަށް މެމްބަރުން އިންތިޚާބު ކުރުން ފަސްކުރުމަށް ޗިލީގެ ރައީސް ސެބާސްޝިއަން ޕިނޭރާ ނިންމަވައިފިއެވެ.
ޚާއްސަ އެސެމްބްލީއަށް މެމްބަރުން އިންތިޚާބު ކުރުމަށް ތާވަލް ކޮށްފައިވަނީ ކުރިއަށްއޮތް އޭޕްރީލްމަހުގެ ކުރީކޮޅުގައެވެ.
އެހެން ނަމަވެސް، ރައީސް ސެބާސްޝިއަން ހޯމަދުވަހު ވިދާޅުވީ، އިންތިޚާބު މެއިމަހަށް ފަސްކުރުމަށް ކޮންގްރެސްގައި މިހާރު އެދިވަޑައި ގެންފައިވާނެ ކަމަށެވެ.
ޗިލީގައި އަލަށް ކޮވިޑްޖެހޭ މީހުންގެ އަދަދު ކުއްލިއަކަށް މިހާރުވަނީ މައްޗަށް ގޮސްފައެވެ.
އެގައުމުގައި ބަލީގެ ރޭޓް ކުއްލިގޮތަކަށް މައްޗަށް މިދިޔައީ، މިދިޔަމަހު ނިމުނު ޗުއްޓީ ދުވަސްވަރަށް ފަހުގައެވެ. ޗުއްޓީ ދުވަސްވަރު މީހުން އެއްތަނުން އަނެއް ތަނަށް ދަތުރުކުރުން ވަރަށް ބޮޑަށް އިތުރުވެގެން ދިޔައެވެ.
ޓީވީ މެދުވެރިކޮށް ގައުމާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ޗިލީގެ ރައީސް ސެބާސްޝިއަން ޕިރޭނާ ވިދާޅުވީ، މިފެށޭ އޭޕްރީލްމަހުގެ 10 އަދި 11 ގައި ބާއްވަން ތާވަލް ކޮށްފައިވާ އިންތިޚާބު ދެން އޮންނާނީ މެއިމަހުގެ 16 ވަނަ ދުވަހު ކަމަށެވެ.
އޭޕްރީލްމަހަށް ތާވަލް ކޮށްފައިވާ އިންތިޚާބަކީ ހަމައެކަނި ޚާއްސަ އެސެމްބްލީއަށް މެމްބަރުން އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބެއް އެކަންޏެއް ނޫނެވެ.
އެ އިންތިޚާބުގެ ތެރޭގައި ޗިލީގެ ރަށްތަކުގެ ގަވަރުނަރުންނާއި، މޭޔަރުން އިންތިޚާބު ކުރުމަށްވެސް ދިޔައީ ތައްޔާރުވަމުންނެވެ.
ޗިލީގެ ރައީސް ވިދާޅުވީ، އިންތިޚާބު ފަސްކުރުމަށް ނިންމެވި ނިންމެވުމަކީ ވަރަށް އުނދަގޫ ނިންމެވުމެއް ކަމަށެވެ.
އެހެން ނަމަވެސް، މިވަގުތަށް ގައުމަށް އެންމެ ފައިދާ ބޮޑީ އެގޮތްކަމަށްވާތީ އިންތިޚާބު ފަސްކުރަން ނިންމެވީ ކަމަށްވެސް ވިދާޅުވިއެވެ.
ޚާއްސަ އެސެމްބްލީގެ އިންތިޚާބާއި، ގަވަރުނަރުންނާއި މޭޔަރުންގެ އިންތިޚާބު ފާސްކުރިއިރު، ޗިލީގެ ޕާލަމެންޓް ނުވަތަ ކޮންގްރެސްގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު ބޭއްވުމަށް ކަނޑައަޅާފައިވާ ނޮވެމްބަރު 21 ގެ ތާރީޚަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ.
ޗިލީގައި މިހާރު އަމަލުކުރަމުންދަނީ ކުރީގެ ހުދުމުޚުތާރު ވެރިޔާ އޮގަސްޓޯ ޕިނޯޝޭގެ ވެރިކަމުގައި ހަދާފައިވާ ގާނޫނުއަސާސީއެކެވެ.
އެހެންވެ، އައު ގާނޫނުއަސާސީއެއް ލިޔަން، ޚާއްސަ އެސެމްބްލީއެއް އުފައްދަން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު ނެގި އާންމު ޚިޔާލު ހޯދުމުގެ ވޯޓުގައި ބައިވެރިވި %80 މީހުން ތާއީދު ކޮށްފައި ވެއެވެ.
ހަމަ އެއާއެކު، ގާނޫނުއަސާސީ އަލުން ލިޔާ އެސެމްބްލީގައި މިހާރުއޮތް ކޮންގްރެސްގެ އެއްވެސް މެމްބަރަކު ނުހިމެނުމަށްވެސް އާންމުންގެ ވޯޓުން ނިންމާފައި ވެއެވެ.