ފިލިޕްސްގެ އިނގިރޭސި ޖާޒީ ހަދިޔާ ކުރީ ބިއެލްސާއަށް

0

އުއްމީދީ މިޑްފީލްޑަރު ކަލްވިން މާކް ފިލިޕްސް އިންގްލެންޑް ގައުމީ ޓީމަށް ކުޅެދިން ފުރަތަމަ މެޗުގައި އޭނާ ބޭނުން ކުރި ޖާޒީ އާޖެންޓީނާގެ ތަޖުރިބާކާރު ކޯޗް މާސެލޯ ބިއެލްސާއަށް ހަދިޔާ ކޮށްފިއެވެ.

ފިލިޕްސް،24، އިނގިރޭސި ގައުމީ ޓީމަށް ނެގީ ފާއިތުވެދިޔަ ސީޒަނުގައި ބިއެލްސާގެ އިރުޝާދުގެ ދަށުން އިނގިރޭސި ޗެމްޕިއަންޝިޕުގެ ޗެމްޕިއަންކަން ލީޑްސް ޔުނައިޓެޑުން ހޯދައި ޕްރިމިއަރ ލީގުން ޖާގަ ހޯދިއިރު އެޓީމުގެ މެދުތެރޭގައި އޭނާ ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ.

ޑިފެންސިވް މިޑްފީލްޑަރުގެ މަގާމަށާއި ސެންޓްރަލް މިޑްފިލްޑަރަކަށް އަދި ޕްލޭމޭކަރަކަށްވެސް ކުޅުމުގެ ހުނަރުވެރިކަން ލިބިފައިވާ ފިލިޕްސް އިންގްލެންޑް ގައުމީ ޓީމަށް ކުޅެދިން ފުރަތަމަ މެޗަކަށް ވެގެންދިޔައީ މިދިޔަ ބުދަ ދުވަހުގެ ރޭ ޔުއެފާ ނޭޝަންސް ލީގުގައި  މިދިޔަ ބުދަ ދުވަހުގެ ރޭ ޑެންމާކާ ދެކޮޅަށް ކުޅެ ލަނޑެއް ނުޖެހި އެއްވަރުވި މެޗުގައެވެ.

Advertisements

އިންގްލެންޑުގެ ފުރަތަމަ އެގާރައިން ފިލިޕްސްއަށް ކޯޗް ސައުތު ގޭޓް ފުރުސަތު ދިންއިރު މިމެޗުގައި ފިލިޕްސް ބޭނުންކުރީ މަޝްހޫރު 7 ނަންބަރު ޖާޒީއެވެ. އިނގިރޭސި ގައުމީ ޓީމަށް ނެގުމުގެ ކުރިންވެސް ފިލިޕްސް ބުނެފައި ވަނީ އޭނާއަށް އިނގިރޭސި ގައުމީ ޓީމުން ފުރުސަތު ލިބިއްޖެނަމަ އޭނާ ފުރަތަމަ ކުޅޭ މެޗުގެ ޖާޒީ ހަދިޔާ ކުރާނީ ބިއެލްސާއަށް ކަމަށެވެ.

ޔޫތު ލެވެލް އާއި ސީނިއަރ ލެވެލްގައިވެސް ލީޑްސް ނޫން އެހެން ކްލަބަކަށް ކުޅެފައިނުވާ ފިލިޕްސްގެ ކެރިޔަރ ބަދަލުކޮށްލީ 2018 ވަނަ އަހަރު ލީޑްސްގެ ކޯޗް ކަމާ ހަވާލުވި ބިއެލްސާއެވެ. އާޖެންޓީނާ ގައުމީ ޓީމަށް 2001 އިން 2004 ށް ކޯޗް ކޮށްދިން ބިއެލްސާގެ އިރުޝާދުގެ ދަށުން ލީޑްސް ކުޅުމުގެ ވައްޓާފަޅި ބަދަލުކޮށްލައި 1-4-1-4 ގެ ފޯމޭޝަނަށް ކުޅެން ފެށިއިރު އެޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔަކަށް ވެގެންދިޔައީ ފިލިޕްސްއެވެ.

ބިއެލްސާ، ފިލިޕްސް ބޭނުން ހިފަމުންދިޔައީ ޑީޕްލައިން ޕްލޭމޭކަރުގެ ރޯލަށާއި ސެންޓްރަލް ޑިފެންޑަރެއްގެ ގޮތުގައެވެ. ސެންޓްރަލް ޑިފެންޑަރެއްގެ ގޮތުގައި ފިލިޕްސް ފެނިގެންދަނީ ބިއެލްސާގެ ޓެކްޓިކްސްގެ ދަށުން ލީޑްސްއިން 3 ޑިފެންޑަރުންނަށް ބައެއް ހާލަތްތަކުގައި ޓީމުގެ ފޯމޭޝަން ބަދަލު ކޮށްލާ ވަގުތު ތަކުގައެވެ.

ފިލިޕްސް ބުނީ އޭނާ މިހިސާބަށް ގެނެސްދިން މޭސްތިރިޔަކީ ބިއެލްސާ ކަމަށެވެ. “އަހަރެން ޖާޒީ ދިނީ އޭގެ ހައްގުވެރިޔާއަށް. މާސެލޯ (މާސެލޯ ބިއެލްސާ) ބުނި އަހަންނާމެދު ފަހްރުވެރިވާކަމަށް. އެއީ ވަރަށް އުފާވެރި ވަގުތުކޮޅެއް” ފިލިޕްސް ބުންޏެވެ.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here