ޕްރޮޕެގެންޑާއަށް ޗައިނާގެ ބިލިއަން ޑޮލަރ އިންވެސްޓްމެންޓް

0

ޗައިނާ ޑެއިލީއަކީ ޗައިނާއިން ކުރާ ކަންތައްތައް އެހެން މީހުންނަށް ޗައިނާއިން ބޭނުންވާ ގޮތަށް ގެނެސްދިނުމަށް، ކުރީގެ ބޮޑު ވަޒީރު ހޫ ޖިންޓާއޯ ފެއްޓެވި ނޫހެކެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓްގެ ފޮރިން އެޖެންޓްސް ރެޖިސްޓްރޭޝަން އެކްޓް (ފާރާ)ގެ ދަށުން އާންމުކޮށް ލިބިފައިވާ މަޢްލޫމާތުން އެނގޭ ގޮތުގައި، ޗައިނާ ކޮމިއުނިސްޓް ޕާޓީން 2009 ވަނަ އަހަރު، ބޭރު ގައުމުތަކުގައި ޕްރޮޕެގެންޑާ ކުރުމަށް 6.6 ބިލިއަން ޑޮލަރު ހޭދަކުރުމަށް ނިންމިއެވެ. އަދި 2017ން ފެށިގެން ޗައިނާ ޑެއިލީން ވަނީ 20 މިލިއަން ޑޮލަރު މިކަމަށް ހޭދަކޮށްފައެވެ.

Advertisements

އެމެރިކާގައި ޕްރޮޕަގަންޑާކޮށް، ޗައިނާގެ ގޮތްތަކަށް މީހުން ލަންބާލުމަށް  ވާހަކަތައް ފެތުރުމަށް ޗައިނާއިން އެމެރިކާގެ މީޑިއާ ގަވާއިދާ ޚިލާފަށް ބޭނުންކުރާކަމަށް ޗައިނާއަށް ތުހުމަތު ކުރެވެއެވެ. ޗައިނާއިން އެމެރިކާގެ ވޮޝިންޓަން ޕޯސްޓާއި ނިއުޔޯރކް ޓައިމްސްއާއި އެނޫނަސް އެހެން ވަސީލަތްތަކުގައި ޗައިނާއަށް ފަހިވާފަދަ މަޒްމޫނާއި ޚަބަރުތައް ފައިސާދީގެން ޝާއިއުކުރުވައެވެ.

އެމެރިކާގެ ފޮރިން އެޖެންޓް ރެޖިސްޓްރޭޝަން އެކްޓް (ފާރާ) ބުނާ ގޮތުން އެއްވެސް ބޭރުގައުމެއްގެ ސަރުކާރަކުން ނުވަތަ އިދާރާއަކުން ފައިސާލިބިގެން އެމެރިކާގައި އޮޕަރޭޓް ކުރާ އެއްވެސް އެޖެންޓެއް ނުވަތަ ޕްރޮޕަގަންޑާއަށް މަސައްކަތްކުރާ ތަނަކާއި އެތަނަކުން ހޭދައެއް ކުރަނީނަމަ، އެކަމުގެ ހިސާބު އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓަށް ހުށަހަޅަން ޖެހެއެވެ.

ވޮޝިންޓަން ބީކަން ނޫހުން ބުނިގޮތުގައި މި ފާއިތުވި ހަތް އަހަރު ދުވަހުގެ ތެރޭގައި، އެމެރިކާގެ ހަ ނޫހެއްގައި، 700 އޮންލައިން އިޝްތިހާރާއި 500 ސަފްހާގެ ޗާޕްކުރި ސަފްހާތައް ޗައިނާ ޑެއިލީ މެދުވެރިވެގެން ޝާއިއުކޮށްފައި ވެއެވެ.

މި މަޒްމޫނުގެ ތެރޭގައި ހިމެނެނީ، ޝީޖިއާންގައި ޗައިނާއިން މުސްލިމުންނާ ދެކޮޅަށް ހިންގާ އަނިޔާވެރިކަމާއި، ޓިބެޓާއި ހޮންގކޮންގގައި ހިންގާ އަނިޔާވެރި އަމަލުތައް ގާނޫނީ އިމުގެ ތެރޭން ކުރާކަންކަން ކަމަށް ދެއްކުމަށް މަސައްކަތްކޮށްފައިވާ މަޒްމޫނުތަކެވެ.

އެމެރިކާގެ އާންމު ރައްޔިތުންނާއި ސަރުކާރާއި ސިޔާސަތު ބައްޓަން ކުރާ މީހުން، ޗައިނާ ސަރުކާރާ މެދު ދެކޭ ގޮތް ބަދަލުކޮށްލުމަށް ޗައިނާއިން ކުރާ ހޭދަ، ފާރާގައި ބުނެފައިވާ ގޮތަށް ޖަސްޓިސް ޑިޕާޓްމަންޓަށް ހުށަހަޅަމުން ގެންގޮސްފައެއް ނުވެއެވެ. ޗައިނާ ޑެއިލީއިން އެމެރިކާގައި ޗައިނާގެ ޕްރޮޕަގަންޑާއަށް ޚަބަރާއި މަޒްމޫނު ނޫސްތަކުގައި ޝާއިއުކޮށްފައި ވެއެވެ. އަދި މިކަމުގެ ހިސާބު 2012 ވަނަ އަހަރާ ހަމައަށް ޗައިނާއިން ހާމަކޮށްފައެއް ނުވެއެވެ.

ޗައިނާ ސަރުކާރުން ހޭދަކޮށްގެން ޝާއިއުކުރާ ޗައިނާ ޑެއިލީން އެމެރިކާގައި ޕްރޮޕެގެންޑާއަށް ކުރާ ހޭދަ ހާމަކުރިނަމަވެސް އޭގެ ތަފްސީލް ސަރުކާރަށް ދީފައި ނުވާކަމަށް ކަމާ ބެހޭ ފަރާތުން ބުނެއެވެ. އެގޮތުން ކުރާ ޚަރަދުގެ ތަފްސީލާއި ޕްރޮޕެގެންޑާ މެޓީރިއަލްގެ ކޮޕީ ހުށަހަޅާފައެއް ނުވެއެވެ.

އެމެރިކާގެ ސެނެޓުގެ ބައެއް މެމްބަރުން ވަނީ ސެނެޓަރުންގެ އޮފީސްތަކަށް ޗައިނާ ޑެއިލީ ވެއްދުން މަނާކުރުމަށްވެސް ގޮވާލާފައެވެ. 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ވޮޝިންޓަން ބީކަންއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމެރިކާގެ ކޮންގްރެސްގެ އޮފީސްތަކަށް ޗައިނާ ޑެއިލީ ފޮނުވަމުންދާ މައްސަލައިގެ ތަހުގީގެއްވެސް ހިންގާފައި ވެއެވެ. މިކަމާ ގުޅިގެން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ދަށުގޭގެ މެމްބަރު ޖިމް ބޭންކްސް ވިދާޅުވެފައިވަނީ، ޗައިނާ ޑެއިލީއަކީ ޗައިނާއިން ކުރާ ކަންތައްތައް އެހެން މީހުންނަށް އޮޅުވާލުމަށް ކުރީގެ ބޮޑު ވަޒީރު ހޫ ޖިންޓާއޯ ފެއްޓެވި ނޫހެކެވެ.

އެމެރިކާގައި ލޮބީ ކުރުމަށް ކުރާ ހޭދަތައް މޮނީޓާ ކުރާ އަމިއްލަ ޖަމާއަތެއްކަމަށްވާ އޮޕަން ސީކްރެޓްސް ޑޮޓް އޯރގް އިން ހާމަކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި ޗައިނާ ޑެއިލީން 2018 ވަނަ އަހަރު އެމެރިކާގައި 11 މިލިއަން 240ހާސް އެމެރިކާ ޑޮލަރު ޕްރޮޕެގެންޑާއަށް ހޭދަކޮށްފައި ވެއެވެ.

މިއީ ޗައިނާ ސަރުކާރުން ކޮށްފައިވާ 2 މިލިއަން އެތައް ލައްކަ ޑޮލަރާއި އަދި އެނޫނަސް އެހެން ފަރާތްތަކުން ކޮށްފައިވާ ޚަރަދުތަކުގެ އިތުރަށް ކޮށްފައިވާ ހޭދައެވެ. އެމެރިކާގައި ޗައިނާގެ އެކި ފަރާތްތަކުން ޕްރޮޕެގެންޑާއަށް ކުރާ ހޭދަ 14 މިލިއަން ޑޮލަރަށް ވުރެން އިތުރުކަމަށް ހާމަކޮށްފައިވާ ހިސާބުތަކުން ދައްކައެވެ. 2018އަކީ އެނެމެ ފަހުން މަޢްލޫމާތު ލިބިފައިވާ އަހަރެވެ.

ފާރާގެ ދަށުން އެމެރިކާގައި ރަޖިސްޓްރީކޮށްފައިވާ ބިދޭސި އެޖެންޓުންނާއި އެޖެންޓުންގެ މާނާއިގައި ހިމެނޭ ތަންތަނުގެ ނިސްބަތުން ޗައިނާ ޑެއިލީއަކީ ނުވަ ވަނައަށް ޕްރޮޕެގެންޑާއަށް ކުރާ ހޭދައިގެ ބަޖެޓް އެންމެ ބޮޑު ފަރާތެވެ.

ޗައިނާ ޑެއިލީގެ މަޒްމޫނުތަކުން ދައްކައިދޭން ބޭނުންވަނީ ޗައިނާގެ އިގްތިސާދީ ތަރައްގީއާއި ޗައިނާގެ ފަތުރުވެރިކަމަށް އެކަށީގެންވާ ތަންތަނާއި ނުފޫޒު ފޯރުވައި ޚިޔާލު ބައްޓަން ކޮށްލުމަށް ބޭނުންވާ ސިޔާސީ މެސެޖްތަކެވެ. ނަމަވެސް ޗައިނާ ޑެއިލީއަކީ ޗައިނާ ކޮމިއުނިސްޓް ޕާޓީގެ މިލްކެއްކަމުގައި އެއް ގޮތަކަށްވެސް ހާމައެއް ނުކުރެއެވެ.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here