އައްޑޫގައި ވެސް ބީޗު ހަދަންވީ އެކަމަކު ތިމާވެށި ގުރުބާން ކޮށްގެން ނުވާނެ

0
ހިތަދޫގައި ބީޗު ތަރައްގީ ކުރަމުންދާ ސަރަހައްދު: ފޮޓޯތައް ކިޔުންތެރިއެއް

ކޯވިޑްގެ ފުރަބަންދާ އެކު ގިނަ ޒުވާނުންތަކެއް ރަށަށް ބަދަލުވާން ޖެހިފައިވާ މި ދަނޑިވަޅުގައި، އައްޑޫ ސިޓީގެ އަވަށްތަކުގައި މިހާރު ވަނީ އާއްމުން ޒިޔާރަތްކޮށް ހިތްހަމަޖެހުން ހޯދުމަށް “ބީޗު” ހެދުމުގެ ފޯރި ހިފައިފައެވެ.

މިކަންފެށިގެން އައީ އައްޑޫ ސިޓީ ހުޅުދޫ އަދި މީދޫއިންނެވެ. މިހާރު ފޭދުއާއި މަރަދުއާއި މަރަދޫފޭދޫގައި ވެސް ވަނީ ބީޗު ހަދައިފައެވެ. އާންމުން އަންނަނީ އެތަންތަނުން އުފަލާއި ހިތްހަމަޖެހުން ލިބިގަންނަމުންނެވެ. އެންމެފަހުން ހިތަދޫގައި ވެސް ބީޗެއް ހެދުމުގެ މަސައްކަތް މިހާރު މިވަނީ ފެށިފައެވެ.

މިކަމާ ގުޅިގެން މިދިޔަ މަހު ފަހުކޮޅު އައްޑޫސިޓީ ކައުންސިލުން ވަނީ، އާއްމުން ހިތްހަމަޖައްސާލަން ހެދޭ މިފަދަ އަތިރިމަތި ނުވަތަ ބީޗު ހެދުމުގައި ހެދިފައިވާ ޤާނޫނާއި ޤަވާއިދުތަކަށް އިހުތިރާމް ކުރުމަށް އަންގަވައިފައެވެ. އަދި ހުއްދަ ހޯދައިގެން މެނުވީ މިފަދަ މަސައްކަތް ނުކުރެވޭނެ ކަމަށް ސިޓީ ކައުންސިލުން ވަނީ އިއްލާންކޮށްފައެވެ. މީގެ އިތުރުން މިއީ ތިމާވެއްޓަށް އަސަރުކުރާނެ ކަމެއްކަމާއި ހުއްދަ ނުހޯދާކުރުމަކީ ޤާނޫނީ ގޮތުން މަނާކަމެއްކަން ވެސް އެކައުންސިލްގެ އިޢްލާންގައި ފާހަގަކޮށްފައިވެއެވެ.

Advertisements

އައްޑޫސިޓީ ކައުންސިލުގެ އިއުލާނާ އެކު ފާޑުކިއުންތަކެއް

އައްޑޫގައި އާއްމުންގެ ހިތްހަމަޖެހުމަށް އަތިރިމަތިތަށް ރީތިކޮށް ހަދަން ފެށީ އިހަކަށް ދުވަހު ނޫނެވެ. އެކަން ކުރާތާ މިހާރު، އަހަރުތަކެއް ވެއްޖެއެވެ. މިކަން ފެށިގެން އައީ އައްޑޫސިޓީ މީދޫއިންނެވެ. އޭރު އެކަން ފެށިގެން އައީ ގޮނޑުދޮށްތައް ސާފުކޮށް ބޭއްވުމުގެ ބޭނުމުގައެވެ. އަދި ހުޅުދޫ އާއި މީދޫގައި، މިކަން ބާރަށް ކުރިއަށް ދިޔަ އެވެ. އޭރު އެކަން ކުރީ އަތިރިމަތިތަކަށް ޖަމާކުރަމުންއައި ކުނިތައް ސާފުކޮށްގެންނެވެ. ގަސްކަނޑައި ބިމާ ހަމަކޮށެއް ނުހަދައެވެ. އެމީހުންގެ މަގުސަދަކީ ކުނިން ސާފުވެފައިވާ ވެއްޓެއްގެ އުފާ ލިބިގަތުމާއި ތިމާވެށި ރައްކާތެރި ކުރުމުގެ ހިތްހަމަޖެހުން ލިބިގަތުމެވެ.

އައްޑޫގެ ގުޅިފައިވާ ރަށްރަށުގައި މި ފޯރި މިހިފީ މީގެ ދުވަސްކޮޅެއް ކުރީންނެވެ. މަރަދޫގެ ގޮނޑުދޮށް ސާފުކޮށް އެތަންތަން އާއްމުންނަށް ބޭނުން ކުރެވޭ ގޮތަށް ކަންކަން އިންތިޒާމް ކުރުމާ ގުޅިގެންނެވެ.  މަރަދޫގައި އެކަން ކޮށްފައިވަނީ މަރަދޫ ހުޅަނގު ފަރާތުން އެކި ސަރަހައްދުތަކަށް ބަހާލެވިގެންނެވެ. މަރަދޫގައި އަތިރިމަތި ހެދިފައިވާ ސަރަހައްދުތަކަކީ ކުރީގައި ވެސް މީހުން މޫދަށް އެރި އުޅުނު ސަރަހައްދު ތަކެއް ކަމަށް އެރަށު މީހުން ބުނެއެވެ. ނަމަވެސް ފަހަކަށް އައިސް އެތަންތަން ބޭނުން ނުކުރެވި ގޮނޑުވެފައި އޮތް އޮތުން ބަދަލުކޮށް އެރަށުގައި “ބީޗު” ތައް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ.

އޭގެ ފަހުން ފޭދޫއިން ޓުއަރިޒަމަށް ކަނޑައަޅާފައިވާ ސަރަހައްދުގައި އަތިރިމަތި ހެދުމުގެ މަސައްކަތް ފެށިއެވެ. ފޭދޫގައި މިމަސައްކަތް ކުރި ސަރަހައްދަކީ އެރަށު ހިއްކިބިމުގައި 2017 ވަނަ އަހަރު އޭރުގެ ސަރުކާރުން ޓޫއަރިޒަމް ޒޯނެއްގެ ގޮތުގައި ކަނޑައަޅަފައިވާ ސަރަހައްދެވެ. އައްޑޫ ސިޓީ ކައުންސިލުން ހަމަ އެ ސަރަހައްދުގެ ޓުއަރިޒަމް ކޮންސެޕްޓު ހަދައި ގެސްޓުހައުސް، ސިޓީ ހޮޓާ އެޅުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް އިއުލާން ކޮށް ޕްރޮޕޯޒަލް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޕުލޮޓުސް  ކާމިޔާބު ކުރި ފަރާތްތަކާއެކު މިހާރު އޮތީ ޓުއަރިޒަމް މިނިސްޓްރީ އިން އެއްބަސްވުމުގައި ސޮއި ކުރާ ހިސާބުގައެވެ.

އެހެންކަމުން އެ ސަރަހައްދުގައި އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ލޭންޑްސްކޭޕިންގ ޕުރޮޖެކުޓެއް ފަށަން ތައްޔާރު ވަމުންދާތީ އެ ސަރަހައްދުގައި މަސައްކަތް ކުރަން ފެށުމުގެ ކުރިން ކައުންސިލުން ހުއްދަ ނަގަންޖެހޭ ކަމަށް ކައުންސިލުން ވިދާޅުވެފައިވެއެވެ. ފޭދޫގައި މައްސަލަ ދިމާވީ ޓުއަރިޒަމަށް ކަނޑައެޅިފައިވާ ސަރަހައްދެއްގައި މިފަދަ އާއްމުން ބޭނުންކުރާ އަތިރިމަތި ހެދުމުން ޕްރޮޖެކްޓަށް ދަތިވާނެތީ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވިއެވެ. ސިޓީ ކައުންސިލުން ވިދާޅުވެފައިވަނީ މީގެ ކުރީންވެސް “ބީޗް” ތައް އަވަށްތަކުގައި ހަދާފައިވާ ކަމަށާއި، އެކަންކަމުގައި ކައުންސިލުންވެސް އެހީތެރިވެދީފައި ހުންނާނެ ކަމަށެވެ. ފޭދޫގެ އިމްރާނީ އަދި އިގްތިސާދީ ތަރައްޤީއަށް ސަރުކާރުން ހިންގާ ޕްރޮޖެކްތަކަށް ދަތި ވާނެ ގޮތަކަށް ފޭދޫ ރައްޔިތުން އެއްވެސް ކަމެއް ނުކުރާނެ ކަމަށް ކައުންސިލުން ވިދާޅުވެފައިވެއެވެ.

ހުއްދަ ނުނަގައި އެފަދަ ކަންކަން ނުކުރުމަށް ކައުންސިލުން އެންގުމުން ގިނަ ފަރާތްތަކުގެ ފާޑު ކިއުން ސިޓީ ކައުންސިލަށް އަމާޒުވިއެވެ. ގޮނޑުދޮށް ސާފު ކުރުމުން ތިމާވެއްޓަށް ގެއްލުންވާނެ ކަމަށް ބުނުމާއި ރައްޔިތުންގެ ހިތްހަމަ ޖެހުމަށް ކުރާ ކަންކަން ހުއްޓުވަން “މުއްދަތު” ހަމަވެފައިވާ ކައުންސިލަކުން މަސައްކަތް ކުރާ ކަމުގެ ތުހުމަތު ކުރެވުނެވެ.

މިކަމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ސާދިޤް ވިދާޅުވީ، ދައުލަތުގެ ބަންޑާރަ ބިން ހުއްދަ ހޯދުމަކާ ނުލައި ބިމާއި ބެހޭ ޤާނޫނު ބުނާ ގޮތުން ބޭނުން ނުކުރެވޭނެ ކަމަށެވެ. މީގެ އިތުރުން، ގޮނޑުދޮށް ހެދުމުގައި، ރުއްގަސް ކެނޑުމާއި އަދި އެތަނުގައި އެއްވެސް ޒާތެއްގެ ދާއިމީ ބިނާއެއް ނުހެދޭނެ ކަން މޭޔަރު ފާހަގަ ކުރެއްވިއެވެ.

އައްޑޫގައި ގިނަ އަވަށްތަކުގައި މިމަސައްކަތް ކުރެވިގެން ދިޔަ އިރު، މިފަދަ މަސައްކަތް ކުރުމުގެ ކުރީން ހަދަން ޖެހޭ އީއައިއޭ ނަހަދާ ކަން ސިޓީ ކައުންސިލުން ވަނީ ފާހަގަ ކޮށްފައެވެ. އަދި އެއްވެސް ފަރާތަކުން ގޮނޑުދޮށް ހެދުމުގެ ކުރީން ހުއްދަ ހޯދާފައި ނުވާކަން ވެސް ކައުންސިލުން ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަ ކުރެއްވިއެވެ.

އިއުލާނުގެ ފަހުން ފެށި މަސައްކަތް ކުރެވެނީ ޤާނޫނާއި ޤަވާއިދުތާކާއި އެއްގޮތަށްތަ؟

އެ އިޢުލާން ނެރުމަށް ފަހު ދެން މިފަދަ މަސައްކަތެއް ކުރެވޭނީ ހުއްދަ ހޯދައިގެން ކަމަށް ބެލެވުނެވެ. ދެން ފެނިގެން ދިޔައީ ހިތަދޫގެ ބައެއް ފަރާތްތަކުން އިސްވެ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ އިރުމަތީ ފަރާތުން ލިންކްރޯޑާވީ ފަޅިން ގޮނޑުދޮށް ރީތިކޮށް ބީޗު ހެދުމުގެ މަސައްކަތް ފެށިގެން ދިޔަތަނެވެ. މިކަމުގެ ތެރެއިން ސިޓީ ކައުންސިލުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު، ޖަމްޝީދާ މުހައްމަދު (މާހު) ފެނިގެން ދިޔައެވެ. މިމަސައްކަތް ކުރަމުން ދިޔައިއިރު އެސަރަހައްދުގެ ހޭޅިން ގަސް ކަނޑާ ސާފުކުރުމުގެ ކަންކަން ކުރާކަމުގެ ޝަކުވާތަކެއް ލިބިފައިވާ ކަމަށް އައްޑޫ ސިޓީގެ މޭޔަރު ޢަބްދުﷲ ސާދިގު ވިދާޅުވިއެވެ. އެހެން ކަމުން އެފަދަ ޢަމަލުތައް ނުކުރުމަށް އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ މަސައްކަތް ކުރަނީ ސިޓީ ކައުންސިލަށް އެނގި ހުއްދަ ލިބިގެންތޯ ދެންނެވުމުން މޭޔަރު ވިދާޅުވީ އެކަން ކައުންސިލަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އެހެންނަމަވެސް އެފަދަ ބީޗެއް ތަރައްގީ ކުރުމުގެ ހުއްދަ ލިޔެކިޔުމުން އެއްވެސް ފަރާތަކަށް ދީފައި ނުވާނެ ކަމަށެވެ. މޭޔަރު ވިދާޅުވި ގޮތުގައި ގޮނޑުދޮށްތައް ސާފުކުރުމަކީ އެކައުންސިލުން ހިތްވަރު ދެއްވާ ކަމެއް ކަމަށެވެ. ރަށްސާފު ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމަކަށްވާތީއެވެ. ސާފު ކުރުމުގައި ގަސް ކަނޑައި ތިމާވެށީގެ ޤާނޫނާއި ޤަވާއިދާ ޚިލާފު އެއްވެސް ކަމެއް ކުރުމަށް ކައުންސިލުން ތާއީދު ނުކުރައްވާނެ ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.

ހިތަދޫގައި ތަރައްގީ ކުރަމުންދާ ބީޗުގެ މަސައްކަތުގައި ކައުންސިލަރަކު ހަރަކާތްތެރިވަމުންދާއިރު އެކަމުގެ ތެރޭގައި ޤާނޫނާއި ޤަވާއިދާ ޚިލާފު އެއްވެސް ކަމެއް ނުހިނގާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ. ހިތަދޫ ބީޗު ހަދާ ސަރަހައްދުން ގަސް ނުކަނޑާ ކަމަށް އެމަސައްކަތުގައި އުޅޭ މީހުން ބުންޏަސް މަންޒަރު ދުށް މީހުން އެކަން ދޮގުކުރެއެވެ. “އެތަނުން ދެތިން ޕިކަޕުގެ ދަރު އުފުލި މަންޒަރު ދުށިން. ކައުންސިލްގެ އެކްސްކަވޭޓަރ ގެންގޮސްގެން ގަސްތައް ބުޑުން އުފުރާލި މަންޒަރުދުށް މީހުން ވެސް އެބައުޅޭ،” މަންޒަރު ދުށް މީހަކު ބުންޏެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނު 93/4 ދަށުން ހެދިފައިވާ ” ރުއްގަސް ކެނޑުމާއި އުފުރުމާއި، ކޮނެގެން ނެގުން އަދި އެއްރަށުން އަނެއްރަށަށް ގެންދިޔުމާއި ބެހޭ ގަވާއިދު” (ގަވާއިދު ނަންބަރު 2014/R-7) ގެ 3 ވަނަ މާއްދާގެ (ހ) ގެ (1) ގައިވާގޮތުން ރަށުގެ ހޭޅީގައި އެންމެގޮނޑުދޮށަށް ހެދިފައިވާ ގަހުން ފެށިގެން އެއްގަމަށް 15 މީޓަރުގެ ފުޅާ ސަރަޙައްދުގައި ހުރި ހުރިހާ ބާވަތެއްގެ ރުއްގަހަކީ ކެނޑުމާއި އުފުރުން އަދި ކޮނެގެން ނެގުން މަނާބާވަތްތަކެވެ. އެހެންކަމުން އިސްވެ ދެންނެވިފައިވާ ސަރަޙައްދުން އެއްވެސް ބާވަތެއްގެ ގަހެއް ރުކެއް އީޕީއޭގެ ހުއްދައެއް ނެތި އެއްވެސް ބޭނުމެއްގައި ކެނޑުމަކީ މަނާ ކަމެކެވެ.

ގަސްކެނޑުމާ ގުޅޭ ގޮތުން ޤާނޫނާއި ޤަވާއިތައް ބުނަނީ ކީކޭ؟

ދެން ބަލަން ޖެހެނީ ޤާނޫނުގައި މިކަން އޮތް ގޮތަށެވެ. ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ ޤާނޫނެއް އެބައޮތެވެ. މި ޤާނޫނުގެ ދަށުން ރުއްގަސް ކެނޑުމާއި އުފުރުމާއި، ކޮނެގެންނެގުން އަދި އެއްރަށުން އަނެއް ރަށަށް ގެންދިއުމާބެހޭ ގަވާއިދެއްވެސް އެބައޮތެވެ. މި ޤަވައިދު އީޕީއޭ ވެބްސައިޓުން ފެންނަން އެއޮތީއެވެ.  ޤަވާއިދު 3 ވަނަ މާއްދާގެ (ހ) ގެ (1) ތިރީގައި ސާފުކޮށް ކަންއޮތްގޮތް ބަޔާންވެފައި އެވަނީއެވެ.

މިމާއްދާގައި މިހެން ބުނެފައިވާއިރު، ޤަވާއިދުގެ 11 ވަނަ މާއްދާގެ (ށ) ގައި ރުއްގަސް ކެނޑުން މިވަނީ މާނަ ކޮށްދީފައެވެ. އެގޮތުން “ރުއްގަސް ކެނޑުން” ކަމަށް ބުނެފައި އެވަނީ ރުކެއް ނުވަތަ ގަހެއް (ލަކުޑީގެ ބޭނުމަށް ނުވަތަ ބިން ބޭނުންކުރުމަށް) ނައްތާލުމުގެ ގޮތުން ކަނޑާލުމަށެވެ.

ކައުންސިލުން ކުރާ އިއުލާން ކައުންސިލަށް ތަންފީޒު ނުކުރެވޭ!

ތެދެކެވެ. ގޮނޑުދޮށް ސާފުކުރުމާއި ދެމެހެއްޓެނިވި ގޮތަކަށް ބެލެހެއްޓުމަކީ ތިމާވެއްޓަށް ގެއްލުންވާނެ ކަމެއް ނޫނެވެ. އެތަނުގައި ހިތްގައިމު ވަގުތު ކޮޅެއް ހޭދަކޮށްލެވޭ ގޮތަށް ހެދުމަކީ ވެސް ގޯހެއް ނޫނެވެ. ނަމަވެސް މިތަންތަނުގައި ހުރި ގަސްތައް ކަނޑުމަކީ އެސަރަޙައްދުގެ ވެށީގެ މުއްސަނދިކަންގެއްލި މި ކުދިރަށްރަށުގެ ވެއްޓަށް އިންތިހާއަށް ގެއްލުންލިބޭނެ ކަންކަމެވެ. ރަށުގެ ރައްކާތެރިކަމަށް ޤުދުރަތީގޮތުން އުފެދިފައިވާ ހޭޅިފަށް އިސް ރޯލެއް އަދާކުރެއެވެ. އެހެން ކަމުން އެތަން ނައްތާލުމަކީ ރަށަށް އޭގެ ނޭދެވޭ އަސަރު ކުރާނޭ ކަމެކެވެ. އަދި މި ސަބަބުތަކަށްޓަކައި ޤާނޫނީ ގޮތުން ވެސް މަނާ ކަމެކެވެ. އެގޮތުން ރަށެއްގެ ގޮނޑުދޮށުން ފެށިގެން 15 މީޓަރުގެ ސަރަހައްދެއްގައި ހުރި ގަސްތައް ކެނޑުން މަނާ ކަމަކަށްވީ ހިނދު ކައުންސިލު ތަކުން މިފަދަ ކަންކަމަށް ސަމާލުކަން ދޭން ޖެހެއެވެ.

ކައުންސިލަރުންގެ ޝާމިލްވުމާއި އެކު ކުރެވޭ މަސައްކަތްތައް ކުރެވެނީ ޤަވާއިދާއި އެއްގޮތަށްތޯ ބެލުމަކީ ކައުންސިލެއްގެ ޒިންމާ އަކަށް ވާން ޖެހޭނެއެވެ. ކޮންމެ ބަޔަކު ކުރިޔަސް އެކަމެއް މޮނިޓަރ ކުރެވޭނެ ނިޒާމެއް އޮންނަން ޖެހޭނެއެވެ. މިފަދަ ހާލަތްތަކުގައި ކައުންސިލުގެ އަމިއްލަ އިއުލާންތަކާއި ފުށުއަރާގޮތަށް ކައުންސިލަރުންގެ އަމަލުތައް ހުރުމަކީ މުޖުތަމަޢަށް ވެސް ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ.

މި ރީތި ޖަޒީރާ ރަށްރަށުގެ ހިމޭން ގޮނޑުދޮށުން އުފާލިބިގަތުމަކީ މި ރައްތަކުގެ އަހުލުންނަށް ލިބެންޖެހޭ ޙައްގެކެވެ. އެހެންނަމަވެސް އެ ޙައްގު ބޭނުން ކުރަންވާނީ ޤާނޫނާއި ޤަވާއިދާ އެއްގޮތަށެވެ. ކަނޑައެޅިފައިވާ އުސޫލާ އެއް ގޮތަށެވެ. ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ގެއްލުން ނުވާނެ ގޮތަށެވެ.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here