އަންހެނުންނަށް ކުރާ އަނިޔާތަކާ ހެދި ޕާކިސްތާންގެ ނަން ކިލަނބު ވަނީ

0

ނޭއްގާނީ އަމަލުތަކާ ހެދި ގައުމުން ބޭރުވުމަށް މަޖުބޫރުވާ އަންހެނުންގެ މައްސަލަތަކުން ބައިނަލްއަގްވާމީ މުޖުތަމައުގައި ޕާކިސްތާނަށް ލިބެމުންދަނީ ހުތުރު ނަމެކެވެ. އަންހެނުންނާ މެދު އިޖުތިމާއީ ގޮތުންނާއި ސިޔާސީ ގޮތުންނާއި އިގްތިސާދީ ގޮތުން މުއާމަލާތުކުރުމުގައި ޕާކިސްތާނުގައި ކިތަންމެ އިހާނެތިކަމެއް ތަހައްމަލުކުރަން ޖެހުނު ނަމަވެސް އެމީހުން ޕާކިސްތާން ދެކެ ލޯބިވެއެވެ. ނަމަވެސް އެނބުރި އައުމަށް އެމީހުނަށް އެއްވެސް ފުރުސަތެއް ނެތެވެ. ޕާކިސްތާންގެ ފިރިހެނުންގެ ބާރުވެރިކަމާއި ބޭފުޅިޒަމްއަކަށް ބަދަލެއް ނާދެއެވެ. އަދި އަންނާނެކަމަކަށްވެސް ނުބެލެވެއެވެ. ޕާކިސްތާނާ ވައިނޭޅި ތިބެން ޖެހޭނެ ކަން އެންމެ ރަނގަޅަށް އެނގޭނެ ބަޔަކީ ޕާކިސްތާންގެ ޓެރަރިޒަމްގެ އަމާޒު ފަތްގަނޑަކަށް ވެފައިވާ އަންހެނުންނެވެ..

ނޯބެލްގެ އިނާމް ލިބިފައިވާ ޒުވާން އަންހެނާ، މަލާލާ ޔޫސުފް ޒާއީ އެނބުރި ގައުމަށް ދިޔައިރު އޭނާގެ ހުރިހައި ވަގުތެއްގައި ހުރިހައި ހަރަކާތަކަށް ސަލާމަތީ ފިޔަވަޅު އެޅުމަށް އޮތީ މަޖުބޫރުވެފައެވެ. 31 ޖެނުއަރީގައި ރިލީޒްކޮށްފައިވާ “ގުލް މަކާއީ” ނަމަކަށް ކިޔާ ފިލްމަކީ މަލާލާގެ މައްޗަށް ކުޅެފައިވާ ފިލްމެކެވެ.

Advertisements

މި ފިލްމު ޑައިރެކްޓް ކޮށްފައިވަނީ އިންޑިއާ މީހެއްކަމުގައިވާ އަމްޖަދު ޚާންއެވެ. އަދި މިފިލްމު ޕްރޮމޯޓް ކުރުމަށް މަސައްކަތް ކޮށްފައިވަނީވެސް އިންޑިއާގެ ރީމް ޝެއިޚްއެވެ.

މިފިލްމުގައިވެސް ދައްކައިދެނީ މަލާލާ، ތާލިބާން މުއްލާއިންގެ ހުރަސްތަކުން ސަލާމަތްވާން ކުރި މަސައްކަތެވެ. މިކަމުގައި އޭނާގެ ބޮލަށް އުންޑައެއްވެސް އަމާޒުކޮށްފައި ވެއެވެ. މަލާލާ ވަނީ އިނގިރޭސިވިލާތުގައި ހުރެގެން ތަޢްލީމު ހާސިލުކޮށް ނިންމާފައެވެ. މަލާލާއަށް ތާލިބާނުން އަދިވެސް މައާފެއް ނުކުރެއެވެ.

މި ފިލްމު ރިލީޒްކުރުމުގެ ދެ ދުވަސްކުރިން އައިޝާ ބީބީއާއި ފަރަންސޭސި ނޫސްވެރިއަކު އިންޓަރވިއުކުރިއެވެ. އައިޝާ ބީބީ އަކީ ކެނެޑާގައި ފިލައިގެން އުޅޭ ޕާކިސްތާން އަންހެނެކެވެ.

ހަތަރު ކުދިންގެ މި މަންމައަކީވެސް ދީނަށް ފުރައްސާރަ ކުރުމުގެ ތުހުމަތުގައި 9 އަހަރަށް ޖަލަށް ލައި ދަންޖެއްސުމަށް ޙުކުމް އިއްވާފައި ހުއްޓައި ސަލާމަތްވި، މީހެކެވެ.

2018ގައި ކުއްލިގޮތަކަށް އޭނާ ބަރީއަކޮށް ކޯޓުން އޭނާ މިނިވަން ކުރިއެވެ. ޕާކިސްތާންގެ ސުޕްރީމް ކޯޓުން އާއިޝާ ބީބީގެ މައްސަލާގައި ކޮށްފައިވާ ޙުކުމް ކިޔައިފި މީހަކު ހިތަށް އަރާނީ ލާހޯރު ހައިކޯޓުން އޭނާގެ މައްޗަށް އެވަރުގެ ޙުކުމެއް އިއްވާފައިވަނީ ކޮންކޮން ކަމަކަށް ބަލައިގެންބާވައެވެ؟

ޖަލުގެ ހާލަތު ސިފަކޮށްދެމުން ފަރަންސޭސި ނޫސްވެރިޔާއަށް އާއިޝާ ބީބީ ކިޔައިދިން ގޮތުގައި އަތުގައި ބިޑިއަޅުވާފައި ހުރި ތަނުގައި އަބަދުވެސް ވޭން ދެނިވި ދިލައެއް ހުރެއެވެ. ކަރުގައި އަޅާފައި އޮންނަ ދަނގަނޑު ބަންދުގެ ނަޓް ބާރުކޮށްލުމުން ނޭވާ ލެވެނީ ހަމަ ކިރިޔާއެވެ. ޖަހާފައި ހުންނަ ބަރު ހިލިހިލާގަނޑު އޮންނަނީ ޖަލުގެ މުޑުދާރު ތަޅުމުގައި އަބަދުމެ ކޭއްތިކޭއްތިއެވެ. މި ހިލިހިލާ ގަނޑު އޮންނަނީ އަތު ބިޑިއާ ގުޅުވާފައެވެ.

އޭނާ ކިޔައިދިން ގޮތުގައި މިހުރިހައި ކަމަކުން އަބަދުވެސް ހިތުގައި އޮންނަނީ ބިރުވެރިކަމެކެވެ. މިއީ އަދިވެސް ފިލައިގެން ގޮސްފައިވާ ބިރުވެރިކަމެއް ނޫންކަމަށް އޭނާ ކިޔައިދިނެވެ.

އާއިލާއަށް އަލްވަދާއު ކިޔުމަކާ ނުލައި ކުއްލި ގޮތަކަށް ޕާކިސްތާން ދޫކޮށް ފިލައިގެންދާން ޖެހުނު އާއިޝާ ބީބީ، އޭނާގެ އާއިލާ މަތިންނާއި ގައުމު މަތިން ހަނދާން ވެއެވެ. އޭނާގެ ހުވަފެނަކީ ޕާކިސްތާނަށް އެނބުރި ދިއުމެވެ. އެކަމަކު އޭނާ އެހެރީ މުޅި އުމުރަށް އަރުވާލެވިގެންފަދަ ގޮތަކަށެވެ.

އާއިޝާ ބީބީއަށް ސުޕްރީމް ކޯޓުން ކޮންމެފަދަ ޙުކުމެއް އިއްވައި އޭނާ ބަރީއަ ކުޅަ ނަމަވެސް މުއްލާއިންނާއި ހައްދުފަހަނައަޅާފައިވާ މީހުން ތިބީ އޭނާގެ ލެއަށް ފެންބޮވައިގެންފައެވެ. އިގްތިސާދީ އަނދަވަޅުން އަރައިގަތުމަށް ހުޅަނގުން ފައިސާ ބޭނުންވެފައި އޮތް ސަރުކާރުން ބޭނުންވީ އާއިޝާ ބީބީ ރައްކާތެރިކަމަށް ޓަކައި ގައުމުން ބޭރުކޮށްލާށެވެ.

އޭނާ ކިޔައިދިން ގޮތުގައި އޭނާއަކީ ހައްދުފަހަނައަޅައި ދިއުމުގެ ޝިކާރައެކެވެ. އަދި އޭނާއަށް ކޮންމެފަދަ ޙުކުމެއް އިއްވިނަމަވެސް ޕާކިސްތާންގެ ކްރިސްޓިއަނުންނަށް ހަމަނޭވާއެއް ލުމެއް ނުވެއެވެ.

އާއިޝާ ބީބީއެކޭ އެއްފަދައިން ގައުމުން ބޭރުވެ ހިމާޔަތުގައި އުޅޭ ގުލެއިލާ އިސްމާއީލްއަކީވެސް ހިތްވަރެކެވެ. އަންހެން ކުދިންގެ ހައްގަށް މަސައްކަތް ކޮށްގެން ގުލެއިލާއަށް އިނާމެއްވެސް ލިބިފައި ވެއެވެ.

ޕާކިސްތާނުން އޭނާގެ ބޯކޮޅު ބަލަމުން ދަނިކޮށް އޭނާ ވަނީ ފިލައިގެން މިދިޔަ ސެޕްޓެމްބަރުމަހު ގައުމުން ބޭރުވެފައެވެ.

ގުލެއިލާ ބޭރުވެގަތީ ހުޅަނގު އުތުރު ޕާކިސްތާންގެ ސަހަރުތަކުގައި ސިފައިން ހިންގާ އޮޕަރޭޝަންތަކުގައި ސިފައިން، އަންހެނުންނަށް ކުރާ ނޭއްގާނި އަމަލުތަކާއި އަނިޔާތައް ގުލެއިލާ، ދުނިޔޭގެ ސަމާލުކަމަށް ގެނައުމާ ގުޅިގެން ސިފައިން އޭނާއާ ދިމާކުރުމުންނެވެ. އެތައް މަހެއް ވަންދެން ފިލައިގެން އުޅުމަށްފަހު އޭނާ ވަނީ އެމެރިކާއަށް އެތެރެވެފައެވެ.

ގުލައިލާވެސް ކިޔައިދިން ގޮތުގައި އޭނާ ޕާކިސްތާން ދޫކޮށް ދާކަށް ބޭނުމެއް ނުވިއެވެ. ނަމަވެސް އަހަރުތަކެއް ވަންދެން ޖަލުގައި އަނިޔާކުރުމާއި އޭނާގެ އަޑުކަނޑުވާލަން ކުރިމަސައްކަތުން އޭނާއަށް ގައުމުން ބޭރުވާން މަޖުބޫރުވީއެވެ.

ބއިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބާގައި ނިއުޔޯރކް ޓައިމްސްގައި ޕާކިސްތާނުން އަންހެނުންނާ މުއާމަލާތު ކުރާ ގޮތަށް އަލިއަޅުވައި ރިޕޯޓެއް ނެރެފައި ވެއެވެ.

މި ރިޕޯޓްގައި ބުނެފައިވަނީ ކުރީ އަހަރަށް ވުރެން މިފަހަރުގެ އަންހެނުންގެ ދުވަހުގެ ހިނގާލުން މާވަރުގަދަ ކަމަށެވެ. ސުލްޙަވެރި މި ހިނގާލުމުގައި ޕާކިސްތާންގެ ހުރިހައި ފަންތިއެއްގެ އަންހެނުން ބައިވެރިވިއެވެ.

މޫނު ބުރުގާ އެޅި އަންހެނުންނާއި، ޖިންސާއި ޓޮޕާއި ގަމީހުގައި ތިބި އަންހެނުންނާއި ބުރުގާއެޅި އަންހެނުން މީގައި ބައިވެރިވިއެވެ.

ސިޓީތަކާއި ރަށްފުށުން އައިސް އަންހެނުން ބައިވެރިވިއެވެ. ޓީޗަރުންނާއި ސިއްޙީ ދާއިރާގައި މަސައްކަތް ކުރާ މީހުންނާއި އަންހެން ޚުންސާއިންވެސް ބައިވެރިވިއެވެ. މި ހިނގާލުން ސުލްޙަވެރި ހިނގާލުމެއް ކަމުގައިވިނަމަވެސް ފިރިހެނުން ވަނީ މިހިނގާލުމަށް ހުރަސްއަޅައި އަންހެނުން ގިއްގަޅުވަން މަސައްކަތް ކޮށްފައެވެ.

އޭގެ ފަހުން ހަ ހާސް އަންހެނުން ވަނީ ކަރާޗީގައި ހިނގާލުމެއް ބާއްވާފައެވެ. އަދި ލާހޯރއާއި ކުއެޓާއާއި އެހެން ސިޓީތަކުގައިވެސް ކުދި ކުދި ގްރޫޕްތަކުން ހިނގާލުން ބާއްވާފައި ވެއެވެ.

މި ހިނގާލުންތަކާ ދެކޮޅަށް ފިރިހެނުން ނިކުމެ އަންހެނުން ކޮންޓްރޯލް ކުރުން އޮތީ އާންމުވެފައެވެ. މީސްމީޑިއާގައި އާންމުކުރި ފޮޓޯތަކުން ހަމަލާތަކުގެ އަމާޒުފަތްގަނޑަކަށް ހެދުމަށް ކެރިގެން ނިކުތް އަންހެނުން ހޯދަން، ފިރިހެނުން މަސައްކަތް ކުރިއެވެ.

މުއްލާއަކު ޓީވީގައި ދިން އިންޓަރވިއުއެއްގައި ބުނެފައިވަނީ ހިނގާލުންތަކުގައި އަންހެނުން ގެންގުޅުނު “ޝިއާރު މަގޭ ހަށިގަނޑު މަށަށް” އެއީ ފިރިހެނުން އެފަދަ އަންހެނުންގެ އިއްފަތް ފޭރިގަތުމަށް ދީފައިވާ ދައުވަތެއް ކަމުގައެވެ. މި ހިނގާލުންތަކާއެކު ޚައިބަރު ޕަޚްތޫންޙޫވާ އޭރިއާގެ ގާނޫނުހަދާ މަޖިލީހުގައި އިއްތިފާގުން ފާސްކޮށްފައިވަނީ އަނެހުންގެ މި ޝިއާރަކީ ލަދުވެތި ޝިއާރެއް ކަމުގައެވެ.

އަންހެނުންގެ ހައްގަށް އިހްތިރާމް ކުރާ އިސްލާމީ ނަމޫނާ ގައުމަކަށް އަމަލުން ދައްކާނެ ބައެއް މިހާރު ބޭނުންވެއެވެ.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here