ދުންފިނި – 11

0

“ކޮން ކުއްޖެއްތީ” ސަކީނާ އަހައިލީ ވަރަށް ހައިރާންވެ ހުރެއެވެ.

“މިއީ މާމަ ދަރިފުޅު” އެކުއްޖާ ޖަވާބު ދިނީ ވަރަށް ލޯބިންނެވެ.

“ކޮން މާމައެއް ކިޔާކަށް. އަވަހަށް މިތަނުން ދާން އުޅޭ.އެދިޔައީ ދޯ ކަލޭގެ މަންމަ” ސަކީނާ ހުރީ ވަރަށް ރުޅިގަދަވެފައެވެ.

Advertisements

“ނޫން މާމާ. ކޮންމެ ދުންފިނި ރެއެއްގައި އަހަރެން މިތާ އުޅެމޭ” އެކުޑަ ފިރިހެން ކުއްޖާ އަށް ރޮވުނެވެ.

“އޭތް. މިހިރަ ޖިންނިކުއްޖާ.ކަލޭ ގާތުގައި މި ބުނަނީ މަރާލުމުގެ ކުރިން މިތަނުން ދާށޭ މީހަކަށް ފެނިދާނެއޭ” ސަކިނާ ރުޅިގަދަވެގެންގޮސް ތުރުތުރު އަޅައެވެ.

ސަކީނާ ދުވެފައި ގޮސް ގޭތެރެއަށް ވަނެވެ. ފަހަތުން ނަސީރުބޭވެސް ވަނެވެ. ނަމަވެސް ހިނގައިދިޔަ އެއްވެސް މަންޒަރެއް ނަސީރުބެއަށް ނުފެންނަ ކަހަލައެވެ. ނަސީރުބޭ ގޮސް ވަނީ އެމީހުންގެ ކޮޓަރިއަށެވެ. ސަކީނާ ގޮސް ރިޝްފާގެ ކޮޓަރީގައި ތަޅައިގަތެވެ. ރިޝްފާ އަވަސް އަވަހަށް ދޮރު ހުޅުވިއެވެ.

“ބޭރަށް އާދެބަލަ” ރިޝްފާގެ އަތުގައިި ހިފަހައްޓާލައިގެން ސަކީނާ ބޭރަށް ނިކުތެވެ.

“ކިހިނެތްވީ” ރިޝްފާވެސް ހުރީ ހާސްވެފައެވެ.

“ބަލާބަލަ މިހިރަ ކުޑަ ކުޑަ ޖިންނި.ކަލޭ މަށަށް ދޮގުހެދީ ދޯ” ސަކީނާ ރިޝްފާއަށް އެކުޑަކުއްޖާ ދެއްކިއެވެ.

ރިޝްފާ ހުރީ ހާސްވެގެން ގޮސް އަނގައިން ބުނަން ނުކެރިފައެވެ. ނަމަވެސް މިރޭ ރިޝްފާ މިކަމާއި ކުރިމަތިލާން އެބަޖެހެއެވެ.

“އެއީ މަގޭ ދަރިފުޅު އަސްލަމް” ރިޝްފާ އެންމެފަހުން ބުނެލިއެވެ.

“އެހެންވިއްޔާ ކަލެ އާއި ކަލޭގެ ޖިންނި އަސްލަމް މިގެއިންދޭ” ސަކީނާ ރިޝްފާއަށް އިންޒާރުދިނެވެ.

ރިޝްފާ އެކުޑަކުއްޖާ ގޮވައިގެން ދާނީވެސް ކޮންތާކަށް ހެއްޔެވެ. އަދި މިކަހަލަ ރޭގަޑެއްގައި އެއްވެސް ތާކަށް ދާކަށް ރިޝްފާއަށް ނުކެރޭނެއެވެ. މަންމަގެ ގާތުގައި ކިތަންމެ ވަރަކަށް އާދޭސް ކުރިޔަސް ކާމިޔާބު ނުވާނޭކަން ރިޝްފާއަށް އެގެއެވެ. މާމަ ދަރިފުޅުގެ ކުރިމަތީގައި ސަކީނާ އެއުޅުނު ގޮތުން އެ މާމަ ދަރިފުޅު ހުރީ ބިރުން ގޮސް ރޮވިފައެވެ. ރިޝްފާގޮސް މަންމަގެ އަތުގައި ހިފައި އާދޭސް ކުރަމުން ދިޔައެވެ. އެންމެ ފަހުން ސަކީނާ ރިޝްފާއަށް މުހުލަތެއް ދިނެވެ. ރިޝްފާ މަންމަ ގޮވައިގެން ގޮސް ކޮޓަރިއަށް ވަދެ އެނދުގައި އިށީނެވެ. ނަސީބު ރަނގަޅުކަމުން ރިޝްފާގެ ފިރިމީހާ އަޝްރަފްވެސް ރަށަކު ނޫޅެއެވެ.

“މަންމާ.މަންމާ. އަސްލަމް ހިގައްޖެ. ދިޔައީ. ދިޔައީ” ރިޝްފާ ރޯންފެށިއެވެ.

“އާން. ބަރާބަރު. ދެން އެކުޑަ ޖިންނި ނުގެންނާތި” ސަކީނާ ހިތްހަމަޖެހުމުގެ ނޭވާއެއް ލިއެވެ.

“ކުޑަ ޖިންނިއޭ ނުކިޔަބަލަ.ޕްލީސް. އެއީ އަސްލަމް.އަސްލަމް.އަސްލަމް” ރިޝްފާ މަންމަގެ ހަށިގަނޑުގައި ބާރަށް ބައްދައިލިއެވެ. ސަކީނާވެސް ރިޝްފާގެ ބޮލުގައި ފިރުމަމުން ދިޔައީ ވަރަށް އޯގާތެރިކަމާއި އެކުގައެވެ.

“މަންމާ އަޑުއަހާބަލަ” ރިޝްފާ އޭނަގެ ހަގީގަތް ހާމަ ކުރަން ބޭނުންވިއެވެ.

ރިޝްފާ ވާހަކަ ފެއްޓީ ކަރުނުން ފުރިފައިވާ ލޮލަކާއި އެކުގައެވެ.

“އެރޭ ކުއްޖަކު ރޯއަޑަށް މަންމަ އަހަރެންގެ ކޮޓަރިއަށް ވަންއިރު އަހަރެން އޮތީ ވިހައިގެން. އެއްވެސް ކަހަކަލަ އުނދަގުލެއްނުވޭ.މަންމަގެ އަޑު އިވުމާއި އެކު އަހަރެން އެކުއްޖާ ފޮރުވައިފިން. އެއީ އިންސާނެއް ނޫންވީމަ އެނގޭ މަންމަ އެކުއްޖާއަށް ކޮންމެފަދަ ކަމެއްވެސް ކޮއްފާނެކަން. އެރޭ އަހަރެން ގަސްތުގައި މަންމައަށް ދޮގުހެދީ. މަންމަ ކޮޓަރިން ނިކުތުމާއި އެކު އެކުއްޖާގެ އާއިލާ މީހުން އައިސް އޭނަ ގެންގޮސްފި. އަދި ކޮންމެ ވަގުތަކު އަހަރެންނާއި އެކުއްޖާއާއި ދިމާވޭ. ރޭގަނޑު ނިދަނީ އަހަރެންގެ ގާތުގައި. ދުވާލު ވީމާ ދަނީ. އެއީ އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅު. އޭނައަށް ގެއްލުމެއް ނުދޭތި.ޕްލީސް މަންމާ” ރިޝްފާ ރޮމުން އެވާހަކަތައް ކިޔައިދިން އިރު މަންމަ ކަނުލައި އަޑުއަހަން އިނެވެ.

“ދެން ތިވާހަކަ ދައްކާނީ މާދަމާ” ސަކީނާ ރިޝްފާގެ ކޮޓަރިން ނިކުމެގެން ހިގައިގަތެވެ.

ރިޝްފާވެސް ނިދާލުމުގެ ބޭނުމުގައި އެނދުގައި އޮށޯތީ ދަރިފުޅު އަސްލަމްގެ ގާތުގައެވެ. ދަރިފުޅަށް އޮތީ ގިސްލެވިފައެވެ. އެކަން ހަމައަކަށް އަޅުވަން ރިޝްފާ މަސައްކަތް ކުރަމުން ދިޔައެވެ.

ރިޝްފާއަށް ހޭލެވުނީ ފަތިހުގެ ބަންގީގެ އަޑަށެވެ. އަވަހަށް ތެދުވެ ނަމާދުކޮއްލައިގެން ބޭރަށް ނިކުތެވެ. އެއްވެސް މީހަކު ހޭލާ ނޫޅޭތީ ގޯތިތެރޭގައި ހުރި ޖޯލިފަތީގައި އިށީނެވެ. ރިޝްފާ ސިއްސައިގެން ދިޔައީ މަންމަގެ ހަޅޭކުގެ އަޑަށެވެ. ވޭނީއަޑަކުން ސަކީނާ ހަޅޭލަވަމުން ދިޔައެވެ. ރިޝްފާ ދުއްވައިގަތީ ސަކީނާގެ ކޮޓަރިއާއި ދިމާލަށެވެ. ކޮޓަރިއާއި އަރާ ހަމަވިއިރު ކޮޓަރި ހުރީ ހުޅުވާފައެވެ. ބަލާކަށް ނުހުރެ ރިޝްފާ އެތެރެއަށް ވަނެވެ. ކޮޓަރިތެރޭގައި ނަސީރުބޭ ވެއްޓިފައި އޮތެވެ. ކައިރީގައި އަސްލަމް ބަލަހައްޓައިގެން ހުއްޓެވެ. ސަކީނާ އަޑުންއަޑުނަގައި ރޮނީއެވެ.

“ކިހިނެތްވީ” ސަކީނާގެ ގައިގައި ރިޝްފާ ބައްދައިލިއެވެ.

“އަސްލަމް.އަސްލަމް” ސަކީނާ ބުނަން އުޅޭ އެއްޗެއް ނުބުނެވިގެން އުޅުނު ކަހަލައެވެ.

“އަސްލަމް ކީއްކުރީ” ރިޝްފާ ހުރީ ހައިރާންވެފައެވެ. އަސްލަމް އެއްވެސް އެއްޗެއް ނުބުނެ ނަސީރުބޭގެ ގާތުގައި ކޮޅަށް ހުއްޓެވެ.

“ނަސީރުބޭ މަންމަ މަރާލަން އުޅުނީ. މަންމަ އަށް ފެނުނީ ހުރިހާ ފައިސާއެއް ދަބަހަކަށް ލަނިކޮށް” ސަކީނާ ރޯން ފެށިއެވެ.

“ދެން ކިހިނެތްހޭ ވީ” ރިޝްފާ ސުވާލު ކުރިއެވެ.

“މަންމަ ބުނިން ކީއްކުރަންހޭ ތި އުޅެނީ. ބުނީމަ މަންމަގެ އަތުގައި ވަޅި އެޅީ” ސަކީނާ ރޯންފެށިއެވެ.

“ދެން ކިހިނެތް އަސްލަމް ވަނީ” ރިޝްފާ އިތުރަށް ސުވާލު ކުރިއެވެ.

“ނޭގެ. އެސޮރު އައި ދިމާލެއްވެސް. އެސޮރު މަންމަ ސަލާމަތް ކޮއްލަ ދިނީ” ސަކީނާގޮސް އަސްލަމްގައިގައި ބައްދައިލިއެވެ. މާމަ ސަލާމަތް ކުރީތީއެވެ.

“މާމާ.އަހަރެންގެ ބައްޕަވެސް މަރުވީ” އަސްލަމަށް ގިސްލެވެން ފެށިއެވެ.

“ނޫން.ނޫން. ދެން ތިވާހަކަ ނުދައްކާ މާމަ ގާތުގައި” ސަކީނާ އާދޭހާ އެކުގައި ބުނެލިއެވެ.

“މާމާ. ކަމެއް ދިމާވާ އިރަށް ފަންޑިތައެއް ނޫން ހަދާނީ. ﷲ އަށް ދުޢާ ކުރަންވީ. ބަރާބަރަށް ނަމާދުކޮށް ޒިކުރު ކުރަންވީ.އަހަރެންގެ ބައްޕަ އަކީ މުސްލިމް އާއިލާއެއްގެ މުސްލިމެއް. އެހެން ނޫންނަމަ އެ އާއިލާއިން މާމަމެން މަރާލާނެ. ފަންޑިތައޭ ކިޔައިގެން ގިނަމީހުން ހަދަނީ މަކަރު. އޮޅުވައިލަނީ. ފައިސާގެ ބޭނުމުގައި. ކީއްކުރަން ﷲ ނޫން ފަރާތެއްގެ މަދަދަށް އެދެންވީ. ކީއްކުރަން އަހަރެންވެސް މަރާލަން އުޅުނީ.ކޮބާ އަހަރެންގެ ކުށަކީ. ދެންވެސް ނަމާދު ކޮއްގެން ﷲ އެންގެވި ގޮތަށް އުޅެބަލަ. މިއީ އެއް ނޫން ދުނިޔެއަކީ. އަންނަން އޮތް ދުނިޔެއަށް މަސައްކަތް ކުރަންވީ. އަހަރެން ބަލާ އަތުވެއްޖެ. ދެންދަނީ މާމާ.އެކަމަކު އަދިވެސް އަންނާނަން ކޮންމެ ރެއަކުވެސް” އެހެން ބުނިތަނާހެން އަސްލަމް ގެއްލުނެވެ. ސަކީނާ ހުރީ ހާސްވެ ގޮތް ހުސްވެފައެވެ. ކުރިމަތީގައި އޮތީ ނަސީރުބޭގެ ފުރާނަނެތް މަސްގަނޑެވެ.

ހެނދުނު އިރުއެރުމާއިއެކު މުޅި ރަށުތެރޭގައި އޮތީ ނަސީރުބޭގެ މަރުގެ ޚަބަރެވެ. މިފަހަރު ސަކީނާގެ ގޭތެރެއިން ނަސީރުބޭ މަރުވި ޚަބަރެވެ. ނަމަވެސް އެކަން މާ ބޮޑުކަމަކަށް ނުވިއެވެ. ނަސީރުބޭގެ ނުބައި ރޭވުމުގެ ވާހަކަ އެރޭ މީރާޒް އޮތީ ރަށުގެ ގިނަބަޔަކަށް ކިޔައި ދީފައެވެ. ނަސީރުބޭ އުޅުނީ ފައިސާގެ ދަހިވެތިކަމުގައެވެ. ސަކީނާ އާއި ކައިވެނި ކުރީވެސް އެބޭނުމުގައެވެ.

އިރު އޮއްސުނުއިރު ނަސީރުބޭގެ ވަޅުލުމަށްފަހު އެންމެން އެމީހެއްގެ ގެއަށް ދިޔައީއެވެ. ސަކީނާވެސް އައީ ސީދާ ގެއަށެވެ. ކުޑކޮށް ވާރޭ ވެހުނަސް އެކަމަށް ފަރުވާލެއް ނުބަހައްޓައެވެ. ރެއަށް އިރު އޮއްސުނީ ދުންފިނިރެއަކަށެވެ. ނަމަވެސް އުފާވެރިކަމާއި އެކުގައެވެ. ސަކީނާގެ ފުރަތަމަ މާމަ ދަރިފުޅާއި އެކު މުސްތަގްބަލަށް އުއްމީދުތައް ކުރަމުންނެވެ.

= ނިމުނީ =

Advertisements
Avatar
.މުޙައްމަދު އީމާން އަކީ އޮންލައިން ނޫސްތަކަށް ވާހަކަ ލިޔުމުގައި ދިގު މުއްދަތެއް ހޭދަކޮއްފައިވާ ލިޔުންތެރިއެކެވެ

LEAVE A REPLY

Please enter your comment!
Please enter your name here