ޑިއުޓީ ނިންމާފައި ރަށަށް: ރިސޯޓް ބޯއީއެއްގެ ނަޒަރުން

0

ހެނދުނު ހެނދުނާ ހޭލީ އެމިރޭޓްސް ފްލައިޓުން ފަތުރުވެރިން އަންނާތީ މަރުހަބާ ކިޔުމަށެވެ. ހޭލެވުނުލެއް ލަސްކަމުން ކުޑަގޮތަކަށް ނާސްތާއެއް ކޮށްގެން ޖެޓީއާ ދިމާއަށް ދުއްވައިގަތީއެވެ.

ގެއިން ނުކުމެވުނީ މާސްކު ހަނދާން ނައްތާލާފައެވެ. އެހެން ކަމުން އަނބުރާ ގެއަށް ވަނީއެވެ. ސައެއް ނުބޮވުނެވެ. އެންމެ ރަނގަޅެވެ. އަނެއްކާވެސް ޖެޓީއާ ދިމާއަށް ދުއްވައިގަތީއެވެ. ކިރިޔާ ޖެޓީއަށް އެރުނުކަމެވެ. ރިސޯޓްގެ ވެރިން މިތިބީ ފަތުރުވެރިންގެ އިންތިޒާރުގައެވެ. ލޯންޗް ކައިރިކުރީއެވެ. ނިކަން އަވަހަށް އަތަށް އަންގިއެއް “މަހާލައިގެން” ފަތުރުވެރިންނަށް މަރުހަބާ ކިޔައިފީމެވެ.

ދުވަސް ފެށުނީއެވެ. އަލަށް އައި މެހެމާނުންގެ އެންމެހާ އިންތިޒާމްތަކެއް ފުރިހަމަ ކުރެވުނުއިރު މެންދުރު ކާގަޑި ޖެހިއްޖެވެ. ކުޑަގޮތެއް ހަދާލަން ކަމަށް ކެންޓީނަށް ވަދެއްޖައީމެވެ. ތައްޓަށް ބަތްކޮޅަކާއި ދެތިން އުނދުޅީގެ ތަރުކާރީ ރިހަޔާއި ސަޓަނިކޮޅެއް އަޅައި ކާއެއްޗެހީގެ “ފަރުބަދައެއް” ހަދާލީމެވެ. ކުރިމަތީގައި އިން މީހާވެސް ރަނގަޅަށް ނުފެނެއެވެ. ހަމަޖެހިލައިގެން އިށީދެ ދެތިން ބަތްގުޅަ ކާލެވުނުތަނާ އެއައީ ފޯނެކެވެ. މިއަދު އައި ފަތުރުވެރިން ފީނަންދާންވީއެވެ. ކާއްއްޗެހި ޑަސްބިނަށް ލެވުނެވެ. އަތް ދޮވުނު ހަނދާނެއްނެތެވެ. ދުއްވައިގަތީއެވެ. ފަތުރުވެރިން އެދުނުކަންތައް ކޮށްދެވޭތޯއެވެ. ނަސީބުވެސް ރަނގަޅެވެ. ހުރިހާކަމެއް ދިޔައީ ރަނގަޅަށެވެ. އެމީހުންގެ ކޮޓަރި ހުރީ ޖެޓިއާ ދުރުގައެއް ނޫނެވެ. ހިނގާފައި ދެވޭހާ ކައިރީގައެވެ. ފަތުރުވެރިން ފުރުވާލީމެވެ. އެނބުރި ކެންޓީނަށް ދިޔައިރު ކެންޓީން ބަންދުކޮށްފިއެވެ. ލިބުނީ ޖޫސްތައްޓަކާއި ބަނަހެކެވެ. އެންމެ ރަނގަޅެވެ. މަށަށްވާ މިވަރުވެސް ލިބިއްޖެތާއެވެ.

އަނެއްކާވެސް އޮފީސް މަސައްކަތަށް ޖެހިލީއެވެ. މިއަދު އައި މެހެމާނުންގެ ރޭގަނޑުގެ ކެއުމުގެ އިންތިޒާމް ހަމަޖެއްސުމުގެ އިތުރަށް އިރުއޮއްސޭ މަންޒަރު ބެލޭނެ އިންތިޒާމްވެސް ހަމަޖެއްސީމެވެ. ޖީބަށް ދެތިން ޑޮލަރުވެސް އަޅާލެވިއްޖެވެ. އޮފީހުގައި ގިނައިރު މަޑުކުރެވޭކަށް ނެތެވެ. ޑިއުޓީ ނިންމާ މުއްޒަފުން ރަށަށް ގެންދާ ލޯންޗް ފުރަން ތައްޔާރުވީއެވެ. ދުއްވައިގަތީމެވެ. ފެންވެސް ނުވަރާ ޔުނިފޯމް ބަދަލުކޮށްގެން ދަބަސް ހިފައިގެން އައިއިރު ލޯންޗް ނައްޓާލައިފިއެވެ. ކިހާ ދެރަހެއްޔެވެ. އަންހެނުން ހުރީ އިންތިޒާރުގައެވެ. އައިސްކްރީމް ބޯން ދާނަމޭ ބުނެވިފައިވާތީ ދަރިން ތިން ފަހަރު ގުޅާލައިފިއެވެ. މައިދައިތަ ވެސް ކޮންމެވެސް ކަމަކު ކިޔަން ވެފައި އޮތީމަ އެގެއަށް ވެސް ދާންއޮތީ ތާވަލު ކުރެވިފައެވެ.

މުޅިން ސަކާރާތެވެ. ރަށަށް ނުގޮސްވާކަށް ނެތެވެ. ލޯންޗެއް ލިބޭކަށް ނެތެވެ. ހުރިހާ ލޯންޗެއްވީ ކަނޑުމަތީގައެވެ. ބަލާކަށް ނުހުންނަމެވެ. ނިކަން ބާރަށްގޮސް ވޯޓަރ ސްޕޯޓްސްއިން ޖެޓްޕެކެއް ނަގާ ނިކަން ބާރަށް އައްސާލައިފީމެވެ. އިސާހިތަކު އުދުހި ގަނެވިއްޖެވެ. ވިލާގަނޑުގައި ޖެހޭހެންވެސް ހީވެއެވެ. ރާއްޖޭގެ މަލަމަތި ހާދަހާރީއްޗެއެވެ. މިއޮއް ދެވެނީއެވެ. ދެންވީގޮތެއް ނޭނގުނެވެ. ކުއްލިޔަކަށް ސިއްސައިގެން ދިޔައީ ފޯނުގެ އެލާމް އަޑަށެވެ. ވާނުވާ މި އެނގުނީ ދެނެވެ. ފެނުނީ ހުވަފެނެއްކަންވެސް ރޭކާލީ ދެނެވެ. އާއެކެވެ. އެއީ ހުވަފެނެކެވެ. ކުލައެއް ނެތް ހުވަފެނެކެވެ. ކުއްލިޔަކަށް ހިތަށް އައީ ރައްޔިތުންގެ މަޖިލީހުން ދާދިފަހުން ފާސްކުރި އިސްލާހެވެ.

މި ދުވަސްވަރު އެންމެ ބޮޑަށް ދެކެވެމުން އަންނަ ވާހަކަޔަކީ ރައްޔިތުންގެ މަޖިލީހުން ނިންމި މުހިންމު ނިންމުމެއްގެ ވާހަކައެވެ. ތިލަކޮށްލާނަމެވެ. ޑިއުޓީ ނިންމާލާފައި ރިސޯޓް މުއައްޒަފުން ގެއަށް ދެވޭ އިސްލާހެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ދުވަސްވަރު އެމްޑީޕީގެ ތުޅާދޫ ދާއިރާގެ ކެންޑިޑޭޓް އަދި މިހާރުގެ ތުޅާދޫ ދާއިރާގެ މެންބަރު އަލްއުސްތާޒާ ހިސާން ހުސެއިން ވެ ވަޑައިގެންނެވި ކެމްޕެއިން ވައުދެއް ހަޤީގަތަކަށް ހެއްދެވީއެވެ. މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތުން ފާސްކުރެއްވީއެވެ. ވެވަޑައިގެންނެވި ވައުދު ފުއްދަވާދެއްވައި އެހެން ހުރިހާ މެންބަރުންނަށް ނަމޫނާ ދައްކަވައިފިއެވެ.

މި ވައުދު ހަޤީގަތުގައިވެސް ފުއްދޭނީ ކިހާ މިންވަރަކަށް ހެއްޔެވެ. މަޖިލީހުން ފާސްކުރުމަށް ފަހު ރައީސް ތަސްދީގު ކުރެއްވުމާއި ހަމައިން އެހެނިހެން ގާނޫނު ތަކެކޭވެސް އެއްފަދައިން އޮޔާދާން ދޫކޮށްލަނީ ހެއްޔެވެ؟ ނޫނެކެވެ. އެހެން ވިޔަކަ ދޭނެހެން ހިއެއް ނުވެއެވެ.

ރިސޯޓްގައި ވަޒީފާ އަދާކުރާ ދިވެހިން ދިރިއުޅެމުންދަނީ ކިތަންމެ ރަނގަޅު އުޖޫރައެއް ލިބުނު ނަމަވެސް ހިތްދަތިކަމުގައެވެ. ގައުމީ ހިދުމަތުގައި ފުރާނަ އަތްމައްޗަށް ލައިގެންނެވެ. އަނބިދަރިންނާއި މުޅި އާއިލާ ގުރުބާންކޮށް ގައުމީ ހިދުމަތުގައެވެ. ރާއްޖެއަށް އަންނަ މެހެމާނުންނަށް ހިދުމަތްކުރުމުގައެވެ. އެ މީހުންނަކީ ފްރޮންޓް ލައިނާސް އަށް ނުވުމަކީ އަދި އެހެން ކަމެކެވެ. އެވާހަކަ އެހެން ފަހަރަކަށް ބާއްވަމާ ބަހީއެވެ.

ހަފްތާއަކު ހަ ދުވަހު މަސައްކަތްކޮފައި އެއް ދުވަސް ޗުއްޓީއެއް ލިބެއެވެ. ރިސޯޓް ބަހުރުވައިން އޮފް ޑޭ އެކެވެ. ރަށާ ކައިރީ ރިސޯޓްގައި މަސައްކަތް ކުރާ މުއައްޒަފުންނަށް މިއީ ވަރަށް ފައިދާހުރި ދުވަހެކެވެ. އެހެން މުއައްޒަފުންނަށް މި ދުވަހަކީ ވޭނެކެވެ. ބައެއް ރިސޯޓްތަކުން ހަފްތާއަކު އެއްދުވަސް ނަގަން މަޖުބޫރެވެ. އެހެން ރިސޯޓް ތަކުން ހަތަރު ދުވަސް ނުވަތަ ތިން ދުވަސް އެއްކޮށްލައިގެން ނެގެއެވެ. ގާނޫނު ވަކިގޮތަކަށް މަޖުބޫރެއް ނުކުރެއެވެ. “ދެ ފަރާތް އެއްބަސްވާގޮތް” އެންމެ ރަނގަޅެވެ.

މަޖިލީހުން ނިންމި ނިންމުން ދެއްތޯއެވެ. ބ އަތޮޅު ކިހާދޫ، ތުޅާދޫ ފަދަ ރަށްތަކުގެ މުއްޒަފުންނަށް ކިތަންމެހާ ވެސް ރަނގަޅެވެ. އެހެން ނަމަވެސް ރާއްޖޭގެ އެހެނިހެން ހިސާބު ތަކަށް އޮތީ ކޮންމެ މޮޅެއް ހެއްޔެވެ. ކޮންމެ އޮފްޑޭ އަކަށް ދެހާސް ރުފިޔާ ހަރަދުކޮށް ނުވަތަ ކޮންމެ ދުވަހަކު އެމިންވަރަށް ޚަރަދުކޮށް އެތައް ގަޑިއިރުގެ ދަތުރު ކުރެވޭނީ ކިހިނެއް ހެއްޔެވެ. ލިބޭ މުސާރަ އަނގަޔާ އަތާދިމާނުވާއިރު ކޮންމެ ރެޔަކު އަތުން ޚަރަދުކޮށްގެން ރަށަށް ދިއުން އެއީ ވާނޭކަމެއް ނޫނެވެ.

ރިސޯޓެއްގެ ވިސްނުމުގައިވެސް މިއީ ބުނެލަން ފަސޭހަ ކުރަން އުނދަގޫ ކަމެކެވެ. ބަލަމާ ހެއްޔެވެ. މެދު ރާއްޖެތެރޭގެ ރިސޯޓެކެވެ. ރިސޯޓުގައި 25 ރަށަކަށް ނިސްބަތްވާ ދިވެހި މުއައްޒަފުން އެބަތިއްބެވެ. ކޮންމެ ދުވަހަކު ޑިއުޓީ ނިންމާ މުއްޒަފުން ރަށަށް ފޮނުވާނަމަ 25 ރަށަށް ފަންސްވީސް ދަތުރު އަޅަން ޖެހެއެވެ. އަނެއްކޮޅުން އަނެއް ދުވަހުގެ ޑިއުޓީއަށް ގެންނަވެސް ޖެހެއެވެ. އެހެން ވެއްޖެނަމަ ދަތުރު ފަތުރުކޮށްފައި ދެން އަދާކުރާނެ ވަޒީފާއެއްނެތެވެ. ރިސޯޓްގެ ފިއުލް ކޯސްޓް ހިންގުމުގެ އެހެން ހުރިހާ ޚަރަދަކަށްވުރެ ބޮޑުވެ ރިސޯޓް ބަންދުކުރާ ހިސާބަށް ނުގޮސް ފަރުޖެހޭނެ ބާވައެވެ.

ޤާނޫނު ހަދަން ވަނީ ވަކިބަޔަކަށް ފައިދާވާ ގޮތަކަށްނޫނެނެވެ. މިއީ އަހަރެންގެ ޚިޔާލެވެ. ހައްލަކީ ކޮބަހެއްޔެއެވެ؟

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here