އިންޑިއާގެ އެއާޕޯޓްތަކުގައި ކޮވިޑް 19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ތަބާ ނުވާ ފަސިންޖަރުންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ނިންމައިފިއެވެ. އިންޑިއާގެ ސިވިލް އެވިއޭޝަނުން އެއަރ ލައިންތަކަށް އަންގާފައި ވަނީ އެއާޕޯޓްތަކުގައި ފަސިންޖަރުން މާސްކު އެޅުވުމަށް ސަމާލުކަން ދިނުމަށާއި އަދި އެދެވޭ ގޮތަށް މީހުން މާސްކު އަޅާތޯ ބެލުމަށާއި ގައިދުރުކަމަށް ފަސިންޖަރުން ސަމާލުކަން ދިނުމަށް ބާރު އެޅުމަށެވެ.
މީގެ އިތުރުން ކޮވިޑް19 ޕްރޮޓޮކޯލަށް އިތިރާމު ނުކުރާ ފަރާތްތަކަށް އިންޒާރު ކުރުމަށާއި އަދި ތަކުރާރު ކޮށްވެސް ނަސޭހަތްތެރިވުމުން އެފަދަ ފަރާތަކުން ތަބާވުމަށް ދެކޮޅު ހަދަނީ ނަމަ ސަލާމަތީ ފަރާތްތަކާ އެމީހަކު ހަވާލު ކުރުމަށްވެސް އަންގާފައި ވެއެވެ.
ސިވިލް އެވިއޭޝަނުން ނިންމާފައި ވަނީ ސަލާމަތީ ފަރާތްތަކާ ފަސިންޖަރަކު ހަވާލު ކުރެވޭ ހިސާބުން އެމީހާއަކީ ގަވާއިދަށް ހުރުމަތްތެރިކޮށް ނުހިތާ މީހެއްކަމަށް ނިންމައި ފިޔަވަޅު އެޅުމަށެވެ. އެއާއެކު ތިން މަހާ 24 މަސް ދުވަހުގެ މުއްދަތަށް އެމީހަކަށް ވައިގެ ދަތުރަކަށް އެރުން މަނާ ވެގެންވާނެއެވެ. އޭގެ ތެރޭގައި މަތިންދާބޯޓުގައި ދެވޭ ކޮވިޑް19އާ ގުޅޭ އިރުޝާދުތަކަށް ތަބާ ނުވުންވެސް ހިމެނެއެވެ.
މިހާތަނަށް 15 ފަސިންޖަރަކާ މެދު މިފަދައިން ފިޔަވަޅު އަޅާފައި ވެއެވެ.