ބަނގްލަދޭޝްއާއެކު ނިއުކްލިއަރ ހަކަތަ އުފެއްދުމުގެ ދާއިރާއިން އެހީތެރިވުމަށް އިންޑިއާއިން ނިންމައިފިއެވެ. އިންޑިއާއިން ބަންގްލަދޭޝްއަށް ދޭ ލައިން އޮފް ކްރެޑިޓްގެ ދަށުން ބަންގްލަދޭޝްގެ ރޫޕްޕޯރ ނިއުކްލިއަރ ޕަވަރ ޕްލާންޓުން ކަރަންޓް ދިނުމަށް ބޭނުންވާ އެއް ބިލިއަން ޑޮލަރުގެ ކްރެޑިޓް އިންޑިއާއިން ވަނީ ހަމަޖައްސައިދީފައެވެ.
އިންޑިއާގެ ބޮޑު ވަޒިރު ނަރެންދްރަ މޮދީ ބަންގްލަދޭޝްއަށް ކުރެއްވި ދަތުރުފުޅާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ފޮރިން ސެކެޓްރީ ހަރްޝްވަރްދަން ޝްރިންގްލާ ވިދާޅުވީ، އިންޑިއާއާއި ބަންގްލަދޭޝްއިން މަޝްވަރާ ކުރަމުން ދަނީ ދެ ގައުމުގެ އުޅަނދުތައް އަނެއް ގައުމުގައި ދުއްވޭ ގޮތަށް ހުއްދަ ދިނުމަށް މަސައްކަތް ކުރަމުންނެވެ. ބަންގްލަދޭޝްއިން ބޭނުން ވަނީ ބަންގްލަދޭޝްގެ މުދަލާއި އުފެއްދުންތައް ބަންގްލަދޭޝްގެ އުޅަނދުތަކުގައި އިންޑިއާ ހުރަސްކޮށް، ނޭޕާލާއި ބޫޓާނަށް ގެންގޮސް ވިޔަފާރި ފުޅާ ކުރާށެވެ.
މީގެ އިތުރުން ދެ ގައުމުގެ ދެމެދު ޖައްވީ ދާއިރާގައި ގުޅުން ބަދަހި ކުރުމަށްވެސް މަޝްވަރާ ކުރެވިފައިވާ ކަމަށް ޝްރިންގްލާ ވިދާޅުވިއެވެ.
ބަންގްލަދޭޝގެ މިނިވަންކަމަށް ފަންސާސް އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި އިޙުތިފާލްގައި ދެ ގައުމުގެ މަޝްވަރާއަށް އަލިއަޅުވާލައްވަމުން އޭނާ ވިދާޅުވީ، ވިޔަފާރިއާއި ދަތުރުފަތުރާއި ގުޅުމާއި ކޯރުތަކުގެ ފެން ހިއްސާކުރުމާއި ސަލާމަތީ އަދި ދިފާއީ ކަންތައްތަކާއި ކަރަންޓް އުފެއްދުމާއި އަރޓިފިޝަލް އިންޖެލިޖެންސްގެ ދާއިރާއާއި ތިމާވެށްޓާއި ނިއުކްލިއަރ ހަކަތަ އަދި ސްޕޭސްގެ ދާއިރާއިން މަޝްވަރާތައް ބޭއްވުނު ކަމަށެވެ.
ބަންގްލަދޭޝްގެ މިނިވަންކަމުގެ ހަނގުރާމައިގައި އެންމެ ބޮޑަށް އެހީތެރިވެ ދިނީ އިންޑިއާއިންނެވެ. އަދި ބަންގްލަދޭޝް މިނިވަން ދައުލަތެއްގެ ގޮތުގައި އެންމެ ފުރަތަމައަށް ބަލައި ގަތީވެސް އިންޑިއާއިންނެވެ.
ބަންގްލަދޭޝްއިން ވަނީ މިނިވަންކަމުގެ ހަނގުރާމައިގައި މަރުވި އިންޑިއާ ސިފައިންގެ ހަނދާނުގައި މޮނިއުމެންޓެއް ހެދުމަށް އިންޑިއާއާ އެކު އެއްބަސްވެފައެވެ.
ހަދަމުންދާ ރޮއްޕޫރު ނިއުކްލިއަރ ޕަވަރ ޕްލާންޓަކީ ރަޝިޔާގެ ސްޕެސިފިކޭޝަނަށް ރޮސްއެޓޮމް ކުންފުނިން ހަދަމުންދާ ޕްލާންޓެކެވެ. މި ޕްލާންޓަކީ 60 އަހަރު ދުވަހަށް ދެމިހުންނާނެ އަދި އިތުރު 20 އަހަރަށްވެސް އޭގެ އުމުރު ދިގު ކުރެވިދާނެ ޕްލާންޓެއްކަމަށް ރޮސްއެޓޮމް އިން ބުނެފައި ވެއެވެ. މި ޕްލާންތްގެ މަސައްކަތް ފެށީ 2017ގެ ނޮވެންބަރު މަހުއެވެ.