ލަންކާ ތިން މަސްބޯޓަކުން ވަގުހަތިޔާރާއި ގިނަ އަދަދެއްގެ މަސްތުވާ ތަކެތި އުފުލުމުގެ މަސައްކަތުގައި މަލިކު ސަރަހައްދުގައި އުޅެނިކޮށް އިންޑިއާގެ ކޯސްޓްގާޑުން ހިފައިފިއެވެ. ލަންކާގެ ތިން މަސްބޯޓު މިހާރު ވަނީ އިތުރު ތަހްގީގަށް ޓްރިވެންޑްރަމްގެ ވިޒިންޖަމް ބަނދަރަށް ގެންގޮސްފައެވެ.

މި ތިން ބޯޓުން ފެނިފައިވާ ހަތިޔާރުގެ ތެރޭގައި އޭކޭ45ގެ ބަޑިއާއި އޭގެ ވަޒަންތައް ހިމެނެއެވެ. އަދި 300 ކިލޯގެ ހެރޮއިންވެސް އަތުލައިގެންފައި ވެއެވެ.

މި ތިން ބޯޓުގައި ޖުމުލަ 19 ފަޅުވެރިން ތިއްބެވެ. މިއީ ރާއްޖެއާއި އިންޑިއާގެ ސަރަހައްދާ ކައިރިން މިހާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ސްރީލަންކާގެ ބޯޓުތަކުން އަތުލައިގަތް ފުރަތަމަ ފަހަރެވެ. މީގެ ކުރިން ލަންކާ މަސްބޯޓުތަކުން މަސްތުވާތަކެތި އަތުލައިގެންފައި ވަނީ ލަންކާއާއި އިންޑިއާއާ ގުޅޭ ކަނޑުގެ ސަރަހައްދުންނެވެ.

މާޗް މަހު 18 ގައި އިންޑިއާގެ ކޯސްޓްގާޑުން ހިންގާފައިވާ އޮޕަރޭޝަންގައި ގޯވާ ސަރަހައްދުގެ ކޯސްޓްގާޑް ބައިވެރިވެފައި ވެއެވެ.

އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއިން ބުނެފައިވާ ގޮތުގައި މި ބޯޓުތަކުގެ މީހުންނާއި ޖެނުއަރީ މަހު ޗެންނައިން މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައިވާ މީހުންނާ ގުޅުމެއް ވެއެވެ. އަދި މިމީހުންނަކީ މަސްތުވާ ތަކެތީގެ ވިއުގައެއްގެ ބައެއް ކަމަށާއި މިމީހުން އޮޕަރޭޓް ކުރަނީ އިންޑިއާ، ލަންކާ، ޕާކިސްތާން ރާއްޖެ އަދި އަފްޣާނިސްތާނާއި އީރާނާއި އޮސްޓްރޭލިއާގައި ކަމަށް ބުނެއެވެ.