ޗައިނާއިން ޝިންޖިއާންގައި ހިންގަނީ އިންސާނިއްޔަތާ ދެކޮޅުވެރި އަލަމެއް ކަމަށާއި އަދި އެއީ ނަސްލުތައް ނެތިކޮށްލުމުގެ އަމަލެއް ކަމަށް އެމެރިކާއިން ޝާއިއިކުރާ 2020ގެ އިންސާނީ ހައްގުތަކާ ބެހޭ ރިޕޯޓްގައި ތުހުމަތު ކޮށްފިއެވެ.
އެމެރިކާގެ ރިޕޯޓްގައި ބުނެފައި ވަނީ އިންސާނީ ހައްގާ ދެކޮޅަށް އެއްވެސް ގައުމެއްގައި އަމަލުތަކެއް ހިންގަނީ ނަމަ އެމެރިކާއިން އެކަމާ ދެކޮޅަށް ކުރިމަތިލާނެ ކަމަށެވެ. އަދި އެއީ އެމެރިކާގެ ރަހުމަތްތެރި ގައުމެއްކަމުގައި ވިއަސް ވަރިހަމަ ކަމަށެވެ.
އެމެރިކާގެ ރިޕޯޓާ ގުޅިގެން ޗައިނާއިން ބުނެފައި ވަނީ ޝިންޖިއާންއާ ބެހޭ ގޮތުން އެމެރިކާ އިން ފަތުރަނީ ހަދައިގެން ދައްކާ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި މިއީ ގަރުނުގެ ބޮޑު ދޮގު ކަމަށެވެ.
އެމެރިކާއާއި އދއާއި އިންސާނީ ހައްގަށް މަސައްކަތް ކުރާ ޖަމާއަތްތަކުން އަދި ހުޅަނގުން ތުހުމަތު ކުރާ ގޮތުގައި މިލިއަނެއްހާ މުސްލިމުން ޝިންޖިއާންގައި ބަންދުކޮށްގެން ނިޒާމެއްގެ ތެރޭން ޗައިނާއިން ދަނީ އެމީހުންގެ އިންސާނީ ހައްގަށް އަރައި ގަންނަމުންނެވެ. އަދި އަންހެނުންގެ އިއްފަތް ފޭރިގަނެ، އެމީހުން ދަރިމައި ނުވާ ގިތް ހެދުމަށް މަސައްކަތް ކުރާ ކަމަށްވެސް ތުހުމަ ކުރެވެއެވެ.
ޗައިނާގެ އަމަލުތައް ކުށްވެރިކުރުމާއި ޗައިނާއާ ދެކޮޅަށް ގައުމުތަކުން ފިޔަވަޅު އަޅަމުން ދިއުމުން ޗައިނާއިން ވަނީ ފިޔަވަޅުތައް އަޅަން ފަށާފައެވެ.
ޗައިނާއިން ޝިންޖިއާން ހިފިފަހުން ދެކޮޅުވެރިންގެ އަމަލުތަކާ ހެދި އެއީ ޒާތީ މިނިވަންކަން ލިބިގެންވާ ސަރަހައްދެއްކަމަށް ޗައިނާއިން ވަނީ ކަނޑައަޅާފައެވެ. ނަމަވެސް ޝީ ޖިންޕިންގ ގެ ވެރިކަމުގައި މި ސަރަހައްދުގެ ޒާތީ މިނިވަންކަން ގެއްލި، މީހުންގެ ހަރަކާތްތައް މޮނީޓާ ކުރުމަށް އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުން ކުރެވެއެވެ.
ޝިންޖިއާންގެ ރައްޔިތުންގެ ބަޔަކު ވަނީ ބީބީސީއާއި ބީބީސީގެ ރިޕޯޓަރާ ދެކޮޅަށް ދައުވާ ކޮށްފައެވެ. ޗައިނާގެ ގްލޯބަލް ޓައިމްސްއިން ބުޏާ ގޮތުގައި ރިޕޯޓަރ ޖޯންސުޑް ވަރތު ވަނީ ވަޒީފާ ދޫކޮށް މިހާރު ޓައިވާނަށް ގޮސްފިލާފައެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީން ބުނާ ގޮތުން ޝިންޖިއާންގައި ޗައިނާއިން އިންސާނިއްޔަތާ ދެކޮޅަށް އަދި ނަސްލުތައް ނެތިކޮށްލުމުގެ އަމަލުތައް ހިންގާކަމަށް، އެއްވެސް އިތުރު ހޯދުމަކާ ނުލައި ބުނުމަކީ ސިޔާސީ ލޭބަލެއް ކަމަށާއި އަދި މިއީ ހަގީގަތް އޮޅުވާލުމެއް ކަމަށެވެ. އަދި އިންޓަރނޭޝަނަލް ޑިޕްލޮމެސީ ގައި އެކަން އޮންނަންވޭނެ ގޮތެއް ނޫން ކަމަށެވެ. މީގެ އިތުރުން ޗައިނާއަށް މިގޮތަށް ތުހުމަތު ކުރުމުން ޝިންޖިއާންގައި ޗައިނާއިން ހޯދާފައިވާ ކުރިއެރުންތައް ފަނޑުކޮށްލެވެނީ ކަމުގައި ބުނެފައި ވެއެވެ.
ޗައިނާއިން ގެންދަނީ މުސްލިމުންގެ ސަގާފަތް ފޮހެލައި، ޗައިނާ ވަންކަން އަށަގެންނެވުމަށް މސައްކަތް ކުރމުންނެވެ. މިކސްކިތްތަކުގެ ގުއްބާއި މުންނާރުތައް ތަޅާލުމާއި ހަލާލު ކާނާ ވިއްކާތަންތާގައި ހަލާލު އަރަބި އަކުރުން ޖެހުމުގެ ޗައިނާގެ ޒަމާންވީ އާދަކާދަ ދޫކޮށްލުމަށްވެސް ސަރުކާރުން ވަނީ މަޖުބޫރުކޮށްފައެވެ. ޝިންޖިއާންގައި ހުރި އެތައް ސަތޭަކ އަހަރުވީ ސޫފީ ވަލީވެރިންގެ ޒިޔާރަތްތަކާއި މުސްލިމު ގަބުރުސްތާންތައް ވަނީ ނެތިކޮށްލާފައެވެ. އަދި ތުބުޅި ބަހައްޓައި ގުރުއާންކިޔަވައި އިސްލާމީ ޝިއާރުތައް ނެގެހެއްޓުމަކީ މީހާ ކޭމްޕަށް ގެންގޮސް ސިކުނޑި ދޮވެލުމަށް ސަރުކާރަށް ލިބޭ ފުރުސަތެއްކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.