މުނާއާއި ހަނާ އަކީ ރާއްޖެތެރޭގެ ކުޑަ ރަށަކަށް ނިސްބަތްވާ ދެބެންނެވެ. ދެބެންގެ ދެމެދުގައި އުމުރުގެ ތަފާތީ ދޮޅު އަހަރެވެ. އުމުރުން 8 އަހަރާއި ނުވަހަރުގެ މި ދެކުދިން ބޮޑުވަމުން އައީ އާއިލާގެ ލޯބި ލިބިގެންނެވެ. ޚާޞަކޮށް ކާފަޔާ މާމަ މި ދެބެން ދެކެވެސް ވަރަށް ލޯބިވެއެވެ.
އެއްފަހަރަކު މާމަޔާ ކާފަ ކައިރީގައި އޮތް އަވައްޓެރި ރަށަކަށް ދާންވެގެން ހަނާއާއި މުނާ ގޮވައިގެން ދިޔައެވެ. ރައްޓެހިންނާއި އާއިލާގެ މީހުން ގިނަ އެރަށަށް މުނާ މެން ދިޔައީ ހެނދުނު އެވެ. ކަނަޑު ކައިރި ރަށެއް ކަމަށްވާތީ ލަފާ ފުރުމުގެ ތަތިކަން ބޮޑު އެރަށަށް ފޭބުނު އިރު 10 ޖަހައިފިއެވެ. މުނާމެން ކާފަޔާއި މާމަޔާއެކު އާއިލާއާއި ރައްޓެހިންގެ ގޭގެ އަށް ޒިޔާރަތް ކޮށް ނިމުނު އިރު މެންދުރުން އަނބުރާ ތިނެއް ޖަހައިފިއެވެ. އެމީހުން އައި ދޯނި އެނބުރި ރަށަށްދާން ފުރުމަށް ހަމަހެހިފައިވަނީ ހަވީރު ހަތަރު ގަޑި ބައިގައެވެ. އެހެންކަމުން އަދި ވަގުތު އޮތީތީ މުނާ އާއި ހަނާ މާމަމެންގެ ހުއްދަ ހޯދައިގެން އެރަށުގެ ރައްޓެހި ކުދިންނާއެކު މާ ބިންނަން ދިޔައެވެ. މުނާމެން ރަށުގައި ނުހުންނަ ވައްތަރުގެ މަލެއް ވީމާ މިސްކޮށް ދޮށަށް ދިޔައީ ގުލްޗަންޕާ މާ ބިންނާށެވެ. ގުލްޗަންޕާ މަލުގެ ރަތްކުލަ އެރަށު މިސްކިތްދޮށުގައި ހުރެއެވެ. މި ކުދިންނަށް މާ ބިނދެގެން އާދެވުނުއިރު ދޯޏްޏަށް މީހުން އަރަނީއެވެ. މާމަ ޔާއި ކާފަ މިކުދިން ލަސްވެގެން ވަރަށް ކަންބޮޑުވެފައި ތިއްބެވެ.
މިސްކިތުގަހުން ބިން ހުރިހާ މަލެއް ހުރީ މުނާ އަތުގައެވެ. އެ މާތައް ފެނިފައި މާމަ ބުންޏެވެ. ދަރިފުޅާއެވެ. އިރު އޮއްސޭއިރު ތިކަޔަހަލަ މާ ގެންގުޅޭކަން ނުވާނެއެވެ. މުނާ ބުނީ ރަށަށް ގޮސް ރައްޓެހި ކުދިންނަށް ދައްކާލާފައި އެއްލާ ލާނެކަމަށެވެ. ނަމަވެސް އިރު އޮއްސުނީ އިރުވެސް މުނާ އެމާތައް ހިފައިގެން އުޅުނެވެ.
އެރޭ ގޭގެ އެންމެން ނިދާފައި ތިއްބައި ކުއްލި އަކަށް މުނާ ތެދުވެ ރޯން ފަށައި ފިއެވެ. މުނާ ތެދުވެ އެނދުމަތީ އިށީންދެ ހަނާ އަށް ކޮޓަރީގެ ޖާލިގަނޑު ދައްކާފައި މީހުން ތަކެއް އަންނަނީއޭ ބުންޏެވެ. އަދި މުނާ ރޯއަޑަށް މަންމަޔާ ކާފަ އަދި މާމަވެސް އެ ދެކުދިން ގެ ކޮޓަރިއަށް އަތުވެއްޖެއެވެ.
މުނާ ގާތު ކީއްވެތޯ ރޮނީ އެހުމުން ޖާލިގަނޑުތެރެއިން ވަދެގެން 5 މީހުން އަންނަ ކަމަށް ބުންޏެވެ.
މާމަމެން އެއްވެސް ބަޔަކު ނާދެޔޭ ކިޔާ ދެކުދިން ނިންދެވިއެވެ. ހަމަ ނިދުމާއެކު މުނާ ރޯން ފަށައިފިއެވެ. މިފަހަރުވެސް ހަމަ ޖާލިގަނޑުން ހުދު ހެދުން ލައިގެން ތިބި 5 މީހުން އަންނަތަން ފެންނަނީ ކަމަށް ބުންޏެވެ. އެންމެ ފަހުން މި ސަކަރާތެއްގައި މެންދަން ވީއިރުވެސް ގޭގެ އެކަކަށްވެސް ނުނިދުނެވެ.
މިކަމާ ކަންބޮޑުވެގެން މުނާމެންގެ ކާފަ ރަށު މުދިން ކަލޭގެ ބަލާ ހިނގައްޖެއެވެ. މުދިން ކަލޭގެ އައުމުން މާމަ އެދެކުދިން މިއަދު ގުލްޗަންޕާ ގަހުން މާބިނދެގެން ގެނެސްގެން އުޅުނު ވާހަކަ ކިޔައިދިނެވެ. ދެން، މުދިންބެ ހުދު ދެ ކަފަ ކޮޅު މުނާގެ ދެއަތުގައި ބާއްވާފައި ކޮންމެވެސް އެއް ޗެއް ކިޔަވާފައި އެ ދެކަފަ ކޮޅު އަންދާލިއެވެ.
އެއަށްފަހު މުނާ އާއި ހަނާ ނިދަން ބޭތިއްބިއެވެ. މިކުދިންގެ ގާތު މާމެވެސް އޮތެވެ. މި ކަފަ އެންދިފަހުން މުނާ އަކަށް ޖާލިގަނޑުން ވަންނަން އަންނަ 5 މީހުނެއް ނުފެނެއެވެ.