ފެނަކަ ކޯޕަރޭޝަންގެ ގެ ފަރާތުން ގޭގެއަށް ގުޅައިދީފައިވާ ފެނުގެ މީޓަރުން ކުރިން ނަގަމުންދިޔަ 30 ރުފިޔާ ރައީސް އިބްރާހީމް މުޙައްމަދު ސާލިހު މައާފްކޮށްދެއްވައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންޑިރެކްޓަރ އަޙުމަދު ސަޢީދު މުޙައްމަދެވެ. އޭނާ މިކަން ހާމަކުރެއްވީ އައްޑޫގައި ބައެއް އަވަށްތަކުގެ ނަރުދަމާގެ ނިޒާމް ނިންމައި ފެނަކައާ ހަވާލު ކުރުމަށް އެމްޓީސީސީން ފޭދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ފެން މީޓަރުން ނަގަމުންއައި 30 ރުފިޔާ މައާފުކޮށްދިނުމަށް ރައްޔިތުން އެދިފައިވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ރައްޔިތުން އެކަމަށް އެދުމުން ފެނަކައިން ވަނީ ވަގުތުން އެކަމަށް އެދެވޭ އިޖާބައެއް ދެއްވައި އެކަން އެގޮތަށް ކުރުމަށް ސަރުކާރުގެ ކަމާބެހޭ އެހެން މުއައްސަސާތަކުން ނިންމަންޖެހޭ ކަންކަން ނިންމުމަށް އެފަރާތްތަކަށް ހުށަހަޅައިފައެވެ. އެ ތަންތަނުން ނިންމަންޖެހޭ ކަންކަން ނިމި ރައީސާ ހަމައަށް ދިޔުމުން ރައީސް މިވަނީ އެފައިސާ މަޢާފުކޮށްދެއްވައިފައެވެ. މިއީ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ލުޔެކެވެ. ނަމަވެސް ފެނަކައަށް ލިބެމުންދިޔަ ފައިސާތަކެއް މީގެ ސަބަބުން މަދުވާނެއެވެ. އެހެންނަމަވެސް އެއީ ކިހާވަރެއް ކަމެއް ނޭނގެއެވެ. މި ފައިސާ މަޢާފު ކުރުމުގެ މަޝްވަރާތައް ފަށައިފައިވަނީ 2019 ވަނަ އަހަރު އެވެ.

ސައީދު ވިދާޅުވީ އައްޑޫ ސިޓީގެ އަވަށްތަކުގެ ފެނުގެ ނިޒާމުގެ ކެޕެސީޓީ އިތުރު ކުރުމުގެ މަސައްކަތްތަކެއް ވެސް މިހާރު ކުރަމުންދާ ކަމަށެވެ.