އެތެރެހަށީގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ފަސް މީހަކު ހައްޔަރުކޮށް، އެ މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަހުގީގުކުރަން ފަށައިފިއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އަހްސަން އުލް ހަސަން (30އ) އާއި، މުހައްމަދު އަލީ ބާއިގް (41އ) އާއި، މުހައްމަދު ސާދު ވަރްސީ (22އ) އާއި އަބްދުﷲ އަލީ ހަސަން (34އ) އެވެ. މި ހަތަރު މީހުންނަކީވެސް ޕާކިސްތާން ފިރިހެނުންނެވެ.

އެ ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ، އެތެރެހަށީގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ކަސްޓަމްސް އޮފިސަރުންނަށް ޝައްކުކުރެވިގެން ފުލުހުންނަށް މައުލޫމާތު ދިނުމާގުޅިގެންނެވެ. އެގޮތުން އެ މީހުން ހުއްޓުވައި، އެކްސްރޭ ކުރުމުން ހަށިގަނޑުގެ ތެރޭގައި އެއްޗެހިތަކެއް ހުރިކަމަށް ފާހަގަކުރެވިފައިވެއެވެ. އަދި ފުލުހުންނާއި ކަސްޓަމްސް ގުޅިގެން އެމީހުން ހޮސްޕިޓަލަށް ގެންގޮސް ބެލިބެލުމުން ކަމަށް ފުލުހުން ބުނެއެވެ.

އަދި އެ މީހުން ހޮސްޕިޓަލުގައި އެޑްމިޓްކޮށް، ފުލުހުންގެ ބެލުމުގެ ދަށުގައި ތިބިއިރު އެ މީހުން ބޮޑުކަމުދިޔަ ތަކެތީގެ ތެރެއިން މަސްތުވާތަކެތީގެ 81 ބުލެޓް ފެނިފައިވާ ކަމަށާ މިތަކެތީގެ ބަރުދަނުގައި 791 ގްރާމް ހުރި ކަަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލައާ ގުޅިގެން ކްރިމިނަަލް ކޯޓަށް ހާޒިރުކުރުމުންވަނީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައެވެ.

މި މައްސަލައިގައި ދެން ހައްޔަރުކޮށްފައިވަނީ ކެންޔާ އަންހެނެއްކަމަށްވާ ޖެޑިޑާ އެންޑުކޫ ކިންގޫ (27އ) އެވެ.

ފުލުހުން ވިދާޅުވީ މިދިޔަ ސެޕްޓެމްބަރ މަހުގެ 29 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ރާއްޖެއައި ފްލައިޓަކުން އައި މި އަންހެން މީހާ ހައްޔަރުކޮށްފައި ވަނީ، އެތެރެހަށީގައި ރައްކާކޮށްގެން ހުރިކަމަށް ފާހަގަ ކުރެވިގެން ކަސްޓަމްސް އިން ފުލުހުންނަށް މައުލޫމާތު ދިނުމާއި ގުޅިގެން ކަމަށެވެ. އަދި ފުލުހުންނާއި ކަސްޓަމްސް ގުޅިގެން އެ އަންހެން މީހާ ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމުން އަންހެން މީހާ ހޮސްޕިޓަލުގައި އެޑްމިޓްކޮށް، ބެލިއިރު އޭނާ ބޮޑުކަމުދިޔަ ތަކެތީގެ ތެރެއިން މަސްތުވާތަކެތީގެ 53 ބުލެޓް ފެނިފައިވާ ކަމަށެވެ.