ކޮވިޑް19ގެ ޝިކާރައަކަށް ވެފައިވާ ޕާކިސްތާންގެ ބިލިއަން ޑޮލަރުގެ މަޝްރޫއުތައް ރައްޔިތުންނާއި މީޑިއާގެ ސަމާލުކަމަށް އައިސްފިއެވެ. ޗައިނާއިން ޕާކިސްތާންގައި ފަށާފައިވާ ޗައިނާ ޕާކިސްތާން އިކޮނޮމިކް މކޮރިޑޯ (ސީޕެކް) ގެ މަސައްކަތްތައް ކުރިއަށް ނުގޮސް މަޑު ޖެހިފައިވާ މައްސަލަ ފެބްރުއަރީ މަހު، ޕާކިސްތާންގެ ޕާލަމެންޓްގައި ވަނީ ބަހުސްކޮށްފިއެވެ. ސަރުކާރުން ރައްޔިތުންނަށް ދައްކާފައިވާ ބިޔަ މަޝްރޫއުތައް ކުރިއަށް ނުދިއުމުގެ ސަބަބުން ސަރުކާރުވެސް އެވާހަކަ ދައްކަން ލަދުވެތި ވެއެވެ.

ކޮރޯނާގެ ފުރަބަންދުގެ ތެރޭގައި 2020ގެ މާޗް މަހު ޕާކިސްތާންގެ ރައީސްއާއި ޚާރިޖީ ވަޒިރު ދަތުރުތައް ޗައިނާ އަށް ކުރެއްވިއެވެ. އެހެންނަމަވެސް ޗައިނާ ރައީސް ޕާކިސްތާނަށް ވަޑައިގަތުމަށް ހަމަޖައްސާފައި އޮތް ފުރަމާނަ ދަތުރުފުޅު ކޮވިޑްގެ ބަހަނާގައި ވަނީ އެތައް ފަހަރަކު ލަސްކޮށް، ފަހަތަށް ޖެއްސިފައެވެ.

ގުޅުން ހުރި ލިޔުންތައް:

ޕާކިސްތާންގެ އުތުރާ ދެކުނު ގުޅުވާލާ ރެއިލްވޭއަށް ޗައިނާއިން ލޯން ނަގަނީ

ސީޕެކް އާ ހެދި ޗައިނާގެ ޝައުގުވެރިކަން ގިލްގިޓް ބޯލްޓިސްތާނަށްއ

ހަމައެގޮތަށް، ސީޕެކްގެ މަޝްރޫއުތައް މަޝްވަރާ ކުރާ ދެގައުމުގެ ދެމެދުގެ ޖޮއިންޓް ކޮމިޓީގެ މަޝްވަރާތައްވއސް ވަނީ އޭގެ ތާވަލުން ކަސިޔާރު ކުރެވިފައެވެ. މިއިން ދައްކައި ދެނީ ސީޕެކްގެ މަޝްރޫއުތަކުގެ ދުވެއްޔެވެ.

ޕާކިސްތާނުން އުންމީދު ކުރަނީ ސީޕެކްގެ ދެވަނަ ފިޔަވަހީގައި އިތުރު މަޝްރޫއުތައްވެސް ހިމަނާށެވެ. މިއިން އިސްލާމްއާބަށް އެންމެ މުހިންމު އެއް މަޝްރޫއަކީ، 6.8 ބިލިއަން ޑޮލަރިގެ އަގުހުރި ޕާކިސްތާންގެ ރޭލް މަޝްރޫއެވެ. ޗައިނާއިން މިމަޝްރޫއަށް ފަންޑް ކޮށްދޭނެ ކަމުގެ އިޝާރާތެއް ދީފައެއް ނުވެއެވެ. ނަމަވެސް ތަކުރާރުކޮށް އެދުމުން، ޕާކިސްތާންގެ ގެރެންޓީތަކަށް ޝަތުރުކޮށް ވިޔަފާރު އުސޫލުން ލޯނެއް ދިނުމަށް އާންބަސް ބުނެފައި ވެއެވެ.

ސީޕެކްގެ މުޅޯށީގައި ހިމެނޭ، 17 މަޝްރޫއެއް ވަނީ ފުރިހަމަ ކުރެވިފައެވެ. މިއީ ޖުމުލަ 13 ބިލިއަން އެމެރިކާ ޑޮލަރިގެ މަޝްރުއުތަކެކެވެ. އަދި އިތުރު 12 ބިލިއަން ޑޮލަރިގެ މަޝްރޫއުތައް ތަންފީޒު ކުރުމުގެ މަރުހަލާގައި އެކިއެކި މަސައްކަތުގައި ކުރިއަށް އެބަގެންދެވެއެވެ.

ޕާކިސްތާންގެ ގަވަދާރް ބަންދަރާއި އީސްޓްބޭ އެކްސްޕްރެސްވޭއާއި ކަރާކުރަމް ހައިވޭގެ ތާކޮޓްރާއިކޮޓް ސަރަހައްދުގެ މަސައްކަތަކީ ފާހަގަ ކުރެވޭ މިންވަރަށް ލަސްތަކެއް ކުރިމަތިވެފައިވާ މުހިންމު މަޝްރޫއުތަކެވެ.

ސީޕެކްގެ ދަށުން ގަވަދާރް ބަނދަރުގައި ހަދާފައިވާ ސްޕެޝަލް އިކޮނޮމިކް ޒޯން ގައި ޗައިނާ އިންވެސްޓަރުންގެ މާބޮޑު ޝައުގުވެރިކަމެއް ފާހަގަވެފައެއް ނުވެއެވެ. އެހެންވެ، ޕާކިސްތާނުން ވަނީ ސްރީލަންކާގެ އިންވެސްޓަރުންނާއި އެހެން ގައުމުތަކުންވެސް މި ޒޯނަށް ޝައުގުވެރިވުމަށް ހުޅުވާލާފައެވެ. އަދި ޕާކިސްތާނުން ވަނީ އިންވެސްޓަރުންނަށް އެއްބުރުން ލައިސެންސް ދިނުމަށްވެސް ނިންމާފައެވެ.

ގަވަދާރް ބަންދަރަކީވެސް ޕާކިސްތާންގައި އާންމުން ނުތަނަވަސްކަމާއެކު ބަހުސް ކުރާ މަޝްރޫއެކެވެ. ޕާކިސްތާނަށް އަދިވެސް މިތަނަށް ބޭނުންވާ ގަވާއިދުތައް ހެދިފައެއް ނުވެއެވެ. މިއަހަރުގެ ޖެނުއަރީ މަހު ބާއްވާފައިވާ ސީޕެކްގެ މަޝްރޫއުތައް ބަލަހައްޓާ ކެބިނެޓް ކޮމިޓީން ވަނީ ސީޕެކް އޮތޯރިޓީއަށް މި މައްސަލާގައި އިންޒާރުވެސް ދީފައެވެ. މިހާތަނަށް ޑިއުޓީ ފްރީ ޒޯންގައި މަސައްކަތް ފެށުމަށް 42 އިންވެސްޓަނުންނަށް ހުއްދަ ދީފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. އެހެން ނަމަވެސް ޑިއުޓީ ފްރީ ޒޯން ޕޮލިސީއެއް ކަނޑައެޅިފައި ނެތުމުން މިފަރާތްތަކަށް މަސައްކަތް ފެށޭ ގޮތް ވެފައެއް ނުވެއެވެ.

ފާޑުކިޔާ ފަރާތްތަކުން ދެކޭގޮތުގައި މިފަދަ ނުކުޅެދުންތެރިކަމުގެ ސަބަބުން މި މަޝްރޫއު ދަނީ ވަޅޯވަމުންނެވެ.

ސީޕެކްގެ މަޝްރޫއުތައް ފެށުމުން ޕާކިސްތާންގެ އިގްތިސާދަށް ދިރުމެއް ލިބެއެވެ. އެހެންމަމަވެސް ޝަކުވާތައްވެސް މަދެއް ނޫނެވެ.

މިއިން އެންމެ ބޮޑު ޝަކުވާއަކީ ޕާކިސްތާންގެ ވިޔަފާރުވެރިންގެ ވިޔަފާރި ގަޑުބަޑުވާ ގޮތަށް އެކަންކަމުގެ ތެރެއަށް ޗައިނާ ވިޔަފާރިވެރިން ވަދެ ބާޒާރު ގަޑުބަޑު ކޮށްލުމެވެ.

ޕާކިސްތާންގެ ރޯ މެޓީރިއަލް ޗައިނާއަށް އެކްސްޕޯޓް ކުރެވި ނިންމާފައިވާ މުދާ ޗައިނާގައި އުފައްދައި އަލުން ޕާކިސްތާނަށް އެކްސްޕޯޓް ކުރުމެވެ. އަދި ޕާކިސްތާންގެ އެ މުދާ ބޭނުންވާ ޔޫރަޕްގެ ބާޒާރުތަކަށް އެތަކެތި އެކސްޕޯޓް ކުރުމެވެ.

ވަޒީފާގެ ފުރުސަތުގައިވެސް މަޝްރުއުތައް ފެށުމަށް ރައްޔިތުންނާއި ޒުވާނުންނަށް ދެއްކި ވަޒީފާގެ ފުރުސަތުގެ ހުވަފެން ހަގީގަތަކަށް ނުވެއެވެ.

މިހާރު ނިމިފައިވާ ކަރަންޓް އުފެއްދުމުގެ މަޝްރޫއުތަކުގައި މަތިން ފެށިގެން ތިރިއަށް ވެރިންނާއި ގެރިންގެ ފެންވަރުގެ ވަޒީފާތަކުގައިވެސް އުޅެނީ ޗައިނާ މީހުންނެވެ.

މީގެ އިތުރުން އެންމެ ބޮޑު އަނެއް އުދާހަކީ، ބަނގްރޫޓްވެފައިވާ ސަރުކާރު ކުންފުނިތައް ގަތުމަށް ޗައިނާ ކުރަމުންދާ މަސައްކަތްތަކެވެ. ޕާކިސްތާން ސަރުކާރު ކުންފުނިތަކުން އަހަރަކު 9.4 ބިލިއަން ޑޮލަރިގެ ގެއްލުން ވާކަމަށް ދައްކައެވެ، އޭގެ ތެރޭގައި ގައުމީ އެއާލައިން ޕީއައިއޭ އާއި ޕާކިސްތާން ސްޓީލް މިލް ހިމެނެއެވެ.

ޕާކިސްތާންގައި މިހާތަނަށް ދެ ހާހެއްހާ ޗައިނާ ވިޔަފާރި ރަޖިސްޓްރީ ވެފައިވާ ކަމަށް ދައްކައެވެ. ނަމަވެސް ނުސީދާ ގޮތުން އިތުރު އެހެން އެތައް ވިޔަފާރިއެއްގައި އެމީހުން އުޅޭނެކަމަށްވެސް ބެލެވެއެވެ.

ރައްޔިތުންގެ ސުއާލަކީ، ސީޕެކްގެ މިމަޝްރޫއުތަކާއެކު ޗައިނާއަށް ޕާކިސްތާންގެ އިގްތިސާދީ މައި ދޮރާށި ހުޅުވާލުމުން އަނެއްކާވެސް އައު ސާސްކަފްގައި ފުރުސަތު ދެވިގެން ގޮސްފައި މިވަނީ ގައުމު އިސްތިއުމާރު ކުރާނެ އައު އީސް އިންޑިއާ ކޮމްޕެނީއަކަށް ބާވައެވެ؟