ކޮރޯނާ އުފެދިގެން އައިގޮތާ މެދު ސުއާލުކޮށް ތުހުމަތު ތަކެއް ކުރެވުނު ކަމުގައި ވިއަސް ވަކި ގައުމަކަށް އިނގިލި ދިއް ނުކުރެވޭ ގޮތަށް އެފަރާތުން ކުރެވެން ހުރި ހުރިހައި މަސައްކަތެއް ކުރާނެ ކަމީ ޔަގީން ކަމެކެވެ. މުޅި ދުނިޔެއަށް މިއިން ޒަމާނަކު ނުލިބޭހާ ބޮޑެތި ގެއްލުންތައް މި ވައިރަސްއާ މެދު ފަރުވާކުޑަ ކުރިފަރާތުގެ ސަބަބުން ލިބިގެން ގޮސްފައި ވެއެވެ.

މީސްމީހުންގެ ދިރިއުޅުމާއި ކުދި ވިޔަފާރިތަކާއި ދުނިޔޭގެ ވިޔަފާރިއާއި މީހުންގެ ހަރަކާތްތަކާއި މީހުންގެ ވަޒީފާތަކަށް ވަނީ އިއާދަ ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތައް ލިބިފައެވެ.

އާބާދީގެ އެއްބަޔަކަށް އެންމެ ބޮޑަށް ގެއްލުން ލިބުނު ފަރާތްތަކަކީވެސް އަންހެނުންނެވެ.

ކޮވިޑް19އާ ގުޅިގެން އުފެދުނު ދުނިޔޭގެ ފެންވަރުގެ ކާރިސާގައި އެންމެ ކުރީ ސަފުގައި އަންހެނުން މަސައްކަތް ކުރި ހުރިހައި ދިމާއެއްގައިވެސް މިކަން ކާޟިޔާބު ވެފައިވާތަން ފެނިފައި ވެއެވެ.

މިއާ ޚިލާފަށް ފިރިހެނުން، ކޮވިޑް19 މެނޭޖްކުރުމަށް މަސައްކަތް ކުރި ކޮންމެ ދިމާއަކުން ކާރިސާއަކަށްފަހު ކާރިސާއެއް ފެނިފައި ވެއެވެ. މިސާލަކަށް އާއިލާއަކުން ވެރިކަން ކުރާ އަވަށްޓެރި ސްރީލަންކާގައި އެއުޅެނީ މިކާރިސާ މެނޭޖް ނުކުރެވި އަދި ވެކްސިން ދިނުންވެސް މެނޭޖް ނުކުރެވިގެންނެވެ.

ދުނިޔޭގެ ސިއްޙަތު ޖަމުއިއްޔާގައިވެސް ކޮވިޑް މެނޭޖްކޮށް ހޭރިއާ ކޮށްދިނުމުގައި ޑރ. މާރިއާ ވެން ކެރްކޯވްގެ ޚިދުމަތްތައް ދުނިޔެއިން ބަލައި ގަނެއެވެ.

އަންހުން ލީޑަރުންގެ ގޮތުގައި ވެރިކަން ކުރާ ހުރިހައި ގައުމެއްގައިވެސް އިސްތިސްނާއެއް ނެތި ކޮވިޑް 19 ރަނގަޅަށް މެނޭޖްކުރެވިފައި ވާ ކަމަށް 194 ގައުމެއްގައި ސެންޓަރ ފޯރ އިކޮނޮމިކް ޕޮލިސީން ހަދާފައިވާ ދިރާސާއަކުން ދައްކައެވެ.

މި ގައުމުތަކުގެ ތެރޭގައި ނިއުޒިލެންޑާއި ޖަރުމަންވިލާތާއި ޑެންމަރކާއި ފިންލެންޑާއި އަންހެން ރައީސަކު ހުންނަވާ ޓައިވާނާއި ބަންގްލަދޭޝް ޚާއްސަ ގޮތެއްގައި ފާހަގަ ކުރެވެއެވެ.

ޕާކިސްތާންގައިވެސް ތަފާތު ދައްކާފައިވަނީ ޕަންޖާބް ޕްރޮވިންސްގައެވެ. ހެލްތު މިނިސްޓަރ ޑރ. ޔާސްމީން ރަޝީދުގެ ލީޑަރޝިޕްގައި އެކަމަނާ ވަނީ ޕާކިސްތާންގެ އެހެން ސަރަހައްދިގެ ހެލްތު މިނިސްޓްރީތަކަށް ވުރެން ޕަންޖާބުގައި މި ވަބާ މެނޭޖް ކުރުމުގައި ކާމިޔާބުކަން ސާބިތު ކޮށްދެއްވާފައެވެ. ދުނިޔޭގެ ސިއްޙަތު ޖަމުއިއްޔާއިންވެސް ވަނީ މިކަން ބަލައިގެންފައި ތަޢްރީފް ކޮށްފައެވެ.

މީގެ އިތުރުން މުޅި ދުނިޔޭގައި ކުރީ ސަފްގައި މި ހަނގުރާމައިގައި އަމަލީ މަސައްކަތުގައި ފަރުވާ ދިނުމުގައި އުޅެނީވެސް އަންހެނުންނެވެ. ދުނިޔޭގެ ނިސްބަތުން ފަރުވާގެ ފޯސްގައި 75 އިންސައްތައަކީ އަންހެނުންނެވެ.

އަންހެނުންގެ ލީޑަރޝިޕުން ހޯދާދީފައިވާ ކާމިޔާބީ ފާހަގަ ކުރެވުނަސް ފިރިހެނުންގެ ފަރާތުން ކޮވިޑް19އާ ގުޅިގެން އެންމެ ބޮޑަށް ގެއްލުން ލިބިގެން ދިޔައީ ވެސް އަންހެނުންނަށެވެ. އިހުމާލު ކުރެވުމާއި ގެވެށި އަނިޔާގެ ޝިކާރައަކަށްވެސް ވެގެން ދިޔައީ ހަމަ އަންހެނުންނެވެ.