އިންޑިއާގެ މެދުތެރޭ ސްޓޭޓެއް ކަމަށްވާ ޗަޓިސްގަރްގައި ވަކިވެގަތުމަށް ހަނގުރާމަ ކުރަމުންދާ މާއޮއިސްޓް ހަނގުރާމަވެރިން ފިލާތިބެ ދިން ކުއްލި ހަމަލާއެއްގައި އިންޑިއާ ސިފައިންގެ 22 މީހުން މަރާލައިފިއެވެ.

މި ހަމަލާގައި އިތުރު 30 މީހުން ޒަޚަމްވިކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މިއީ، ވޭތުވެދިޔަ 4 އަހަރުގެ ތެރޭގައި އެ ސްޓޭޓުގައި އިންޑިއާ ސިފައިންނަށް ދިން އެންމެ ގެއްލުންބޮޑު ހަމަލާއެވެ.

އޮފިޝަލުން ވިދާޅުވީ، މާއޮއިސްޓް ހަނގުރާމަވެރިން ކުއްލި ހަމަލާއެއް ދިނީ، އިންޑިއާ ސިފައިން އެ ސްޓޭޓްގައި އޮޕަރޭޝަނެއް ހިންގަމުން ގެންދަނިކޮށެވެ.

އެ އޮޕަރޭޝަންގައި ހަރަކާތްތެރިވަމުންދިޔައީ، ސެންޓްރަލް ރިޒާވް ޕޮލިސް ފޯރސްގެ ޚާއްސަ ޔުނިޓް، ކޯބްރާއާއި، ޑިސްޓްރިކް ރިޒާވް ގާޑާއި، ސްޕެޝަން ޓާސްކްފޯހުގެ ސިފައިން ކަމަށް ވެއެވެ.

ސިފައިން ހަރަކާތްތެރިވަމުންދިޔައީ، ގަބީލީންގެ ބާރު އޮންނަ ސުކްމާ ނަމަކަށްކިޔާ ސަރަހައްދެއްގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޗަޓިސްގަރް ސްޓޭޓުގެ ވެރިރަށް ރާއިޕޫރުން މީޑިއާއަށް މައުލޫމާތު ދެއްވި ސަރުކާރުގެ އޮފިޝަލަކުވަނީ، މާއޮއިސްޓު ހަނގުރާމަވެރިން ދިން ކުއްލި ހަމަލާގައި ސިފައިންގެ 22 މީހުން މަރުވެފައިވާކަން ކަށަވަރު ކޮށްދެއްވާފައެވެ.

ހަނގުރާމަވެރިން ކުއްލި ހަމަލާ ދިނުމާއެކު، ސިފައިންވެސް ރައްދު ހަމަލާތައް ފެށި ކަމަށާއި، ދެފަރާތުން ގާތްގަނޑަކަށް 4 ގަޑިއިރު ވަންދެން ހަމަލާތައް ބަދަލުކުރި ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

ދެފަރާތުން ބަދަލުކުރި ބަޑީގެ ހަމަލާތަކަށްފަހު، ސިފައިންގެ އެކަކަށް ވީނުވީއެއް ނޭނގި ގެއްލިފައިވާތީ، ސިފައިންވަނީ އެ ސަރަހައްދު ބަލައި ފާސްވެސް ކޮށްފައެވެ. ނަމަވެސް، އޭނާގެ ހަބަރެއް އަދި ނުވާކަމަށް ފުލުހުންގެ ފަރާތުން ވާހަކަ ދެއްކެވި އޮމް ޕްރަކާޝް ޕާލް ވިދާޅުވެފައި ވެއެވެ.

މާއޮއިސްޓް ހަނގުރާމަވެރިން ސިފައިންނަށް ކުއްލި ހަމަލާއެއް މިދިނީ، ހަނގުރާމަވެރިންގެ ގިނަ ބަޔަކު އެއްތަންވެފައިވާ ކަމަށް ސިފައިންނަށް ލިބުނު ޖާސޫސީ މައުލޫމާތަކާ ގުޅިގެން، އެމީހުން ތިބި ކަމަށް ބެލެވޭ ތަނަށް ހަމަލާ ދިނުމަށް މިދިޔަ ހޮނިހިރު ދުވަހު ސިފައިން ދިން ހަމަލާގެ ފަހުންނެވެ.

ހޮނިހިރު ދުވަހުގެ ހަމަލާގައިވެސް އިންޑިއާ ސިފައިންގެ 5 މީހުން މަރުވިއެވެ.

ޗަޓިސްގަރް ސްޓޭޓްގައި ވަކިވެގަތުމަށް މަސައްކަތްކުރާ މާއޮއިސްޓް ގެރިއްލާ ހަނގުރާމަވެރިންނާއި، އިންޑިއާ ސިފައިންނާ ދެމެދު 2017 ވަނަ އަހަރުން ފެށިގެން ހަމަލާތައް ދަނީ ބަދަލުކުރެވެމުންނެވެ.