ސަރުކާރުގެ މައި ސިޔާސަތަކީ ދިވެހިރާއްޖެއަށް އެންމެ ބޭނުންވާ ދާއިރާތަކަށް މީހުން ބިނާކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ޑިޕްލޮމާ އިން ރޭޑިއޯގްރަފީ ކޯސް އިފްތިތާޙު ކުރުމަށްޓަކައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ނާއިބު ރައީސްގެ ވާހަކަފުޅުގައި ޒުވާނުންނަކީ ޤައުމުގެ ހުރިހާ ދާއިރާތަކުން، ޤައުމު ކުރިއެރުވުމަށްޓަކައި މަސައްކަތް ކުރެވޭނެ ފަދަ ޤާބިލު ބަޔަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެއް ކަމުގައި ވިދާޅުވިއެވެ. އަދި ދިވެހި ސަރުކާރުން މި އަހަރުވެސް އެންމެ ބޮޑު ހޭދައެއް ކުރައްވާ އެއް ދާއިރާއަކީ ޞިއްޙީ ދާއިރާކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ޓެކްނިކަލް ދާއިރާތަކުން ޤައުމަށް ބޭނުންވާ ޒުވާނުން ބިނާކުރުމުގެ މަސައްކަތަކީ ކޮންމެހެން ކުރަންޖެހޭ ކަމަކަށް ވެސް ވިދާޅުވިއެވެ. އެެއީ ކުރުން ލަސްވެފައިވާ ކަމެއް ކަމަށް ވެސް ފައިޞަލް ވިދާޅުވިއެވެ.

ފަންނީ ވަޒީފާތަކަށް ޤާބިލު ދިވެހިން ތަމްރީނުކުރުމަށްޓަކައި މި ސަރުކާރުން، ޚާއްޞަ އިސްކަމެއް ދެއްވާކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ. މި ސަރުކާރުގެ އެ މަސައްކަތުގެ ހެޔޮ ނަތީޖާ ދިވެހިރައްޔިތުންނަށް ފެނިގެންދާނެކަމުގައި ވިދާޅުވިއެވެ.

"ދިވެހިރާއްޖެ ދަތުރު ކުރަމުން މިދަނީ ވަރުގަދަ ލާމަރުކަޒީ ނިޒާމަކަށް. އަޅުގަނޑުމެންގެ އަތޮޅުތަކުގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނަށް ރަށުން، އަތޮޅުން ދެވޭ ޚިދުމަތްތައް ފުޅާކޮށް، ފަސޭހައިން ފޯރުކޮށްދިނުމަކީ އެއީ ދިވެހި ސަރުކާރުގެ އެންމެ ބޮޑު ސިޔާސަތު،" ނާއިބު ރައީސް ވިދާޅުވިއެވެ.

ސަރުކާރުން ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާ ގާތުން، ރަށުން ފުރިހަމަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް ވެސް ފައިސަލް ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން، ވޭތުވެދިޔަ ދެ އަހަރު ތެރޭގައި އެކަނިވެސް ރާއްޖޭގެ އުތުރާއި ދެކުނާއި މެދުރާއްޖެތެރެއަށް އެ ދެވުނު ޚިދުމަތްތަކުގެ ސަބަބުން ރައްޔިތުންނަށް ގިނަގުނަ ފަސޭހަތަކެއް ލިބިފައިވާކަމުގައި ވެސް އެ މަނިކުފާނު ވިދާޅުވިއެވެ. އެ މުއްދަތުގެ ތެރޭގައި އެމް.އާރު.އައި، ސީޓީ ސްކޭންގެ ޚިދުމަތުން އެކަނިވެސް މާލެއިން ބޭރުން ގާތްގަނޑަކަށް ތިންހާސް ސީޓީ ސްކޭނާއި، ތޭރަސަތޭކައެއްހާ އެމް.އާރު.އައި ހެދިފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މި ޚިދުމަތްތައް ފޯރުކޮށް ނުދެވުނުނަމަ އެ ޚިދުމަތްތައް ހޯދުމަށްވެސް ތަކުލީފުތަކާއެކު އަންނަންޖެހިފައި އޮންނަނީ މާލެއަށް ކަމުގައިވެސް އެ މަނިކުފާނުގެ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މިއަދު އިފްތިތާޙު ކުރެވިގެންދިޔަ "ޑިޕްލޮމާ އިން ރޭޑިއޯގްރަފީ ކޯސް" ވުޖޫދަށް ގެނައުމުގައި ހަރަކާތްތެރިވި އެންމެހާ ފަރާތްތަކަށް ޝުކުރުއަދާކުރައްވާ ކަމަށެވެ.

މިއަދުގެ މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް، ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން އަމްރު އަދި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. މުޙައްމަދު ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ.