ޞިއްޙީ ޚިދުމަތް ހޯދުމަށް ރަށުން ބޭރަށް ދަތުރުކުރަންޖެހޭ މީހުންގެ ޢަދަދު މިދިޔަ ދެ އަހަރު ވަރަށް ބޮޑުތަން ދަށްވެފައިވާކަމަށް ނާއިބު ރައީސް ފައިޞަލް ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އައްޑޫ ސިޓީގައި ހަދާފައިވާ "ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރ" އިފްތިތާޙު ކުރުމަށްޓަކައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ނާއިބު ރައީސް ވިދާޅުވީ މި ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުތަކުގެ ސަބަބުން ޚިދުމަތްތައް ލާމަރުކަޒުކުރެވި، ކުރިން ކައުންސިލްތަކުން ނިގުޅައިގަނެފައިވާ ގިނަ ބާރުތަކެއް އަލުން އަނބުރާ ކައުންސިލްތަކަށް ލިބިފައިވާ ކަމަށެވެ. މިގޮތުން، ކުރިމަގުގައި ރަށްރަށުގެ ޚިދުމަތްތައް ތަރައްޤީކޮށް، އެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ކައުންސިލްތަކުގެ ދައުރު ފުޅާވެގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި، ކައުންސިލްތަކުގެ އެއްބާރުލުމާއެކު ވަރަށް ގިނަ ޚިދުމަތްތަކެއް ރަށްރަށުގައި ތަޢާރަފު ކުރެވޭނެކަމުގެ އުންމީދު އޮތްކަމުގައި ވެސް ވިދާޅުވެފައެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ދިރިއުޅޭ ރައްޔިތުންނަށް އެބައެއްގެ އަމިއްލަ ރަށުގައި ތިބެގެން ފަސޭހަކަމާއިއެކު ޞިއްޙީ ޚިދުމަތްތައް ހޯދޭނެގޮތް ތަނަވަސްކޮށްދިނުމަކީ މި ސަރުކާރުގެ މައިގަނޑު ސިޔާސަތެއް ކަމަށް ވެސް ވިދާޅުވިއެވެ.

ފައިޞަލް ވިދާޅުވީ މި ސަރުކާރުގެ ލާމަރުކަޒީ ނިޒާމުގެ ދަށުން ޞިއްޙީ ޚިދުމަތްތައް ފުޅާކުރުމުގެ މަޝްރޫޢު ވަރަށް ހަލުވިކޮށް ކުރިއަށް ގެންގޮސްފައިވާކަމަށެވެ. މިއަދު މި ފެނިގެންދަނީ ރާއްޖޭގެ ޞިއްޙީ ނިޒާމަށް ބޮޑު އިންޤިލާބީ ބަދަލުތަކެއް އަންނަމުންދާތަން ކަމަށް ވެސް ވިދާޅުވިއެވެ. މިގޮތުން، މިއަހަރު އެކަނިވެސް ސަރުކާރުން ޞިއްޙީ ޚިދުމަތްތައް ތަރައްޤީކޮށް ހަރުދަނާކުރުމަށް ބޮޑު ހޭދައެއް ކޮށްފައިވާކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ދިވެހިރާއްޖޭގެ އުތުރުގައިވެސް އައްޑޫގައި މިއަދު ފެށި ފަދަ ޚިދުމަތްތައް ފެށުމުގެ މަސައްކަތް މި ސަރުކާރުން ކުރިޔަށްގެންދާނެ ކަމަށެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭ.އީ.އެޗް) ގެ ބެލުމުގެ ދަށުން ޤާއިމުކޮއްފައިވާ މި ސެންޓަރުން ކްލިނިކަލް ސައިކޮލޮޖީ، އޮކިއުޕޭޝަނަލް ތެރަޕީގެ އިތުރުން ސްޕީޗް ތެރަޕީގެ ޚިދުމަތްތައް ފޯރުކޮށްދެވޭނެއެވެ. މި ސެންޓަރުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ކުދިންގެ ހެދިބޮޑުވުމަށް ބޭނުންވާ ހުރިހާ ފަރުވާއެއް އެއްތަނަކުން ލިބޭނެގޮތަށް އިސްކަންދީގެން އަދި އައްޑޫސިޓީގައި ކުރިޔަށްގެންދާ ސްޕެޝަލް ނީޑް ކްލާސްތަކާ އެފަދަ ކަމާގުޅުންހުރި ހުރިހާ ފަރާތްތަކާވެސް ގުޅިގެން ވަށާޖެހޭ ގޮތެއްގައެވެ.

މި ރަސްމިއްޔާތުގައި ނާއިބު ރައީސް ބައިވެރިވެ ވަޑައިގެންނެވީ ވަރޗުއަލްކޮށްނެވެ.