އޮންލައިން ޕްލެޓްފޯމެއް ކަމުގައިވާ ޒޫމް މެދުވެރިކޮށް ހިންގި ރިސޯޓުތަކުގެ އިމާމުން ތަމްރީނު ކުރުމުގެ ޕުރޮގުރާމްގެ 5 ބެޗުގެ ކިޔެވުން ނިންމައި ދަރިވަރުންނަށް ހަނދާނީ ލިޔުން ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ހޯލުގައި އޮތް މި ރަސްމިއްޔާތުގައި، ބައިވެރިންނާ މުޚާތަބުކުރައްވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވިގޮތުގައި 5 ބެޗުގެ ކިޔެވުން ނިމުނު ކަމުގައިވިއަސް އިތުރު 2 ބެޗެއްގެ ކިޔެވުން ކުރިއަށްގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި ރަމަޟާންމަހުގެ ފަހުން މި ބެޗްތަކުގެ ކިޔެވުން ފެށިގެންދާނެ ކަމުގައި މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. ހަމައެހެންމެ، ރިސޯޓުތަކުގެ ފަރާތު މިކަމަށް އެދިލައްވާނަމަ އިތުރު ފުރުޞަތުތަކެއް ފަހިކޮށްދެއްވާނެކަމުގައި މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އަދި މީހުން ބިނާކުރުމުގައި ސަރުކާރުންދެއްވާ އެއްބާރުލުން ބަލައިގަނެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު އަދި ނައިބު ރައީސް ފައިޞަލް ނަސީމަށް ވަރަށް ޚާއްޞަ ޝުކުރެއް އަދާކުރެއްވިއެވެ.

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ އިތުރުން މިނިސްޓަރ އޮފް ޓޫރިޒަމް ޑރ.ޢަބްދުﷲ މަޢުޞޫމުވެސް ވަނީ ދަރިވަރުންނާއި މުޚާތަބްކޮށް ވާހަކަދައްކަވާފައެވެ. މި ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށް ހަނދާނީ ލިޔުން ހާޞިލްކުރި ހުރިހައި ދަރިވަރުންނަށާއި މި މަސައްކަތަށް މަގުފަހިކޮށްދެއްވި ރިސޯޓްތަކުގެ މެނޭޖްމަންޓްގެ ހުރިހައި ބޭފުޅުންނަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން ދަރިވަރުންނަށް ކިޔަވައިދެއްވުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ވާޢިޘުންނާއި ދީނީ ޢިލްމުވެރިން ކޮށްދެއްވި ބުރަ މަސައްކަަތް ފާހަގަކޮށް ވަރަށް ބޮޑަށް ޝުކުރުދަންނަވާ ހިއްވަރުދެއްވިއެވެ.

ޖުމްލަ 72 ދަރިވަރުން މި ޕްރޮގްރާމްގައި ބައިވެރިފައިވާއިރު ބައިވެރިވި ހުރިހައި ދަރިވަރުންވެސްވަނީ ފާސްވެ ހަނދާނީލިޔުން ހާސިލްކޮށްފައެވެ. ދިވެހި ރާއްޖޭގެ ޓޫރިސްޓު ރިސޯޓުތަކުގައި (ވަގުތީ ގޮތުން) ބަންގި ގޮވުމާއި ޚުޠުބާ ކިޔުމާއި އިމާމުވެ ހުކުރު ނަމާދާއި ފަރްޟު ފަސް ނަމާދު އަދި ޖަމާޢަތުގައި ކުރާ ސުއްނަތް ނަމާދު ކުރުމުގެ ޤާބިލުކަން ހުރި ބަޔަކު އުފެއްދުމުގެ މަޤްސަދުގައި ހިންގި މި ޕްރޮގްރާމް ކާމިޔާބުކަމާ އެކު ފުރިހަމަކޮށް ހަނދާނީ ލިޔުން ހާޞިލްކުރި ފަރާތްތަކަށް ދިވެހި ރާއްޖޭގެ ކޮންމެ ރިސޯޓެއްގައި ވެސް ވަގުތީ ގޮތުން މުދިމްކަން ކުރުމާއި ހުކުރު ކުރުމުގެ ހުއްދައެއް މިނސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދޫކުރާނެ އެވެ.

މި ތަމްރީނު ޕްރޮގްރާމަކީ ދިވެހި ރާއްޖޭގެ ޓޫރިސްޓު ރިސޯޓުތަކުގައި (ވަގުތީ ގޮތުން) ބަންގި ގޮވުމާއި ޚުޠުބާ ކިޔުމާއި އިމާމުވެ ހުކުރު ނަމާދާއި ފަރްޟު ފަސް ނަމާދު އަދި ޖަމާޢަތުގައި ކުރާ ސުއްނަތް ނަމާދު ކުރުމުގެ ޤާބިލުކަން ހުރި ބަޔަކު އުފެއްދުމުގެ މަޤްސަދުގައި ހިންގި ޕްރޮގްރާމެކެވެ. މި ކޯހުގައި ކިޔަވައިދެއްވީ މިނިސްޓްރީ އޮފް އިސްްލާމިކް އެފެއާޒުގެ ވާޢިޘުންނާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައަޅާ، ކަމަށް ޤާބިލު ޢިލްމުވެރިންނެވެ.

- ޚަބަރާއި ފޮޓޯ އިސްލާމިކް މިނިސްޓްރީ