މޯލްޑިވްސް އިސްލާމިކް ބޭންކުން މާލޭގައި ބަހައްޓާފައިވާ އޭޓީއެމްތައް މެދުވެރިކޮށް ކޭޝްކާޑެއް ބޭނުންނުކޮށް ފައިސާ ޖަމާކުރުމުގެ ޙިދުމަތް ލިބޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

ފައިސާ ޖަމާކޮށް ނެގުމުގެ ހިދުމަތް ލިބޭ މި އީސީއާރުއެމްއިން ކޭޝްކާޑެއް ބޭނުންނުކޮށް ފައިސާ ފަސޭހަކަމާއެކު ޖަމާކޮށްލެވުމެވެ. އެހެންކަމުން އިސްލާމިކް ބޭންކުގައި އެކައުންޓެއް ނެތް ބޭފުޅެއްނަމަވެސް 3 ވަނަ ފަރާތެއްގެ އިސްލާމިކް ބޭންކުގެ އެކައުންޓަކަށް ފައިސާ ޖަމާކުރެވޭނެކަމަށް އެމްއައިބީން ހާމަކުރެއެވެ.

ކޭޝް ކާޑު ބޭނުންނުކޮށް ފައިސާ ޖަމާކުރެވުމަކީ ދިވެހިރާއްޖެއަށް އާ ހިދުމަތެކެވެ. މި ހިދުމަތް ދިނުމަށް ކޭޝް ކާޑުގެ ބަދަލުގައި ފޯނު ނަންބަރު ޖެހުމުން ފޯނަށް އޯޓީޕީއެއް ފޮނުވައެވެ. މި އޯޓީޕީ ޖެހުމަށް ފަހު ފައިސާ ޖަމާކޮށްލެވެއެވެ.

އެމްއައިބީން ކޭޝްކާޑެއް ބޭނުން ކުރުމަކާނުލާ ފައިސާ ޖަމާކުރެވޭގޮތް ހަމަޖެހިފައިވާއިރު ވިޔަފާރިތަކުގެ އެކައުންޓަށް ދުވާލަކު ދެ ލައްކަ ރުފިޔާ އަދި އަމިއްލަ އެކައުންޓެއްނަމަ ފަންސާސް ހާސް ރުފިޔާ ޖަމާކުރެވޭނެކަމަށް އެމްއައިބީން ވިދާޅުވެއެވެ.