އުޅަނދުތަކުގެ ކުރު ތައާރަފެއް

ކާރު ރޭލު އަދި މަތިންދާބޯޓު

އެންމެ ފުރަތަމަ އިންސާނުން ދަތުރުކުރީ ފައިމަގުގައެވެ. ކިތަންމެ ދުރުތަންތަނަކަށްވެސް ދިޔައީ ފައިމަގުގައެވެ. ނަމަވެސް މީގެ 6000 އަހަރު ކުރިން އިންސާނުން ދަތުރު ކުރުމަށް ޖަނަވާރަށް ސަވާރުވާން ފެށިކަމަށް ތާރީހު ހެކިދެއެވެ. އަދި މީގެ 5500 ކުރިން، މިހާރުގެ އިރާގުގައި، ފުރޮޅު އީޖާދު ކުރިއެވެ. އެންމެ ފުރަތަމަ ކަނޑުދަތުރުކުރުމަށް ބޭނުން ކުރީ އެތެރެ ކޮނެފައިވާ ގަސްގަނޑެވެ. އެ ގަސްގަނޑުގެ ބައްޓަން ގެނެސްފައިވަނީ، އެ ލަކުޑިގަނޑު އަންދާލުމަށްފަހު، އޭގެ ބޭރު އަނދާފައިވާ ބައިތައް މަށާލުމަށް ފަހުއެވެ. މީގެ 5100 އަހަރުކުރިން، ރިޔާ ނެގި އުޅަނދުފަހަރު، މިސުރުގައި ބޭނުންކުރަން ފެށިއެވެ. އަދި ހަމަ އެ ދުވަސްވަރު ރޯމަނުން ޔޫރަޕުގައި، މަގުހަދަން ފެށިއެވެ. ދުނިޔޭގެ ސިނާއީ އިންގިލާބުގެ ތެރޭގައި، އެންމެ ފުރަތަމަ ޒަމާނީ ހައިވޭ ހެދިއެވެ. އެއީ ޖޯން ލައުޑަން މެކްއެޑަމް ކިޔާ މީހަކުގެ އުފެއްދުމެކެވެ.

17 ވަނަ އަދި 18 ވަނަ ގަރުނުގައި، އެކިއެކި އާ އީޖާދުތައް ކޮށްފައިވެއެވެ. އޭގެ ތެރޭގައި ބައިސްކަލު، ރޭލު، ކާރު، ލޮރީފަހަރު، މަތިންދާ ބޯޓު އަދި ޓްރޭމް ހިމެނެއެވެ. ޓްރޭމްއަކީ ރޭލު ދަނގަޑުގައި ދުއްވާ ބަހެކެވެ. އެއީ ސަހަރުތެރޭގައި، ކުރު ދަތުރުކުރުމަށް ބޭނުން ކުރާ އުޅަނދެކެވެ. އެންމެ ފުރަތަމަ ތެޔޮއިންޖީނު އެޅި ކާރެއް އުފެއްދީ 1906ގައެވެ. އަދި އެއަށް ފަހު، ވަރަށް ގިނަ އުޅަނދުފަހަރުގައި އެބާވަތުގެ އިންޖީނުއަޅާ ތަރައްގީ ކޮށްފައިވެއެވެ.

1920ގެ އަހަރުތަކުގައި ކާރު އުފައްދާ އެންމެ ބޮޑެތި ކުންފުނިތައް ދުނިޔޭގައި ހުރީ އެމެރިކާގައެވެ. އެއީ މައިގަނޑު ގޮތެއްގައި ޖެނެރަލް މޯޓަރސް، ކްރައިސްލަރ، އަދި ފޯޑް އެވެ. އެ އުފެއްދުމުގެ ތެރޭގައި ދެ ދޮރުލީ ކާރު، ކުދި، ބޮޑު، ކުޅިވަރަށް ދުއްވާ ކާރު އަދި މުއްސަނދިންނަށް ހާއްސަ ކާރު ހިމެނެއެވެ. މިހާރު، އެންމެ ފަހުގެ ކާރުތަކުގައި، ފެންވަރުދަމަހައްޓާ ވަރަށް ގިނަ ސިފަތަކާއި، ކޮމްޕިއުޓަރަކުން އެހީވެދޭ ނިޒާމުތަކާއި، އަދި އިންޓަރނެޓާ ގުޅުންހުރި ސިފައާއި ވަސީލަތް ހުރެއެވެ. މިޒަމާނުގެ ރޭލު ދަތުރުގެ ނިޒާމުގައި، ސިގްނަލް ބައްތިތައް ކޮންޓްރޯލް ކުރަނީ ދުރުގައި ތިބެގެން ރިމޯޓްކޮންޓްރޯލުންނެވެ. އަދި އޭގެ އެހީގައި ރޭލުދަތުރުގެ ސްޕީޑު ގަޑިއަކު 570 ކިލޯމީޓަރު ބާރުމިނަށް އިތުރުކުރެވިފައިވެއެވެ.

މަތިންދާބޯޓު

އެންމެ ފުރަތަމަ މަތިންބޯޓެއްގައި އިންޖީނެ އަޅައިގެން އުދުހުނީ ރައިޓް އާއިލާގެ ދެބެންނެވެ. އެއީ 1902 ގައެވެ. އޭގެ ކުރިން މީހަކަ ނާރުވާ އުދުއްސާލެވޭ ހެލިކޮޕްޓަރެއް 1877 ގައި އެންރިކޯ ފޯލަނީނީ ވަނީ އީޖާދުކޮށްފައިވެއެވެ. އަދި ފަހުން، "ލަންކާސްޓަރ" އާއި "B29" ފަދަ، ބޮންއަޅާ ބާވަތުގެ ބިޔަ ބޮޑެތި މަތިންދާބޯޓު ވަނީ ފަރުމާކޮށްފައެވެ. ވިޔަފާރި އުސޫލުން ފަސިންޖަރުން ގޮވައިގެން އެންމެ ފުރަތަމަ ޖެޓެއްގައި އުދުހުނީ އިނގިރޭސި ޕައިލޮޓް ޑިހާވިލަންޑް ކޮމެޓް އެވެ. މިއަދު ވިޔަފާރި އުސޫލުން އުދުހޭ ޖެޓުތަކަކީ މީސްތަކުން ދުރުތަންނަށް އަގުހެޔޮކޮށް ގެންގޮސްދޭ، ގަޑިއަކު 960 ކިލޯމީޓަރާ ހަމައަށް ދަތުރުކުރާ ބާރުމިނުގައި އުދުހޭ އުޅަނދުތަކެކެވެ. (އަޑަށް ވުރެ ބާރަށް ވިޔަފާރި އުސޫލުން ދަތުރުކުރި ކޮންކޯޑު ޖެޓުގެ ދަތުރުތައް 27 އަހަރުގެ ހިދުމަތަކަށް ފަހު މިހާރުވަނީ ހުއްޓާލާފައެވެ.) އަދި މިހާރު މީހަކުނެތި ރިމޯޓް ކޮންޓްރޯލުން އޮޕަރޭޓުކުރާ "ގްލޯބަލް ހޯކް" ފަދަ އަސްކަރީ މަތިންދާ ބޯޓުވެސް އެބަ ހުއްޓެވެ.

ރޭލު

ރޭލަކީ އޭގެ ނަން ލިބިފައިވާ ރޭލު ދަނގަޑުޖޯޑެއްގައި ދަތުރުކުރުމަށް އެކަތި އަނެކައްޗާ ގުޅާލެވިފައިވާ ބައިތަކެއް ހިމެނޭ އުޅަނދެކެވެ. ރޭލުގެ އިންޖީނުގެ މައިގަނޑު ތިން ބާވަތެއް ވެއެވެ. އެއީ ސްޓީމް (އާވި)، ކަރަންޓު އަދި ޑީސަލް އިންޖީނެވެ. ސްޓީމް އިންޖީނުގައި އާންމުކޮށް އާވި އުފެއްދުމަށް ބޭނުންކުރަނީ ބޯޓުދެލި، ލަކުޑި ނުވަތަ ތެލެވެ. ރޭލުގައި ބޭނުންކުރި އެންމެ ފުރަތަމަ ސްޓީމް އިންޖީނަކީ ސްކޮޓްލަންޑްގެ ޖޭމްސް ވޮޓް ގެ އީޖާދެކެވެ. އެންމެ ފުރަތަމަ ރޭލު ބޭނުންކުރީ ބޯޓުދެލި ނަގާ ވަޅުތަކުން ކޯރެއްގެ އައްސޭރިއަށް ބޯޓުދެލި އުފުލުމަށެވެ.

އިނގިރޭސިވިލާތުގައި، މިޒަމާނުގެ ރޭލު ސިސްޓަމް ތަރައްގީ ކުރަމުންގޮސް ސްޓީމް ލޮކޮމޯޓިވް އުފެއްދީ 1820 ވަނަ އަހަރުއެވެ. އަދި 1825 ވަނަ އަހަރު "ސްޓޮކްޓަން ރެއިލްވޭ" އާއި "ޑާލިންގް ރެއިލްވޭ" ހުޅުވިއެވެ. އެންމެ ފުރަތަމަ ބިމުއަޑީގައި ދުއްވާ ރޭލު އުފެއްދީ 1863 ގައި ލަންޑަން ގައެވެ. ކަރަންޓުގެ އެހީގައި ދުއްވާ ރޭލާއި ޓްރޭމް އުފެއްދީ 1880 ގައެވެ. މިއަދު ސްޓީމް އިންޖީނުލީ ރޭލުތައްވަނީ ޑީސަލް އިންޖީނަށް ބަދަލުވެފައެވެ. އެންމެ ބާރަށް ދަތުރުކުރާ ރޭލުގެ ދުވެލި ގަޑިއަކު 575 ކިލޯމީޓަރަށް އަރާފައިވެއެވެ.

ކާރު

އޮޓޯމޮބައިލްގައި ނުވަތަ ކާރުގައި އިންޓަރނަލް ކޮމްބަސްޝަން އިންޖީނެއް އަޅާ އެ އީޖާދު ރަޖިސްޓްރީ ކުރީ 1860 ވަނަ އަހަރު ފަރަންސޭސިވިލާތުގެ ޖޯން ލެނޮއާ އެވެ. އަދި ޕެޓްރޯލް އިންޖީނެއް ކާރެއްގައި އެޅުމަށް އެންމެ ފުރަތަމަ ތަރައްގީ ކުރީ 1885 ގައި ގޮޓްލެބް ޑައިމްލަރ އާއި ކާލް ބެންޒް އެވެ. (މި ދެ މީހުންގެ ނަމަކީ އިންޖީނު އުފެއްދުމުގެ ކުރީ ސަފުގައި މިހާރު ހިމެނޭ ދެ ކުންފުނީގެ ނަމެވެ.) މިޒަމާނުގެ ކާރުތައް ފަރުމާކޮށް ތަރައްގީ ކޮށްފައިވަނީ 1890 ގެ އަހަރު ތަކުގައި ޖަރުމަނާއި ފަރަންސޭސި ވިލާތުގައެވެ. ސްޓީމް އިންޖީނުލީ ކާރަށްވުރެ ބޮޑަށް ތަރައްގީ ކުރެވިފައިވާ ކަރަންޓު ކާރު އެމެރިކާގައި އެންމެ ފުރަތަމަ ތައާރަފު ކުރީ 1891 ގައި ވިލިއަމް މޮރިސަން އެވެ.

ވިޔަފާރީގެ ގޮތުން ވިއްކުމުގެ ނިޔަތުގައި އެންމެ ފުރަތަމަ ކާރު އުފައްދާ ވިއްކީ 1893 ގައި އެމެރިކާގެ މެސެޗުސެޓްސް ސްޓޭޓް ގެ ސްޕްރިންގްފީލްޑް ގައެވެ. އެއާ ވިދިގެން ޕެޓްރޯލާއި ގެސޮލިން އަޅައިގެން ދުއްވާ ކާރު އުފައްދާ ތަރައްގީ ކުރެވެން ފެށިއެވެ. 1903 ގައި ހެންރީ ފޯޑު އުފެއްދި ފޯޑް މަރުކާގެ މޮޑެލް ޓީ ކާރުވެގެން ދިޔައީ ކާރުހާނާއެއްގައި ގަނޑުކޮށް ކާރު އުފައްދަން ފެށިފެށުމަށެވެ. އެއަށް ފަހު، އެކި ކުންފުނިތަކުން އެކި ބާވަތު ކާރުތައް ފަރުމާކޮށް ގަނޑުކޮށް އުފައްދިއެވެ. އެ ކާރުތަކުގެ ދުވެލިވެސް ދިޔައީ އިތުރު ވަމުންނެވެ. އަގު ހެޔޮވަމުންނެވެ. އަދި ގިނަ މީހުންނަށް ބޭނުން ކުރެވޭނެ ހާއްސަ ގޮތްގޮތަށް ބައްޓަން ކުރެވެމުންނެވެ.

މިހާރު ކާރު އުފެއްދުމުގެ ސިނާއަތުން ކޮންމެ އަހަރަކު 70 މިލިއަން ކާރު މުޅި ދުނިޔޭގައި ތައްޔާރުކުރެއެވެ. އަދި ތެލުގެ އަގު ބޮޑުވަމުން ދިއުމާ ގުޅިގެން، ތެލާ ނުލާ ހަކަތަ ލިބޭނެ ގޮތްތައް އީޖާދުކޮށްގެން ކާރު އުފައްދަމުން ދެއެވެ. އޭގެ ތެރޭގައި ހައިބްރިޑް ކާރާއި، ބެޓެރީން ދުއްވާކާރާއި، ހައިޑްރޮޖަން ކާރާއި، އެހެނިހެން ހަކަތައިގާ ދުއްވާ ކާރު ހިމެނެއެވެ.

އެންމެ ބޮޑު އިންގިލާބެއް އައިސްފައި މިވަނީ އަމިއްލައަށް ދުއްވާ އުޅަނދުފަހަރު ފަރުމާކުރުމުގައި ލިބިފައިވާ ކުރިއެރުމުގެ ސަބަބުންނެވެ. އާންމުންނަށް ގަންނަން ލިބޭ ގޮތަށް މިހާރު ލިބެން ހުރި ބައެއް އިލެކްޓްރިކް ކާރަކީ އޭގެ ޒާތުގައި މުޅިން އަމިއްލަ ދުއްވުމުގެ ގާބިލުކަން ލިބިފައިވާ އުޅަނދުތަކެކެވެ. ނަމަވެސް ގިނަ ސަރުކާރުތަކުން މިކަމަކަށް އަދި ހުއްދައެއް ނުދެއެވެ.

ކާރުގެ އިތުރުން، މަތިންދާބޯޓު ފަހަރުވެސް އަމިއްލައަށް ޖައްސާތާ އަހަރުތަކެއް ވެއްޖެއެވެ. އަދި މިހާރު ރޭލު އަދި ބަސްވެސް އަމިއްލައަށް ދުވެއެވެ. ސްޕޭސް އިން ފަޒާއަށް ދިއުމަށް ބޭނުންކުރާ ރޮކެޓްތައްވެސް ހުންނަނީ އަމިއްލައަށް ދުއްވާގޮތަށް އުފައްދާފައެވެ. އަމިއްލައަށް ދުވާ ހުރިހާ އުޅަދެއްވެސް ދުއްވަނީ އޭގައިވާ ކޮމްޕިއުޓަރެވެ. ރާއްޖެއިންވެސް މިފަދަ އުޅަދެއް ފެނުމަކީ ނުވުމަށް ވުރެ ވާނެކަމެކެވެ.

ނޯޓު: މިއީ ދަތުރުފަތުރާބެހޭ ސިލްސިލާ ލިޔުންތަކެކެވެ. މިއީ މިސިލްސިލާގެ ފުރަތަމަ ލިޔުމެވެ. އިރާދަކުރެއްވިއްޔާ މީގެ އިތުރު ލިޔުންތައް މި ރޯދަމަހު ތިޔަ ބޭފުޅުންނާ ހަމައަށް ގެނެސްދެވޭނެއެވެ.