ނޭފަތް ކޮއްޓުމަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް އިންސާނުންގެ މެދުގައި އާދަހިފައިވާ ކަމެކެވެ. އިންސާނުންގެ ކިބައިން އާންމުކޮށް ފެންނަ ގޯސް އާދައެކެވެ. މިއީ، ގިނަ ދިވެހީންވެސް އާންމުކޮށް ކޮށްއުޅޭ ކަމެކެވެ. ބަޔަކު ގަބޫލުކުރިޔަސް ނުކުރިޔަސް މިއީ ހަގީގަތެވެ.

ދުނިޔޭގައި ހެދިފައިވާ ސާވޭތަކުން ދައްކަނީ، މިކަން ގިނައިން ކޮށްއުޅެނީ ބޮޑެތި މީހުންކަމެވެ. މިކަން ބޮޑެތި މީހުންގެ މެދުގައި އާންމުވެފައިވާ ވަރަކީ، ގަޑިއަކު އެއްފަހަރުހެން ކަހަލަ ގޮތަކަށް ނޭފަތްކޮށްޓާ މީހުން އުޅޭކަމެވެ. ގިނަކެމެވެ.

ބޮޑެތި މީހުންގެ އިތުރަށް ކުޑަކުދިންވެސް މިކަން ކޮށްއުޅެއެވެ. ބައެއް މީހުން ނޭފަތް ކޮއްޓަން ފަށަނީ ފޫހިވާ ވަގުތުގައި ނުވަތަ ކަމަކާ ފިކުރުބޮޑުވާ ވަގުތުގައިކަން ސާވޭތަކުން ހޯދިފައި ވެއެވެ.

މިވާހަކަ މީހަކު ދައްކައިފިނަމަ އާންމުކޮށް ނޭފަތް ކޮއްޓާމީހުން ދޭ ޖަވާބަކީ، އެއީ ނޭފަތުން މަޑުނަގަން ކުރާ ކަމެއް ކަމަށެވެ. ނުވަތަ އެއީ، ނޭފަތް ސާފުކުރުމުގެ ގޮތުން ކުރާ ކަމެއް ކަމަށެވެ.

އެހެން ނަމަވެސް، ނޭފަތުގައި ހުންނަ މަޑަކީ، ގުދުރަތީ މުހިންމު މަސައްކަތެއް ކުރާ އެއްޗެއް ކަމެއް ގިނަ މީހުންނަކަށް ނޭނގެއެވެ. އެއީ، ނޭފަތުން ހަށިގަނޑުގެ އެތެރެއަށް ނޭވާލާ ވަގުތު، ވަޔާއެކު ނޭފަތުގެ ތެރެއަށް އަންނަ "ޕާޓިކަލްސް" ހިފަހައްޓައި ވައި ސާފުކުރަން ހުންނަ މަޑުކަމެއް ގިނަ މީހުންނަކަށް ނޭނގެއެވެ.

ނޭފަތުގެ ތެރޭގައި ހަރުވެފައި އޮންނަ މަޑަކީ މިދެންނެވި ބޭރުން އެތެރެވާ "ޕާޓިކަލްސް" ކަލެކްޓްކުރުމުގެ ސަބަބުން ހަރުވާ މަޑުކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.

ހިރަފުސް ބޯ ތަންތަނުގައި އުޅޭ މީހުންގެ ނޭފަތުގެ ތެރޭގައި ހަރުވެފައި ހުންނަ މަޑުތައް ގިނަވަނީ، ނޭފަތުގައި އެތެރޭގެ ވަށައިގެން ލެވިފައިވާ މަޑުގެ ލޭޔަރަށް "ޕާޓިކަލްސްތައް" ކަލެކްޓްވާލެއް ގިނަވީމާ ކަމަށްވެސް މެޑިކަލް ބޭފުޅުން ވިދާޅުވެއެވެ.

މަޑުތައް ސާފުކުރުމުގެ ނަމުގައި ނޭފަތަށް އިނގިކޮއްޕައިގެން އަބަދު ކޮށްޓާނަމަ އޭގެ ރިސްކްވެސް ބޮޑެވެ. ނޭފަތުގެ އެތެރޭގެ ބައިތައް އެތުރިފައިވަނީ ވަރަށް ނާޒުކު ގޮތަކަށެވެ. ނޭފަތުގެ ދެދޮރު ވަކިކުރަން ހުންނަ ކާޓިލޭޖްއަކީ ޚާއްސަކޮށް ވަރަށް ނާޒުކު ބައެކެވެ. ނޭފަތް ކޮއްޓާނަމަ ތިލަ ހިސާބުގައި ހުންނަ ބްލަޑް ވެސަލްސްތައް ފަޅައިގެންގޮސް ނޭފަތުން ލޭއައުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ނޭފަތް ކޮއްޓުމަކީ، ނޭވާލާ ނިޒާމުގެ ބަލިތައް ޖެހުމުގެ އިތުރުން، ނޭފަތް ދުޅަވުން ނުވަތަ ރަތްވެ ހިރުވުމުގެ އިތުރުން، ނޭފަތުގެ އެތެރެ ހިމަވެ އަދި ނޭފަތުގެ ދެދޮރުގެ ސައިޒްވެސް ބޮޑުވާ ކަމެއް ކަމަށް މެޑިކަލް ޑޮކްޓަރުން ވިދާޅުވެއެވެ. ނޭފަތުގެ ދެލޯވަޅު ބޮޑުވުމުގެ ސަބަބަކަށް މިކަން ވެދެއެއެވެ.

ނާފަތުގެ ދެދެރުގެ ސައިޒް ކުޑަކުރަން މަސައްކަތް ކުރުމަކީވެސް ރިސްކް އޮތް ކަމެކެވެ. ޑޮކްޓަރުން ވިދާޅުވަނީ، ނޭފަތުގެ ދެދޮރޮ ނުވަތަ ނޭފަތުގެ ދެލޯވަޅު ކުޑަކުރުމުގެ ނިޔަތުގައި ނޭފަތުގެ މަޑުބަޔަށް ފިއްތުމަކީވެސް ގެއްލުންހުރި ކަމެއް ކަމަށެވެ. އެއީ، ނޭފަތަށް އިތުރު ގެއްލުންތައް ލިބި ދުޅަވުންފަދަ ކަންކަން މެދުވެރިވެދާނެ ކަމެއް ކަމަށެވެ.

އެވަރުން ނިމުނީކީ ނޫނެވެ. ނޭފަތް ކޮއްޓުވަކީ އިނގިލީގައި ހުންނަ ޖަރާސީމު ސީދާ ނޭފަތުގެ ތެރެއަށް ލުމުގެ ފުރުސަތަކަށްވެސް ވެދެއެވެ. ޚާއްސަކޮށް ކޮވިޑް-19 ބަލިމަޑުކަމުގެ މި ހާލަތުގައި ނޭފަތުގެ ތެރެއަށް ކޮވިޑް ވައިރަސް އަމިއްލަ އަތުން ވައްދާކަށް އެކަކުވެސް ބޭނުމެއް ނުވާނެއެވެ.

ނެދަރލޭންޑްސްގައި ހެދި ދިރާސާއަކުން ދައްކާފައިވަނީ، ހަމުގެ ބަލި އާންމުގޮތެއްގައި ޖެހެން މެދުވެރިވާ ބެކްޓީރިއާއެއް ކަމަށްވާ "ސްޓެފީލޮކޮކަސް އޯރެއަސް" އާންމުކޮށް ނޭފަތް ކޮއްޓާ މީހުންގެ ނޭފަތުގެ ތެރެއިން ފެނުމުގެ ފުރުސަތު ބޮޑުކަމަށެވެ.

ނޭފަތް ކޮއްޓުމަކީ އަހަރެމެން ގިނަމީހުން އެކަމާމެދު އެއްވެސް ވަރަކަށް ވިސްނާނުލާ ކޮށްލާ ކަމެކެވެ.

ސިންގްހެލްތު ޕޮލިކްލިނިކްސްގެ ނޭވާލާ ނިޒާމާބެހޭ ކްލިނިކަލް ލީޑް ޑރ. ޓޭން ޓެކް ޝީ ވިދާޅުވަނީ، ނޭފަތް ކޮއްޓުމުގެ އާދައަކީ ނަފްސާނީ މައްސަލައެއްގެ ސަބަބުން ކުރާ ކަމަކަށް ވުމުގެ ފުރުސަތުވެސް ބޮޑުކަމަށެވެ. ޑރ. ޓޭން ވިދާޅުވީ، ނޭފަތުގެ އެތެރެ ސާފުވުމުންވެސް ހުއްޓާނުލާ ނޭފަތް ކޮއްޓާނަމަ އެއީ، ނަފްސާނީ ބަލީގެ އަލާމާތެއް ކަމަށެވެ.

މިކަން ފެތެނީ، އޮބީސިވް ކޮމްޕަލްސިވް ޑިސްއޯޑަރސްގެ ތެރޭގައި ހިމެނޭ، ހަމުގައި ކޮށްޓުން، އިސްތަށި އުފުރުން އަދި ނިޔަފަތިކެއުންފަދަ ކަންކަމުގެ ތެރޭގައި ކަމަށްވެސް ވިދާޅުވިއެވެ.

ކޮންމެފަދަ ސަބަބާހެދި ނޭފަތް ކޮއްޓަން ޖެހުނު ނަމަވެސް، އެ އާދަ ދޫކޮށްލަން މަސައްކަތް ކުރުމަށް ޑރ. ޓެން ނަސޭހަތްތެރި ވެފައި ވެއެވެ.

މިއީ، ސްޓްރެސް ނުވަތަ ފިކުރުބޮޑުވެ ކަންބޮޑުވެގެން ކުރާ ކަމެއްނަމަ ރިލޭކްސް ކޮށްލައި، ފުން ނޭވާލުމުގެ އެކްސަސައިޒެއް ކޮށްލުމަށް އިރުޝާދު ދެއްވާފައި ވެއެވެ.

އަރިދަފުސްރޯގާ ޖެހުންފަދަ ކަމެއްގެ ސަބަބުން ނޭފަތް ސާފުކުރަން ޖެހިއްޖެނަމަ ޓިޝޫއެއް ބޭނުންކޮށްގެން ނޭފަތް ފޮޅާލުމަށާއި، ނޭފަތް ފޮޅާލުމަށްފަހު ވީހާވެސް އަވަހަކަށް އަތްދޮވުމަށް ޑޮކްޓަރުން އިރުޝާދު ދެއްވައެވެ.