އެހެން މީހުންނާ ވާހަކަ ދެއްކުމުގައި ނުވަތަ ފޯނުންވިޔަސް އެހެން މީހާކާ ވާހަކަ ދައްކާއިރު މާގިނައިން "އޭނ؟، ކީކޭ؟" ފަދަ ބަސްތައް މާގިނައިން ބޭނުން ކުރެވޭކަން ފާހަގަ ކުރެވޭ ހެއްޔެވެ. އެހެންކަމަށްވާނަމަ، ތިމާގެ އުމުރުން ސާޅީހުގެ އަހަރުތަކުގައި އުޅޭ މީހެއް ނަމަވެސް، މިއީ ތިމާގެ ކަންފަތުގެ އިވުމުގައި މައްސަލައެއް އުޅޭކަމުގެ ނިޝާނަކަށް ވެދާނެއެވެ. ނުވަތަ މައްސަލަތަކެއް ޖެހުމުގެ ފެށުމަކަށްވެސް ވެދާނެއެވެ.

އުމުރުގެ އެހާ ކުރީކޮޅުގައި ކަންފަތުގެ އިވުމުގައި މައްސަލަތަކެއް ދިމާވެދާނެ ބައިވަރު ސަބަބުތައް އެބަހުއްޓެވެ. އޭގެ ތެރެއިން އެއްކަމަކީ، ފުރާވަރު އުމުރުގައި އަބަދު ކަންފަތުގައި ހެޑްސެޓް ޖަހައިގެން ރޮކް އަދި މެޓަލިކާ ލަވަތައް އަޑުއެހުމަށްވެސް ވެދާނެއެވެ.

އަޑުއެހުމުގައި އުނދަގޫތައް ދިމާވާން ފަށަނީ އުމުރުގެ ފަހުކޮޅުގައި އެކަންޏެއް ނޫނެވެ. ތަޖުރިބާކާރުން ވިދާޅުވަނީ، އުމުރުގެ ކުރީކޮޅުގައި ވެސް އެކަން ތަޖުރިބާކުރަން ޖެހިދާނެ ކަމަށެވެ.

އިންސާނާގެ އުމުރުން 25 އަހަރާއި 35 އަހަރާ ދެމެދު ހަށިގަނޑުން އަޑުއިވުމުގެ ބަޔާއެކު ހަށިގަނޑުގެ ޕިޒިއޮލޮޖިކަލް ޕާރފޯމަންސް ޕީކަށް އަރާ ކަމަށް އީއެންޓީ ޑޮކްޓަރުން ވިދާޅުވެއެވެ.

އޭގެފަހުން، އިންސާނާގެ އުމުރުން ދުވަސްވާ ވަރަކަށް އަޑުއިވުމަށް ބަދަލުތައް އަންނަން ފަށައެވެ. ނުވަތަ މައްސަލަ ޖެހޭން ފަށައެވެ. އުމުރުން ދުވަސްވަމުންދާ ވަރަކަށް އަޑުއިވުމުގައި މައްސަލަ ޖެހޭލެއް އިތުރުވާން ފަށައެވެ. ޚާއްސަކޮށް އުމުރުން 65 އަހަރުން މަތީގެ ބޮޑު ނިސްބަތަކަށް އަޑުއިވުމުގެ މައްސަލަތައް ދިމާވާ މިންވަރު ގިނައެވެ.

އުމުރުން ދުވަސްވުމުގެ އިތުރުން، ވަރަށް އަޑުގަދަ ތަންތާ، ނުވަތަ އިންޖީނުގެ ކަހަލަ ތަންތާނގައި ވަޒީފާ އަދާކުރާ މީހުންވެސް ރައްކާތެރި އާލާތްތައް ބޭނުން ނުކުރާނަމަ އިވުމުގައި މައްސަލަ ޖެހެން ފަށައެވެ. ނުވަތަ މާ އަޑުގަދަކޮށް މިއުޒިކްގެ އަޑުއަހައި، ނުވަތަ އާންމުކޮށް މިއުޒިކް ޝޯވތަކަށް ދާ މީހުންނަށްވެސް މި މައްސަލަ ދިމާވެއެވެ.

އީއެންޓީ (އިއަރ، ނޯސް، ތްރޯޓް) ގެ ޚާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ. ޕޯލް ލޮކް ވިދާޅުވަނީ، އަޑުގަދަ ތަންތާނގައި މަސައްކަތްކުރާ ނުވަތަ އަޑުގަދަކޮށް މިއުޒިކް އަޑުއަހާ މީހުން ނޫނަސް، ކަންފަތުގެ ތެރޭގައި އިންފެކްޝަނެއް އުފެދިގެންވެސް އިވުމުގައި މައްސަލަ ދިމާވެދާނެ ކަމަށެވެ. ކަންފަތަށް އެއްޗެހި ކޮއްޕައި ހަދާނަމަ ކަންފަތުގެ ތޫރި ހަލާކުވެ އިއަރޑްރަމްގައި މައްސަލަ ޖެހިގެންވެސް އަޑުއިވުމުގައި އުނދަގޫތަކެއް ދިމާވެދާނެ ކަމަށެވެ.

ޑރ. ޕޯލް ލޮކް ވިދާޅުވަނީ، އަޑުއިވުމުގައި މައްސަލަ ދިމާވުމަކީ އުމުރުން ދުވަސްވާ ވަރަކަށް ކުރިމަތިވެދާނެ ކަމެއްކަން ދިރާސާތަކުން ދައްކާފައި ވީނަމަވެސް، އެކަން ކުޑަކުރުމަށް ދުރާލާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ.

ކަންފަތަށް ރަނގަޅަށް އަޑުއިވުމުގައި އެއްވެސް މައްސަލައެއް އުޅޭކަން ފާހަގަ ކުރެވޭ ހެއްޔެވެ. އެހެންމީހުން ދައްކާ ވާހަކައިގެ އިތުރުން، މޮބައިލް ފޯނުން ދައްކާ ވާހަކަތައް އަޑުއިވުމުގައި ނުވަތަ ފޯނުގެ ރިންގްޓޯން އަޑުއިވުމުގައިވެސް ތަފާތެއް ފާހަގަ ކުރެވޭ ހެއްޔެވެ.

ކައިރީގައި ހުރެ އެހެން މީހަކު ދައްކާ ވާހަކައެއް ނުވަތަ ފޯނުން ދައްކާ ވާހަކައެއް، ބުނާ ބަހެއް ރަނގަޅަށް އަޑުނީވި ނުވަތަ ނުބައި މާނައެއް ނެގޭގޮތަށް ބަހެއް އަޑުއިވުމަކީވެސް ދިމާވެދާނެ ކަމެކެވެ. ކިޔާ އެއްޗެއް ރަނގަޅަށް ސާފުނުވުމުން "އޭނ؟" "ކޭކޭ؟" "އަދި ނޭނގުނޭ ތިކީ އެއްޗެއް" ފަދަ ބަސްތައް ގިނަ ގިނައިން ބޭނުން ކުރަން ޖެހުން ވަރަށް ގާތެވެ.

ދެން ޖެހޭނީ ފޯނުގެ ވޮލިއުމް ބާރު ނުވަތަ ފުލް ކުރާށެވެ. ނުވަތަ ޓީވީ، ރޭޑިއޯގެ އަޑު ބާރުކުރާށެވެ. ރަނގަޅަށް އަޑުނީވޭތީއެވެ.

ޑޮކްޓަރުން ވިދާޅުވަނީ، މި ހާލަތުގައި ފިޔަވަޅެއް އެޅުން ލަސްނޫން ކަމަށެވެ. އެއީ، ކަންފަތަށް ގެއްލުންލިބިދާނެ ކަންކަމުން ދުރުހެލިވުމެވެ.