އެރަށެއްގެ އާބާދީގެ 60 ޕަސެންޓު މީހުންނަށް ކޮވިޑް-19 ވެކްސިންގެ ޑޯޒްތައް ހަމަވެފައިވާނަމަ، ކަރަންޓީން ވުމަކާ ނުލައި އެ ރަށަކަށް ދަތުރު ކުރެވޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) އިން ބުނެފިއެވެ.

އޭގެ އިތުރުން އާބާދީގެ 60 ޕަސެންޓު މީހުންނަށް ވެކްސިން ޑޯޒްތައް ހަމަވެފައިނުވާ ރަށްރަށަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމަށްފަހު ދެ ހަފްތާ ވެފައިވާ ފަރާތްތަކަށް ކަރަންޓީނާ ނުލައި ދަތުރުކުރެވޭނެ ގޮތަށް ވެސް އެޗުޕީއޭއިން ވަނީ ލުއިދީފައެވެ. އެހެންނަމަވެސް އެފަދަ ފަރާތްތަކަށް އެ ހުއްދަދިނުމުގައި އުސޫލުތަކެއް ވަނީ ކަނޑައަޅައިފައެވެ.

އެޗުޕީއޭގެ އެންގުމުގައި ބުނެފައިވަނީ އެގޮތުން ރަށެއްގައި ބަލި އުޅޭ ނިސްބަތް ނުވަތަ ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ފަސް ޕަސެންޓަށް ވުރެ މަތި ރަށަކުން އެނޫން ރަށަކަށް ދަތުރުކުރާނަމަ، ދަތުރުކުރެވޭނީ ޕީސީއާރް ނެގެޓިވް ޓެސްޓާއެކު އެވެ. ވެކްސިން ޖެހުމަށް ޝަރުތު ހަމަނުވާ ކުދިން އެފަދަ ފަރާތްތަކާއެކު ދަތުރުކުރަން ޖެހޭނަމަ، ޕީސީއާރް ނެގެޓިވް ޓެސްޓާއެކު ދަތުރުކުރެވޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

މީގެ އިތުރުން ފަތުރުވެރީން ހިމެނޭގޮތަށް، ރާއްޖެއަށް އެތެރެވާ ފަރާތްތަކުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް، ދެ ހަފްތާ ވެފައިވާނަމަ، ރާއްޖެއަށް ދަތުރުކުރާއިރު ނެގެޓިވް ޕީސީއާރު ޓެސްޓެއް ބޭނުން ނުވާނެ ކަމަށް ވެސް ބުނެފައިވެއެވެ. އޭގެ އިތުރުން ކަރަންޓީނުވާކަށް ވެސް ނުޖެހޭނެ އެވެ.

ނަމަވެސް ރާއްޖެއަށް އެތެރެވާއިރު އަދިވެސް ނެގެޓިވް ޕީސީއާރު ނަތީޖާ އޮންނަންވާނެ ފަރާތްތައް ނުވަތަ ރާއްޖެ އެތެރެވުމަށްފަހު ޕީސީއާރު ޓެސްޓް ހަދަން ޖެހޭ ފަރާތްތަށް ވެސް ވަނީ ހާމަކޮށްފައެވެ. އެއީ:

- ސިއްޙީ ޚިދުމަތްދޭ އެއްވެސް މަރުކަޒެއްގައި މަސައްކަތްކުރާ ފަރާތްތައް.

- ޑޭކެއާ ސެންޓަރުތަކުގައި މަސައްކަތް ކުރާ ފަރާތްތައް.

- ސްކޫލުތަކުގައި މަސައްކަތްކުރާ ފަރާތްތައް.

- ރެސިޑެންޝަލް ކެއަރގެ ޚިދުމަތްދޭ ތަނެއްގައި މަސައްކަތްކުރާ ފަރާތްތައް.

މި އެންގުމަށް އަމަލުކުރަން ފެށުމާއެކު، ރަށެއްގެ އާބާދީގެ 60 ޕަސެންޓު މީހުންނަށް ވެކްސިން ޖެހިފައިވާ ރަށްރަށާއި، ބަލި އުޅޭ ރަށްރަށުގެ ސާމްޕަލް ޕޮޒިޓިވް ރޭޓް ފަސް ޕަސެންޓަށް ވުރެ ދަށް ރަށްރަށާއި، ސާމްޕަލްގެ ޕޮޒިޓިވް ރޭޓް ފަސް ޕަސެންޓަށް ވުރެ މަތި ރަށްރަށް، އެޗްޕީއޭ އިން އާންމު ކުރަމުން ގެންދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މިގޮތަށް ޢަމަލު ކުރަން ފަށާނީ އެޕްރީލް 20 ވަނަ ދުވަހުން ފެށިގެންނެވެ.