ރަމަޟާންމަހުގެ ރޯދަ ހިފުމަކީ މުސްލިމުން ﷲ އަށް އަދާކުރާ މަތިވެރި އަޅުކަމެކެވެ. ރަމަޟާންމަހަކީ ކޮންމެ އަހަރަކު އެއްފަހަރު މުސްލިމުންނާ ކުރިމަތިވާ ބަރަކާތްތެރި މައްސަރެކެވެ.

ރަމަޟާންމަހުގައި ރޯދަ ހިފަން މުސްލިމުންގެ މައްޗަށް ފަރުޟު ކުރެއްވުމުގައި ވަރަށް ގިނަގުނަ ހިކުމަތްތަކެއް ވެއެވެ. އޭގެ ތެރެއިން އެއްކަމަކީ، ދުނިޔޭގައި ކާނޭ އެއްޗެއް ނެތި ފަގީރު ހާލުގައި އުޅޭ މީހުން ކުރަމުންދާ އިހްސާސްތައް އަމިއްލައަށް ތަޖުރިބާކުރުމެވެ. އެއާ ވިއްދައިގެން ދީލަތިކަން އިތުރުކުރުމެވެ. އަނެއް ކަމަކީ، ކެތްތެރިކަން އިސްކުޅައުމެވެ. އިމްސާކު ވަގުތުން ފެށިގެން އެދުވަހުގެ އިރު އޮއްސުމާ ހަމައަށް ކެއުމާއި ބުއިމާއި، އުފާތައް އެއްފަރާތްކޮށް ގިނަވަގުތު އަޅުކަމުގައި މަޝްއޫލުވެގެން އުޅުމެވެ. މިއީވެސް، މުސްލިމުންނަށް ﷲ ކުރިމަތި ކުރައްވާފައިވާ އިމްތިހާނެއްކަން ގައިމެވެ.

ރޯދައަށް ތިބުމަކީވެސް ގުރުބާނީއެކެވެ. އެއްޗެއް ނުބައި ނުބޮއި ތިބެވޭނީވެސް އެކަމަށް ކެތްތެރިވެގެންނެވެ. ރޯދައަށް ތިބޭއިރު ވަރުބަލިކަން އިހްސާސްވުމުގެ އިތުރުން، ބަނޑުހައިހޫނުކަމުގެ އިހްސާސް ވަރަށް ބޮޑަށް ކުރެވޭނެއެވެ. އެހެންވެ، ރޯދަ ވީއްލާ ވަގުތަކަށް އެންމެނަށްވެސް އިންތިޒާރު ކުރެވެއެވެ.

އެއްބަޔަކު މަޣުރިބު ނަމާދަށް ބަންގި ގޮވާ ވަގުތުގެ އިންތިޒާރުގައި ސުފުރާތައް ދޮށުގައި ތިބޭއިރު، އަނެއްބަޔަކު ރޯދަ ވީއްލަނީ މިސްކިތުގައެވެ. ކަދުރު ކޮޅަކާއި، ފެންފޮދަކުންނެވެ. ނުވަތަ މީހަކު ސަދަގާތަށް ގެންނަ ޖޫސްފޮދަކުންނެވެ.

ބައެއް މީހުންގެ އާދަކާދަ ހުންނަގޮތުން، އެމީހުން ރޯދަވީއްލާ ސުފުރާމަތިން ތެދުވާނީ ހަބަނޑަށް ކައިގެންނެވެ. މުޅި ދުވަހު ނުކައިހުރިތަން ފޫބައްދައިގެންނެވެ. އަނެއް ބަޔަކު ބޮޑެތި ކެއުންތައް ކަނީ ރޯދަ ވީއްލައިގެން އިރުގަނޑެއް ފަހުންނެވެ. ނުވަތަ މަޣުރިބް ނަމާދުކޮށްގެން އައިހެވެ. ބައެއްމީހުން ނަމާދަށްދަނީ ކައިގެންނެވެ.

ރޯދަ ވީއްލައިގެން ކެއުމުގެ ކަންކަން ހުންނަންވީ ގޮތާ ގުޅޭގޮތުން ސިއްހީ މާހިރުންނާއި، ތަޖުރިބާކާރުން އަބަދުވެސް ލަފާތަކާއި މަޝްވަރާތައް ދެއްވަމުން ގެންދަވައެވެ.

މުޅި ދުވަހު ރޯދައަށް ހުރުމަށްފަހު ރޯދަ ވީއްލާވަގުތު ޅިސްޖެހެންދެން ކައިފިނަމަ ވަރަށް ބޮޑަށް ވަރުބަލިކަން އިހްސާސް ކުރެވޭކަން އެންމެނަށްވެސް އެނގެއެވެ. އެހެންވެ، ބައެއް މީހުން ރޯދަ ވީއްލާ ވަގުތު ލުއި ގޮތަކަށް ކައިލައެވެ. އަނެއްބަޔަކު ނަމާދަށްފަހު އިރުގަނޑެއް ފަހުން ކައިލައެވެ.

ސިއްހީ މާހިރުން ވިދާޅުވަނީ، އެންމެ ރަނގަޅު ގޮތަކީ، އަދި އެންމެ ފުރަތަމަ ކުރާންވީ ކަމަކީ، މުޅި ދުވަހު ރޯދައަށް ހުރުމުގެ ސަބަބުން ތިމާގެ ހަށިގަނޑުން މަދުވެފައިވާ ފެނުގެ މިންވަރު ލެވެލް ކޮށްލަން ނުވަތަ ޑީހައިޑްރޭޝަނުން ސަލާމަތްވުމަށް ދިޔާތަކެތި ބުއިން ކަމަށެވެ. އިލެކްޓްރޯލައިޓްސް، ދިޔާތަކެތި، އަދި ކުޑަކޮށް ހަކުރު ހުންނަ އެއްޗެއް ބޭނުން ކުރުން އެދެވިގެންވާ ކަމަށެވެ.

ޒަމާނުއްސުރެ ރޯދަ ވީއްލާ ސުފުރާތައްމަތީގައި ގިނަ އަދަދަކަށް އެކި ބާވަތްބާވަތުގެ ޖޫހާއި، މޭވާއާއި ކަދުރުފަދަ ތަކެތި ހުންނަނީވެސް މިހެންވެގެންނެވެ.

ނިއުޓްރިޝަނިސްޓުން ވިދާޅުވަނީ، ރޯދަ ވީއްލަން އެންމެ ރަނގަޅީ، ކަދުރު، ކުރުނބާ، ކުޑަ ލޮނުކަމެއް ހުންނަ ލުނބޯފަނި ނުވަތަ ތާޒާ މޭވާފަދަ އެއްޗަކުން ކަމަށެވެ. ހަށިގަނޑުން މަދުވެފައިވާ ފެން ލިއްބައިދޭފަދަ އެއްޗަކުން ކަމަށެވެ.

ރޯދައަށް ހުރެފައި، ރޯދަ ވީއްލާވަގުތު ތެލާއި، ހަވާދާއި، މާ ކުޅިކޮށް ހުންނަ ތަކެތި ގިނަ އަދަދަކަށް ކެއުމުގައި ބޭނުން ކުރުމަކީ ސިއްހީގޮތުންވެސް ރައްކާތެރި ކަމެއް ނޫންކަމަށް ސިއްހީ މާހިރުން އަބަދުވެސް ވިދާޅުވެއެވެ. ހުސް ގޮހޮރާ ހުރެފައި އެފަދަ ތަކެތި ކެއުމަކީ ވަރުބަލިވުމުގެ އިތުރުން، ބަނޑަށްވެސް އުނދަގޫވާނޭ ކަމެކެވެ.

ރަމަޟާންމަހުގެ ރޯދަތައް ހިފައި ނިމޭއިރު، ބައެއް މީހުންގެ ބަރުދަން ލުއި ވާއިރު، ބައެއްމީހުންގެ ބަރުދަން އެތައްތަނުން އިތުރުވަނީވެސް ރޯދަ ވީއްލާ ވަގުތާއި ހާރު ކެއުމުގައި ގެންގުޅެވޭ އާދަތަކުގެ ސަބަބުންނެވެ.

މިހެން ކަން ހުރުމުން، ޚާއްސަކޮށް ރަމަޟާންމަހުގެ ތެރޭގައި ކެއުން ހުންނަންވީ ގޮތުގެ ވަރަށް ގިނަ އިރުޝާދުތައް ސިއްހީ މާހިރުން ދެއްވައެވެ.