އެންމެފަހުން ދުނިޔޭގައި ހެދިފައިވާ ދިރާސާތައް ދައްކާގޮތުން، ސިއްހަތު ރަނގަޅު ހިތެއް ބޭނުންނަމަ ކުރާންވީ ކަމަކީ ވީހާވެސް ގިނައިން ކަސްރަތު ކުރުމެވެ. ކަސްރަތު ކުރުން ގިނަވާ ވަރަކަށް ހިތުގެ ދުޅަހެޔޮކަން އިތުރުވެއެވެ.

މިކަމާ ގުޅޭގޮތުން ހެދިފައިވާ އެންމެފަހުގެ ބައެއް ދިރާސާތައް ބުނާގޮތުން، އިންސާނާގެ ފިޒިކަލް އެކްޓިވިޓީއާއި، ހިތުގެ ބަލި ނުވަތަ ކާޑިއޯވެސްކިއުލަރ ޑިޒީޒަސްއާ ގުޅުން ވެއެވެ.

ދިރާސާއިން ދައްކާފައިވާގޮތުން، ކަސްރަތު ނުކުރާ ނުވަތަ މަދު ފަހަރެއްގައި މެނުވީ ހަރަކާތްތެރިވެ ނޫޅޭ މީހުންނަށްވުރެ އާންމުކޮށް ކަސްރަތުކޮށް، ވަރަށް ހަރަކާތްތެރި ދިރިއުޅުމެއް އުޅޭ މީހުންނަށް ހިތުގެ ބަލިތައް އަށަގަތުން ދުރެވެ.

ކޮންމެ ދުވަހަކު މަދު ވަގުތުކޮޅެއްގައި ޖޮގްކުރުން ނަމަވެސް، ހަފްތާތެރޭގައި ގިނަގިނައިން ހިނގާއުޅޭ މީހުންނަށް އެވަރުން ފުދޭ ކަމަށްވެސް ދައްކާފައި ވެއެވެ.

މިކަމާ ބެހޭގޮތުން ހެދި ދިރާސާއަކީ ވަރަށް ފުޅާ ދާއިރާއެއްގެ ދިރާސާއެކެވެ. ދިރާސާއަށް 90،000 ބޮޑެތި މީހުންގެ ކަސްރަތުގެ މައުލޫމާތު އެއްކޮށް މުތާލިއާކޮށްފައި ވެއެވެ.

ދިރާސާއިން ދެއްކިގޮތުގައި، ކިތަންމެ ކުޑަ މިންވަރެއްގެ ކަސްރަތެއް ކުރުމުންވެސް ހިތުގެ ދުޅަހެޔޮކަމަށް އޭގެ މަންފާ ކުރެއެވެ.

އާންމު ދިރިއުޅުމުގައި ހަރަކާތްތެރިކޮށް އުޅޭ މީހުންނަކީ ހިތުގެ ސިއްހަތު ވަރުގަދަ ބައެއްކަން، އެތައް ޖީލަކުންވެސް ފެށިގެން ގަބޫލު ކުރެވިފައި އޮވެއެވެ.

މިފަދަ މަޝްހޫރު ދިރާސާއެއް އެންމެ ފުރަތަމަ ހަދާފައިވަނީ ޔޫކޭގައެވެ. 1940 އާއި 1950 އާ ދޭތެރޭގައި ޔޫކޭގެ އެޕިޑެމިއޮލޮޖިސްޓެއް ކަމަށްވާ ޖެރެމީ މޮރިސް ހެދި ދިރާސާއިން ހާމަވެފައިވަނީ، އާންމު ދަތުރުފަތުރުކުރާ ބަސްތަކުގައި ޑްރައިވަރުންނަށްވުރެ ބަސް ކޮންޑަކްޓަރުންނަށް ހާޓްއެޓޭކް ޖެހުމުގެ ފުރުސަތު ދެބައިކުޅަ އެއްބައި ކުޑަ ކަމަށެވެ. މިއީ، މިކަން ހާމަވި ފުރަތަމަ ދިރާސާއެވެ.

އޭގެ ސަބަބެއް ކަމަށް ދިރާސާއިން ދައްކާފައިވަނީ، ބަސް ކޮންޑަކްޓަރުންނަކީ، ދަތުރުމަތީގައި އަބަދުވެސް ދެބުރިއަށް ހުންނަ ބަސްތަކުގެ ސިޑިން މައްޗަށް އަރައި ފައިބާންޖެހޭ ބަޔަކަށްވެފައި، ޑްރައިވަރުންނަކީ އަބަދުވެސް ގޮނޑީގައި އިށީނދެގެން ތިބޭންޖެހޭ ބަޔަކަށް ވުމުންނެވެ.

އޭގެފަހުން ހެދިފައިވާ އެތައް ދިރާސާއަކުންވެސް، ހަރަކާތްތެރި ދިރިއުޅުމެއް އުޅުމަކީ ހިތުގެ ބަލިތަކުން ދުރުކޮށްދޭ ކަމެއްކަން ހާމަވެފައި ވެއެވެ. މީހާގެ ފިޒިކަލް އެކްޓިވީއާއި، ހިތުގެ ބަލިތަކާ ގުޅުންވާކަން ހާމަވެގެން ގޮސްފައި ވެއެވެ. ހަރަކާތްތެރި ދިރިއުޅުމެއް އުޅޭ މީހުންނަށް ހާޓްއެޓޭކް ޖެހުމުގެ ރިސްކް ކުޑަކަން ހާމަވެފައި ވެއެވެ.

އެހެން ނަމަވެސް، މާ ގަދަޔަށް ކަސްރަތުކޮށް، ދިގުލައިގެންދާ ގޮތަށް ވޯކްއައުޓްތައް ހަދުމަކީ ހިތުގެ ސިއްހަތަށް އެހާ ރަނގަޅުކަމެއް ނޫން ކަމަށްވެސް ބައެއް ދމަދު ިރާސާތަކުން ދައްކާފައި ވެއެވެ. އެއީ، ހިތުގެ މައްސަލަތައް ޖެހުމަށް މެދުވެރިވާ ސަބަބަކަށް ވެދާނެ ކަމަށްވެސް ބުނެފައި ވެއެވެ. މާ ގަދަޔަށް ބުރަކޮށް ކަސްރަތުކޮށް ހެދުމަކީ ހިތަށް ގެއްލުންލިބޭ ކަމެއް ކަމަށްވެސް ހާމަވެފައި ވެއެވެ.

އެކަމަކު، މި ނަތީޖާ ދައްކާފައިވަނީ އެކަމާ ގުޅޭގޮތުން ހެދިފައިވާ ކުދިކުދި ދިރާސާތަކުންނެވެ. ނުވަތަ ވަކި ގްރޫޕަކަށް އަމާޒުކޮށްގެން ހެދިފައިވާ ދިރާސާތަކުންނެވެ.