އުމުރުން 50 އަހަރާއި 60 އަހަރާ ދެމެދުގެ އުމުގެ މީހުން ކޮންމެ ރެއަކު 6 ގަޑިއިރު ނުވަތަ އެއަށްވުރެ މަދުން ނިދާނަމަ ހަނދާންނެތުމުގެ މައްސަލަ ބޮޑުވެ، ސިކުނޑީގެ މައްސަލަތައް ޖެހުމުގެ ރިސްކް ބޮޑުވާކަމަށް އަލަށް ހެދި ދިރާސާއަކުންވަނީ ދައްކާފައެވެ.

އުމުރުން ދުވަސްވީ 8،000 މީހުން ބޭނުންކޮށްގެންނާއި އަދި ގާތްގަނޑަކަށް 25 ވަރަކަށް އަހަރުދުވަސް ވަންދެން އެއްކޮށްފައިވާ ސާވޭތަކުގެ މައުލޫމާތުތައް ދިރާސާކުރުމުން، ނިދި މަދުވުމާއި، ސިކުނޑީގެ މައްސަލަ ޖެހުމާ ގުޅުންވާކަން ހޯދިފައިވާ ކަމަށް ސައިންސްވެރިން ބުނެފައި ވެއެވެ.

ސިކުނޑީގެ މައްސަލަތައް ފުޅާ ދާއިރާއެއްގައި މާނަ ކުރެއެވެ. އޭގެތެރޭގައި، ހަނދާންނެތުމުގެ ބަލި، ސިކުނޑި ހަމަނުޖެހުމަށް މަގުފަހިވުން، ސިކުނޑިއަށް ލިބޭ އުނިކަމުގެ ސަބަބުން މުއާސަލާތު ކުރުމަށް އުނދަގޫވުމާއި، ވިސްނުން ކޮށިވުންފަދަ ކަންކަން ހިމެނެއެވެ.

ޔޫކޭގެ ސައިންސްވެރިން ހެދި މި ދިރާސާގެ ނަތީޖާ އާންމުކޮށްފައިވަނީ އަންގާރަ ދުވަހުއެވެ.

ދިރާސާގެ ނަތީޖާ ދައްކާގޮތުން، އުމުރުން 50 އަހަރާއި 60 އަހަރާ ދެމެދުގެ އުމުގެ މީހުން ރޭގަނޑު 6 ގަޑިއިރު ނުވަތަ އެއަށްވުރެ މަދުން ނިދާނަމަ، ސިކުނޑީގެ މައްސަލަ ޖެހުމުގެ ރިސްކު ބޮޑުވެއެވެ. އެކަމަކު، ހަމަ އެ އުމުރުގެ މީހުން މަދުވެގެން 7 ގަޑިއިރު ރަނގަޅަށް ނިދާނަމަ ރިސްކް ކުޑަވާކަންވެސް ދިރާސާއިން ދައްކާފައި ވެއެވެ.

ހަމަ އެއާއެކު، އުމުރުން 50 އަހަރާއި 70 އަހަރާ ދެމެދުގެ އުމުރުގެ މީހުން މަދުން ނިދާނަމަ ސިކުނޑީގެ މައްސަލަތައް ޖެހުމުގެ ރިސްކް 30 އިންސައްތަ އިތުރުވާ ކަމަށްވެސް ދިރާސާއިން ދައްކާފައި ވެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އެއްކުރާ ކަމާގުޅޭ ތަފާސްހިސާބުތަކަށް ބަލާއިރު، ކޮންމެ އަހަރަކު ގާތްގަނޑަކަށް 10 މިލިއަނާ ގާތްކުރާ އަދަދެއްގެ މީހުންނަށް ސިކުނޑީގެ ތަފާތު ބަލިތައް ޖެހެއެވެ. އޭގެތެރޭގައި ތުރުތުރުއަޅާ ބަލިޖެހޭ މީހުންވެސް ހިމެނެއެވެ. ނިދީގެ މައްސަލަ ޖެހުމަކީ މިފަދަ މީހުންނަށް އާންމުކޮށް ދިމާވާ ކަމެއް ކަމަށް ބުނެއެވެ.

ސިކުނޑީގެ ތަފާތު ބަލިތައް ޖެހުމަށް މަގުފަހިވާ މައިގަނޑު އެއް ސަބަބަކީ، ނިދުމުގެ މައްސަލަކަމަށް ވަރަށް ބޮޑަށް ބުރަވެވޭ ކަމަށް އަލަށް ހޯދަމުންދާ ހޯދުންތަކުން ފެންނަމުންދާ ކަމަށް ސައިންސްވެރިން ބުނެއެވެ.

ރަނގަޅަށް ނުނިދުމުގެ ސަބަބުން ހަނދާންނެތުމުގެ ބަލިޖެހުން ފަދަ ސިކުނޑީގެ މައްސަލަތައް ޖެހުމުގެ ރިސްކް ބޮޑީ، ޚާއްސަކޮށް އުމުރުން ދުވަސްވީ މީހުންނަށެވެ. އޭގެ ތެރެއިންވެސް އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ރިސްކް ބޮޑެވެ.

މި ދިރާސާހެދި ސައިންސްވެރިން ބުނެފައިވަނީ، ނިދި މަދުވުމުގެ ސަބަބުން ޒުވާން އުމުރުގެ މީހުންނަށް މިމައްސަލަ ދިމާވާކަމަށް ބުނަން އަދި ނޭނގޭ ކަމަށެވެ.

ހަމަ އެއާއެކު، ފުރިހަމައަށް ނިދި ހަމަކޮށްގެން ސިކުނޑީގެ ތަފާތު މައްސަލަތައް ޖެހުމުން ސަލާމަތް ވެވިދާނެކަން ދެނެގަތުމަށް މުސްތަގްބަލުގައި އިތުރު ދިރާސާތައް ހަދަންޖެހޭ ކަމަށެވެ.

ރޭގަނޑު ނިދުމުގައި އެތައް ބަޔަކަށް އެކި ކަހަލަ މައްސަލަތައް، އުނދަގޫތައް ދިމާވެއެވެ. ރޭގަނޑު ރަނގަޅަށް ނުނިދުމުގެ ސަބަބުން ހަނދާންތުން ނުވަތަ ވިސްނުމަށް އޭގެ އަސަރު ކުރާ ކަމަށް އެންމެނަށްވެސް ގަބޫލު ކުރެއެވެ. ރޭގަނޑެއްގައި ރަނގަޅަށް ނުނިދިއްޖެނަމަ އަނެއްދުވަހު މީހާ "ފިޓް" ނޫން ކަމަށްވެސް ގިނަމީހުން ބުނެއެވެ.

އެކަމަކު، ދިގު މުއްދަތަކަށް މިގޮތަށް ނުނިދައި އުޅޭ މީހުންނަށް ވާނެގޮތް ވިސްނާލާށެވެ.