ހަރަދުތައް ފޫބެއްދުމަށް ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ ބައެއް މާއްދާތަކަށް އަމަލުނުކުރާގޮތަށް އޮތް އޮތުން އިތުރު އަހަރު ދުވަހަށް އިތުރުކޮށްދިނުމަށް މަޖިލީހުގެ ވަގުތީ ކޮމިޓީން ފާސްކޮށްފިއެވެ.

މި ހުއްދައިގެ މުއްދަތު އިތުރު ކުރުމަށް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅީ މުއްދަތު ހަމަވާން ކައިރިވިއިރު ވެސް ރާއްޖޭގެ އިގްތިސާދު ރަނގަޅު ނުވާތީ އެވެ. މިދިޔަ އަހަރު ދިން ހުއްދައިގެ މުއްދަތު ހަމަވާނީ އަންނަ ހޯމަ ދުވަހުއެވެ.

ކޮމިޓީގެ ބައްދަލުވުމުގައި އިއްޔަ ވަނީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އެމްއެމްއޭގެ އިސް ބޭފުޅުންގެ އިތުރުން އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތާ ބައްދަލުކުރައްވާފައެެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް އައި ހީނަރުކަމުން އައިގަތުމަށް ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށްޓަކައި، މަރުކަޒީ ބޭންކު (އެމްއެމްއޭ)އިން ސަރުކާރަށް ދަރަނި ނެގޭގޮތަށް މިދިޔަ އަހަރު މަޖިލީހުން ދީފައިވާ ހުއްދަ އިތުރުކޮށްދިނުމަށް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުއްވާފައިވާ ސިޓީގައި ވަނީ، ރައްޔިތުންގެ މަޖިލީހުން ދީފައިވާ އިސްތިސްނާއަށް 1 އަހަރުވާން ކައިރިވެފައިވާއިރު، މި އިޤްތިސާދީ ފުން ވަޅުގަނޑުން އެއްކޮށް އަރައިގަނެވިފައި ނުވާކަމަށެވެ. އަދި ކޯވިޑް ބަލިމަޑުކަމާއި ގުޅިގެން ކުރިމަތިވެފައިވާ އިޤްތިސާދީ ތަދުމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިސާދީ އަދި މާލީ ހާލަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށާއި، މިގޮތުން 2020 ވަނަ އަހަރުގެ ހަތަރު ކުއާޓަރުގައި ވެސް ރާއްޖޭގެ އިޤްތިސާދީ ކުރިއެރުން ވަނީ އޭގެ ކުރީ އަހަރުގެ އެ ކުއާޓަރުތަކާ އަޅާބަލާއިރު ދަށްވެފައިކަމަށް ފިނޭޏްސްގެ ސިޓީގައިވެއެވެ.

އަދި ވޭތުވެދިޔަ ހަތަރު ކުއާޓަރުގައި ރާއްޖޭގެ އުފެއްދުންތެރިކަން ދަށްވެފައިވުމާއި އަންއެމްޕްލޯއިމަންޓް ރޭޓް މަތީގައި ހުރުމާއި ބޭރު ފައިސާގެ އާމްދަނީ ދަށްވެފައިވުމާއެކު ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓްސްއަށް ލޮޅުން އައިސްފައިވުމާއެކު، އެ އިޤްތިސާދީ ބޮޑު ހީނަރުކަމެއް ދިމާވެފައިވާކަމަށްވެސް ފިނޭންސްގެ ސިޓީގައިވެއެވެ. އެހެންކަމުން އެމްއެމްއޭއިން ދަރަނި ނެގުމަށް، ޚަރަދަށް ޒިންމާވުމުގެ ޤާނޫނުން މިދިޔަ އަހަރު އިސްތިސްނާކޮށްދެއްވި މާއްދާތައް އެއް އަހަރަށް އިތުރުކޮށްދެއްވުމަށް ފިނޭންސް އިން ވަނީ އެދިވަޑައިގެންފައެވެ.