ރަމަޟާންމަހު ރޯދަ ހިފުމަކީ މީގެ 1،400 އެތައް އަހަރެއް ކުރިން މުސްލިމުން އަދާކުރަމުންދާ ދީނީ ފަރުޟެކެވެ. މާތްﷲ މުސްލިމުންގެ މައްޗަށް ފަރުޟު ކުރައްވާފައިވާ މަތިވެރި އަޅުކަމެކެވެ. އެއީ، ﷲ ގެ ރުއްސެވުން ލިބިގަތުމާއި، ނަފުސުގެ ތާހިރުކަމަށް މުސްލިމުން އަދާކުރާ އަޅުކަމެކެވެ.

ރަމަޟާންމަހުގައި ރޯދަ ހިފުމުގެ ހިކުމަތްތައް ބައިވަރެވެ. އެކަމަކު، މިއަދުގެ ސައިންސްގެ އަލީގައި ރޯދަހިފުމުގެ އެތައް ފައިދާތަކެއް ފެނި، ވަނީ ހާމަވެފައެވެ. ރޯދަ ހިފުމަކީ ނަފްސާނީ އަދި ޖިސްމާނީ އެތައް ފައިދާއެއް، ސިއްހީ އެތައް ފައިދާއެއް އެކުލެވޭ ކަމެއްކަންވެސް ސައިންސްވެރިންވަނީ ހޯދާފައެވެ.

ދީނީ އަޅުކަން ފުރިހަމަ ކުރުމަށް ރޯދަ ހިފުމުގެ އިތުރަށް، މެޑިކަލް ބޭނުންތަކަށް ބައެއް ކަހަލަ ބަލިތަކުގެ މީހުންނަށް ނުކައި ހުންނަން ޑޮކްޓަރުން އަންގަމުންދާ ދިއުމަކީވެސް ރޯދައިގެ ފައިދާ ހާމަކޮށްދޭ ކަމެކެވެ. އޭގެ މަންފާ ސައިންސްގެ އަލީގައި ހޯދިފައިވުމުން އަންގާ އެންގުންތަކެވެ.

ދުވާލުގެ ވަގުތުތަކުގައި ރޯދައަށް ހުރުމުން ސިއްހީ އެތައް އެތައް ފައިދާތަކެއް ކުރާކަމަށް ސިއްހީ ތަޖުރިބާކާރުންގެ އެކި ހޯދުންތަކުން ހާމަވެފައި ވެއެވެ. އެއީ، ސިއްހީ އެތައް މައްސަލަތަކެއްގެ ހައްލުކަމަށްވެސް ހޯދިފައި ވެއެވެ. އޭގެ ތެރޭގައި، ކޮލެސްޓްރޯލް މަތިވުމުގެ މައްސަލަ ހައްލުވުމާއި، ހިތުގެ މައްސަލަތަކާއި، މާބޮޑަށް ފަލަވުމާއި، ނަފްސާނީ ސިއްހަތުގެ އިތުރުން، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްވެސް ރޯދައިގެ ސަބަބުން އެހީތެރިވެދޭކަން ހާމަވެފައި ވެއެވެ.

ދުވާލުގެ ވަގުތުތަކުގައި ކާއެއްޗެއް ނުކައި ހުރުމަކީ، ހަޖަމުގެ ނިޒާމަށް ރެސްޓްލިބި، ހަޑިގަނޑުން ޓޮކްސިން ނައްތާލަންވެސް ވަގުތުލިބޭ ކަމެކެވެ. ގޮހޮރު ސާފުކުރުމަށްވެސް މަގުފަހިވާ ކަމެކެވެ. ލެއިން ހަކުރުގެ މިންވަރު ކޮންޓްރޯލް ކޮށްދޭ ކަމެކެވެ. ނަތީޖާއަކީ، ހަކުރުމަތި މީހުން ރޯދައަށް ހުރުމުން ހަށިގަނޑުން ހަކުރުގެ މިންވަރު ދަށްކޮށްދޭ ކަމެވެ.

ރޯދަ ހިފުމަކީ، ނަފްސާނީ ދުޅަހެޔޮކަމަށް ވަރަށް ބޮޑަށް އެހީތެރިވެދޭ ކަމެއްކަންވެސް ސައިންސްވެރިންވަނީ ހޯދާފައެވެ. ސިކުނޑީގެ ސިއްހަތަށް ވަރަށް ފައިދާހުރި ކަމެއްކަންވެސް ވަނީ ހޯދާފައެވެ. މީގެއިތުރުން، ރޯދަ ހިފުމަކީ ހިތުގެ މައްސަލަތަކަށްވެސް އޮތް ހައްލެކެވެ.

ފުރިހަމައަށް ރޯދަހިފާ މީހުންނަށް، އެމީހުންގެ ހަށިގަނޑަށް އަންނަ ބަދަލު ވަރަށް ފަސޭހައިން ފާހަގަ ކުރެވޭނެއެވެ. ހަށިގަނޑަށް ލިބޭ ލުޔާއި، ބަރުދަނަށް އަންނަ ބަދަލުވެސް ފާހަގަ ކުރެވޭނެއެވެ. އަމިއްލަ ނަފްސަށް ލިބޭ ލުއިކަމާއި، ހިތްހަމަޖެހުމަކީވެސް ތިމާގެ ސިއްހަތަށް ފައިދާހުރި ކަންކަމެވެ.

ރޯދަ ހިފުމަކީ ސިއްހީ އެތައް ފައިދާތަކެއް ލިބިދޭ ކަމެއް ނަމަވެސް، ރަމަޟާންމަހުގައި ރޯދަ ހިފުމަކީ ހުރިހާ މުސްލިމުންގެ މައްޗަށް ފަރުޟު ކުރައްވާފައިވާ ކަމެއްނޫންކަން ފާހަގަ ކޮށްލަން ޖެހެއެވެ. ރޯދަ ހިފުން ވަކި ހާލަތްތަކެއްގައި ތިބޭ މީހުންގެ މައްޗަށް މަޖުބޫރެއް ނޫނެވެ.

ބަލި ހާލަތުގެގޮތުންނާއި، އެނޫންވެސް، ރަމަޟާންމަހުގައި ރޯދަ ހިފުމަށް އުޒުރުވެރިވާ މީހުން އެކަން ކުރާކަށް ނުޖެހެއެވެ. ރޯދަ ނުހިފޭ ހާލަތެއް މެދުވެރި ވެއްޖެނަމަ، ރޯދަމަސް ނޫން ދުވަހެއްގައި އެކަން ކުރެވޭގޮތަށް ހުކުމްތައް އައިސްފައި ވެއެވެ. ނުވަތަ ފަގީރުންނާއި، މިސްކީނުންނަށް ކާންދީގެންވެސް އެ ވާޖިބު އަދާކުރެވޭނެގޮތް ދީނުގައި ހަމަޖެހިފައި ވެއެވެ.

ސިއްހީ ބޮޑު މައްސަލައެއް އުޅޭ މީހުން ރޯދަ ހިފާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމެވެ. ޑޮކްޓަރުންގެ މަޝްވަރާއާއެކު އެކަން ކުރުން މުހިންމެވެ.

ރަމަޟާންމަހުގައި އިސްލާމީ އުންމަތުގެ ހުރިހާ މުސްލިމުން މަސްދުވަސް ވަންދެން ފަތިހުގެ ވަގުތުން ފެށިގެން އިރު އޮއްސުމާ ހަމައަށް ދުވާލުގެ ވަގުތުތަކުގައި ކެއުމާއި، ބުއިމާއި، އެނޫންވެސް ރޯދަ ގެއްލިދާނެ ކަންކަމުން ދުރުހެލިވެ އަޅުކަން ކުރުމުގައި މުޅި ދުވަސް ހޭދަކުރާއިރު، ޣައިރު ދީންތަކާއި، ބައެއްކަހަލަ މަޒްހަބުތަކާއި، ޘަގާފަތްތަކުގެ މީހުންވެސް ރޯދަ ހިފުމުގެ ނަމުގައި ނުކައި ތިބެއެވެ.

އެގޮތުން، 72 ގަޑިއިރު، ނުވަތަ 24 ގަޑިއިރު، ނުވަތަ 12 ގަޑިއިރުވެސް ނުކައި ނުބޮއި ތިބެއެވެ. އެއީވެސް، އެމީހުން ގަބޫލުކުރާ ހަމަތަކުން ކުރާ ކަމެކެވެ.

އެހެން ނަމަވެސް، އެގޮތަށް ރޯދަ ހިފުމާއި، މުސްލިމުން މުޅި މަސްދުވަހު ރޯދަ ހިފުމުން ލިބޭ ސިއްހީ ފައިދާ ހާސްގުނަ އިތުރުވެފައި، މަސްދުވަހު ރޯދަ ހިފުމުގެ މުޅި އަހަރު ދުވަހަށް އެމީހަކަށް ލިބިދޭ ސިއްހީ ދުޅަހެޔޮކަން އެތައްގުނަ އިތުރުކަންވެސް ސައިންސްގެ އަލީގައިވަނީ ހޯދިފައެވެ.