ޕާކިސްތާން އެމްބަސީގެ ދެ މުވައްޒަފަކު ދެކުނު ކޮރެއާގެ ވެރިރަށުގައި ފިހާރައަކުން ވައްކަން ކުރަނިކޮށް، އަތުލައިގެންފި ކަމަށް އެގައުމުގެ ފުލުހުން ބުނެފިއެވެ. މި ވާހަކަ ރިޕޯޓްކޮށްފައި ވަނީ ސޯލްގެ ޔޮންގސަން ޕޮލިސް ސްޓޭޝަންއާ ޙަވާލާދީ، ކޮރެއާ ޓައިމްސްގައެވެ.

މި މީހުން ވަގަށް ނެގި ކަމަށް ބުނެފައި ވަނީ، ޗޮކްލެޓަކާއި، ތޮއްޕެކެވެ. ޗޮކްލެޓްގެ އަގަކީ، ނަވާރަ ސަތޭކަ ވޮން އެވެ. ތޮފީގެ އަގަކީ، އެގާރަހާސް ވޮން އެވެ. މި ދެހާދިސާއިން އެއް ހާދިސާ ހިނގާފައި ވަނީ ޖެނުއަރީ 10 ގައެވެ. އަނެއް ހާދިސާ ފެބްރުއަރީ 23 ގައެވެ.

ކޮރެއާ ޓައިމްސްއިން ބުނިގޮތުގައި، ފިހާރައިން ތޮފި ގެއްލުނު ފަހުން، އެ ފިހާރައިން، އެމައްސަލަ ފުލުހުންނަށް ހުށަހެޅުމުން، ސީސިޓީވީ ބަލައިގެން ފުލުހުންނަށް އެނގުނު ގޮތުގައި އެމީހާއަކީ، ޕާކިސްތާން އެމްބަސީގައި މަސައްކަތް ކުރާ އުމުރުން 35 އަހަރުގެ ޑިޕްލޮމޭޓެއް ކަމަށެވެ.

ޑިޕްލޮމެޓިކް އިމިއުނިޓީގެ ދަށުން މިމީހާއަށް ރައްކާތެރިކަން ލިބިގެންވާތީ މައްސަލަ އިތުރަށް ކުރިއަށް ނުގެންގޮސް ފައިލް ކުރަން ފުލުހުން ނިންމީއެވެ.

ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންގެ ދަށުން ޑިޕްލޮމޭޓުންނާއި އެމީހުންގެ އާއިލާތައް ހައްޔަރެއް ނުކުރެވޭނެއެވެ. ބަންދެއްވެސް ނުކުރެވޭނެއެވެ. އަދި ކުށްވެރިއެއްވެސް ނުކުރެވޭނެއެވެ.

މި ތޮފީގެ އަގު، ޑިޕްލޮމޭޓްގެ ގާތް މީހަކު ދެއްކުމުން، ފިހާރަވެރިޔާވެސް މައްސަލަ ދޫކޮށްލީއެވެ.

ޗޮކްލެޓް ވަގަށް ނެގި މީހާއަށްވެސް ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިގެންވާތީ އެމައްސަލަވެސް ފައިލް ކޮށްލީއެވެ.