މާލެ ސަރަޙައްދުގައި ކޮވިޝީލްޑް ވެކްސިން އާއްމުކޮށް ޖެހުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖޭންސީ އެޗްޕީއޭއިން ދެންމެ ކުރި ޓްވީޓެއްގައި ބުނެފައިވަނީ މާލެ ސަރަޙައްދުގައި ކޮވިޝިއެލްޑް ވެކްސިން އާއްމުކޮށް ޖެހުން ވަގުތީ ގޮތުން ހުއްޓާލާފައިވާކަމަށާއި އަލުން ޖަހަން ފެށޭނެ ތާރީޙެއް ފަހުން އިއުލާން ކުރެވޭނެކަމަށެވެ.

އެޗްޕީއޭއިން މިފަދަ އެންގުމެއް އަންގާފައިމިވަނީ ވެކްސިން ޖެހުމަށް ގިނަބަޔަކު ގިނަވަގުތުތަކެއް ހޭދަކުރަން ޖެހި އެކަމުގެ ޝަކުވާތައް އިތުރުވެފައިވަނިކޮށެވެ.

އަދި އެޗްޕީއޭއިން މިގޮތަށް ނިންމާފައިވާއިރު ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު ވަނީ ވެކްސިންގެ ސްޓޮކް މަދުވެފައިވާ ކަމަށް ހެލްތު މިނިސްޓްރީ އާއި އެޗްޕީއޭ އިން އަންގާފައިވާ ކަމަށް ވިދާޅުވެފައެވެ.