ރޯދަ މަހު ތިބާއަށް ކަމެއް ކުރެވުނު ކަމަށް ވާނީ ތިބާގެ ޞިއްޙީ މައްސަލަތަކަށް ލުޔެއް ހޯދިފައިވާ ނަމައޭ ބުނުން ރަނގަޅުތޯއެވެ؟

ހަށިގަނޑަށް ފައިދާ ހުރިކާނާ އަކީ ބޭހެކެވެ. ކާނާއިން ހަށިގަނޑަށް ބޭނުންވާ މާއްދާތައް ހޯދާ ދެވޭ ނަމަ ޞިއްޙީ ގޮތުން ދިމާވެފައިވާ މައްސަލަތަކަށް ހައްލު ލިބުމުގައި އެހީތެރިވެއެވެ. މިސާލަކަށް ބަރުދަން ލުއިކުރާ ފަރާތަކަށް އެންމެ ރަނގަޅު ވަގުތަކީ ރަމަޟާން މަހެވެ. އަދި އިސްކޮޅާ އެއްވަރަށް ބަރުދަން ނުހުންނަ ފަރާތްތަކަށްވެސް ރަމަޟާން މަހަކީ ރަނގަޅު ފުރުސަތަކަށް ވާނެއެވެ.

ރޯދަމަހު ދުންފަތާ ދުރުގައި މަދުވެގެން 15 ގަޑިއިރު ހޭދަކުރެވެއެވެ. މީގެ ސަބަބުން ލޭގެ ޕްރެޝަރ ހިތުގެ ވިންދު އަދި އަތާއި ފައިގެ ފިނިހޫނުމިން ހުންނަން ޖެހޭވަރަށް ތިރިވެއެވެ. ލޭގައިވާ ނިކޮޓިންގެ މިންވަރު 93 ޕަސެންޓް އަށް ދަށްވެއެވެ. ލޭގައިވާ އޮކްސިޖެންގެ މިންވަރު ހުންނަންވާ ވަރަށް އިތުރުކޮށްދީ ކާބޮންމޮނޮކްސައިޑްގެ މިންވަރު ދަށްވެއެވެ. ނުތަނަވަސްކަން ފިލާ ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ކުރިން ހުރި މިންވަރަށް އާދެއެވެ. ނާވްތަކުގެ ކޮޅުތައް ހެދި ބޮޑުވާން ފަށައެވެ. ރަހައާއި ވަސްދުވުމުގެ ޙިއްސު ހަމައަކަށް އެޅެއެވެ. އަދި ހުއްޓާލުމުގެ ކުރިން އަވަސް އަވަހަށް ރުޅިއައުމާއި ހިތްހަމަނުޖެހިފަ ހުންނަ ހުރުން ރަނގަޅުވާން ފަށައެވެ. ހުއްޓާލުމުން ހަށިގަނޑަށް ކުރާ އަސަރުތައް ނުވަތަ ވިތްޑްރޯވަލް ސިމްޓޮމްސް ދަށްވެއެވެ. ވައިނޮޅިއާއި ފުއްޕާމެއަށް އަރާމުކަން ލިބި ނޭވާލުމަށް ފަސޭހަވެއެވެ. ދަތާއި ހިރުގަނޑުގެ ލޭ ދައުރުވުން ދުންފަތުގެ އިސްތިޢުމާލު ނުކުރާ މީހާއާއިއެއްވަރުވެ ރުޅި، ހާސްވުން، ކެތްތެރިކަން، ނިދި ނައުން، އަދި ޑިޕްރެޝަންގެ އަސަރު ކުޑަވާނެއެވެ. ހާޓްއެޓޭކް ޖެހުމުގެ ފުރުސަތު ކުޑަވެ ފުއްޕާމޭގެ ހިނގުން ރަނގަޅުވެ، ލޭގެ ހިނގުން ރަނގަޅުވެ، ކެއްސުން ރަނގަޅުވެ އަދި ހިނގަންވެސް ފަސޭހަވުން ފަދަ އެތަށް ޞިއްޙީ ފައިދާއެއް މިހާރު ފެންނަން ފަށާނެއެވެ. ދުންފަތުގެ އިސްތިޢުމާލު ކުރުން ހުއްޓާލުމުން ޞިއްޙަތު އިއާދަވެއެވެ. މިކަން ކުރަންވެސް ރަމަޟާން މަސްވަރެއް ނެތެވެ.

ރޯދަ ހިފުމުގެ ފައިދާ ސާބިތުވަމުންދާ ވަރަކަށް މުސްލިމް ނޫން މީހުންގެ މެދުގައި އިސްލާމް ދީނާއި މެދު އޮތް ޔަގީންކަން ބޮޑުވަމުން ދެއެވެ. މި ގޮތުން ރަމަޟާން މަހުގެ ފަހުދިހައަކީ ސަވާބާއި ދަރުމަ އެތައް ހާސް އިތުރު ދުވަސްވަރެކެވެ. ހަމަ އެއާއެކު ޞިއްޙީ ގޮތުންވެސް ފައިދާ ބޮޑު ދުވަސްވަރެކެވެ. އަދި އާދަޔާއި ޚިލާފް ބަދަލުތަކެއް ހަށިގަނޑަށް އަންނަ ދުވަސްވަރެކެވެ. ހަށިގަނޑުގައި ވަރު ޖެހި ، ހިތްވަރު ގަދަވެއެވެ. ސިކުންޑިއާއި ވިސްނުމަށް ހެޔޮ ބަދަލު ތަކެއް އާދެއެވެ. މި ގޮތުން ހަނދާން ގަދަވުމާއެކު ވިސްނުން ތޫނުވެ، ތޫނުފިލިކަން އިތުރުވެއެވެ. ނަފްސާނީ ގޮތުން ނުވަތަ ފިކުރީ ޞިއްޙަތަށްވެސް ރަނގަޅު ބަދަލުތަކެއް މި ދުވަސްވަރު އާދެއެވެ. ރުޅި ކޮންޓްރޯލް ކުރުމުގައި ތިމާގެ ހުންނަ ގާބިލްކަން އިތުރުވެއެވެ. ކަންކަން ނިއްމުމުގެ ގާބިލް ކަމާއި ކެއްތެރިކަން އިތުރުވެއެވެ. އާއިލީ ގުޅުން ބަދަހިވެއެވެ. މިފަދަ އެތައް ކަމެކެވެ. ހަށިގަނޑުގެ ގުނަވަންތަކަށް ލިބިފައިވާ ގެއްލުން ތަކުން އަރައިގަތުމުގެ މަރުހަލާ ނިމުމަކާ ގާތްވެއެވެ. ހަށިގަނޑަށް ވާސިލްވެފައި ހުންނަ ވިހައާއި އެހެނިހެން ނޭދެވޭ މާއްދާތަށް ބޭރުވެ ހަށިގަނޑު ސާފުވެއެވެ.

މަތީގައިވާ ފައިދާތަކަކީ މާތްﷲ ރޯދަވެރިންނަށް ދެއްވާ އިނާޔަތެކެވެ. ނިޢުމަތެކެވެ. މި ނިޢުމަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށްޓަކައި ރޯދަ މަހު އާދަޔާ ޚިލާފަށް ދުންފަތުގެ އިސްތިޢުމާލު ކުރާ ކުރުން ހުއްޓާލަން ޖެހެއެވެ. ދުންފަތުގެ ދުމުން ރައްކާތެރިކަން ޤާއިމްވާން ޖެހެއެވެ. ދުންފަތުގެ އިސްތިޢުމާލުކޮށްގެން އައުމުގެ ސަބަބުން ތާޑް ހޭންޑު ސްމޯކިންގ ގެ ގެއްލުން ކުޑަވާން ޖެހެއެވެ. މީގެ އިތުރުން ކެއުމުގައި ފައިދާ ހުރި ކާނާ ބޭނުން ކުރަން ޖެހޭނެއެވެ. އަދި މާ ގިނައިން ކެއުމުން ދުރުހެލިވާން ޖެހޭނެއެވެ. ގަވާއިދުން ނިދުމާއި ބޯން ޖެހޭ މިންވަރަށް ފެން ބޯން ޖެހޭނެއެވެ. ގަވާއިދުން ކަސްރަތު ކުރަންވާނެއެވެ.