ސިޔާސީ މީހުން ޓެކްނިކަލް ކަން ކަމަށް އަތް ބޭނުން ހުއްޓާލަން ވެއްޖެއެވެ. އޭގެ ބަދަލުގައި އެމީހުންވާންވީ ސިއްހީ އެހީތެރިންގެ މައިބަދައަށެވެ. އެމީހުންނަށް އެހީތެރިވެދީ ކަންކަން ފަހިކޮށްދޭ ބަޔަކަށެވެ. އެމީހުން ވާންވީ ކޮވިޑް-19 ގެ ހަނގުރާމައިގެ މައިދާން ސިއްހީ ޚިދުމަތްތެރިންނަށް ތަނަވަސް ކޮށްދީ އަތްގާާތް ކޮށްދޭ ބަޔަކަށެވެ.

ރާއްޖޭގައި މިދަނީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންނެވެ. ސޭތޭކައަށްވުރެ ދަށުގައި ހުރެފައި އަދަދު ސޭތަކައަށް އެރިއެވެ. އެއަށްފަހު ދުއިސައްތައަށެވެ. އިތުރުވަމުން ގޮސް އެންމެފަހު އިއްޔެ ވަނީ 601 އަށް އަރައިިފައެވެ. އެެއީ މިބައްޔަށް ރާއްޖެއިން އެއްދުވަހަކަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހެވެ.

މިހާލަތުގައި ސިޔާސީ މީހުން އެމީހުންގެެ ސިޔާސީ އެޖެންޑާ ކާމިޔާބު ކުރުމަށްޓަކައި ހަންފެތުރުމަށްވުރެ ކޮވިޑް ހަނގުރާމަ ކާމިޔާބު ކުރުމަށް އެކަމުގެ ޚާއްސަ ފައުޖުތަކަށް މައިދާން ދޫކޮށްލުން މުހިންމެވެ. ރައްޔިތުންނާއި ތިމާމެންގެ އަމިއްލަ ސަލާމަތަަށްޓަކައެވެ.

ސިއްހީ ޚިދުމަތްތެރިން މިހާރުވެސް ތިބީ ހަތިޔާރާއެކު މައިދާނުގައެވެ. މައިދާނުގައި އެމީހުން ތިއްބަސް މަސައްކަތްކުރަން ޖެހިފައިވަނީ ސިޔާސީ ނުފޫޒުގައެވެ. އެ ނުފޫޒުން ސިއްހީ އެހީތެރިން މިިނިވަންކޮށް އެމީހުން ބޭނުންވާގޮތަށް ކަންކަން ކުރުމަށް ފުރުސަތު ފަހިވެގެންދާއިރަށް މި ހާލަތު ކޮންޓްރޯލް ކުރާނެ ކަމުގެ އިތުބާރު އެމީހުންނަށް އެބައޮތެވެ. ޑޮކްޓަރުންނާއި ނަރުހުންނާއި، ކޮމިޔުނިޓީ އަދި ފެމިލީ ހެލްތު ވޯކަރުންނަކީ މިފަދަ ކަންކަމުގައި އެންމެ އިސްކޮށް އުޅޭ ފަހު ބަސް ބުނާ މީހުންނަށް ވާންޖެހެއެވެ. އެމީހުން ބޭނުންވާ ގޮތަކަށް ފުރުސަތުދީފައި ސިޔާސީ މީހުންވީ ސިއްހީ އެހީތެރިންނަށް ކަންކަން ފަސޭހަކޮށްދޭ ބަޔަކަށް ވާށެވެ. މިއީ އެމީހުންގެ ތެރެއިން އެތައް ބައެއްގެ ބަހެވެ. މިހާރުވެސް ކޮވިޑަށް ޕޮޒިޓިވް ވެގެން ގެންދާ މީހުންނަށް މުވައްޒަަފުންގެ ޖީބުން އެހީތެރިވާ ސިއްހީ އެހީތެރިން އެބަތިއްބެވެ. ސިޔާސީ މީހާ ހުންނަނީ ގެންނާށޭގެންނާށޭ ތިމަންނަމެން ބަލާނަމޭ ކިޔަކިޔައެވެ. އެހެނަސް އެފަދަ މީހުންނަށް ކާންދީ ބޯންދީ ހަދަންޖެހިފައިވަނީ އެތަނުގެ މުވައްޒަފުންގެ ޖީބުންނެވެ. މިއީ ވެސް ކޮވިޑް ތެރޭގައި ހިނގާ ކަންކަމެވެ. އެއްވެސް ބަލި މީހަކަށް ފަރުވާ ނުދެވޭ ހިސާބަށް ހާލަތުދާކަށް ސިއްހީ އެހީތެރިން ބޭނުން ނުވާނެއެވެ. އެމީހުންނަކީ މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް ތައްޔާރަށް ތިބި މީހުންނެވެ.

އިންޑިއާގެ ހާލަތު ބަލާބަލާށެވެ. އެގައުމުގެ ސައިންސްވެރިންގެ ބަހާ ޚިލާފުވީއެވެ. ބަސް ނޭހީއެވެ. އެންމެެފަހުން އެއޮތް ބޮޑު ގައުމުގެ އެކި ދިމަދިމާއިން ކޮވިޑްގެ ބޯ ހިއްލާލައި މުޅިގައުމު ފަތަހަ ކުރަމުންދަނީއެވެ. ހޮސްޕިޓަލްތައް ފުރި މީހުންނަށް ފަރުވާދެވޭނެ ގޮތެެއްނެތެެވެ. އޮކްސިޖަން ހުސްވީއެވެ. ބޭސް ހުސްވީއެވެ. ދުނިޔޭގޭ އެހީތެރިކަމަށް އެދި ގޮވަނީއެވެ.

ރާއްޖޭގެ ހާލަތު އެހީސާބަށް ދިޔަ ދީގެން ނުވާނެއެވެ. ދިވެހިންނަކީ ބަސް އަހާ ބައެކެވެ. އެޗުޕީއޭގެ ކޮންމެ އެންގުމަކަށް އެއްބާރުުލުން ދީފައިވާ ކަމަށާއި ދެމުން ގެންދާ ކަމަށް ސީދާ އެޗުޕީއޭ އިން އެތައް ފަހަރަކު ބުނެފައިވެއެވެ. ރާއްޖެއަށް ކޮވިޑް އައި ފަހުން މުޅި ރާއްޖެ ކޮންޓްރޯލްް ކުރަމުން އައީ ފެންނަ ފެނުމަށް އެޗުޕީއޭގެ ޑިރެކްޓަރ ޖެނެރަލް މައިމޫނާ އަބޫބަކުރެވެ. އޭޭރު ބުނަމުން އައީ ރައްޔިތުން ބަސް އަހާ ކަމަށެވެ. އެންމެފަހުން ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެެ އަދަދު އިތުރުވެ 600 ފަހަނަޅައި ދިއުމުން މި ބަލި ކޮންޓްރޯލް ކުރުމުގެ ލަގަން އޮތީ ރައްޔިތުންގެ އަތުގައޭ ބުނީމާ ރައްޔިތުން އަންނާނީ ރުޅިއެވެ. އެއީ ފަސްމަގުގައި އެޗުޕީއޭއިން އަަމަލުކޮށްފައިވާ ގޮތުންނެވެ.

އިއްޔެ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 601 މީހުންނެވެ. އޭގެ ތެރެއިން މާލޭ ސަރަހައްދުން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 440 މީހުންނެވެ. ރަށްރަށުން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 141 އެވެ. ރިސޯޓުތަކުން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 19 ކަމަށް އެޗުޕީއޭއިން ހާމަކޮށްފައިވެއެވެ. ސިނާއީ އެކި ބޭނުމަށް ބޭނުން ކުރަމުންދާ ރަށްރަށުން ޕޮޒިޓިވް ވެފައިވަނީ އެކެކެވެ.

މިހާ ހިސާބަށް ރާއްޖެއިން ކޮވިޑް 19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 31،931 އަށް އަރައިފައެވެ. އެކްޓިވް ކޭސްގެ ގޮތުގައި މިހާރުތިބީ 6،508 މީހުންނެވެ. ހޮސްޕިޓަލުގައި އެޑުމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ ޢަދަދަކީ 181 އެވެ. މިބަލީގައި މިހާތަނަށް ރާއްޖެއިން ވަނީ 74 މީހުން މަރުވެފައެވެ. މިބަލިން މިހާތަނަށް ވަނީ 25،340 މީހުން ފަސޭހަވެފައެވެ.

ޓެސްޓް ކުރުމަށް ފާއިތުވި 24 ގަޑިއިރުތެރޭގައިވަނީ 4،552 ސާމްޕަލް ނަގައިފައެވެ. މިހާލަތަށް ރާއްޖެ ދިޔައީ ރަނގަޅަށް މާސްކު ނާޅައިގެން ހެއްޔެވެ؟ އެޗުޕީއޭގެެ ގައިޑްލައިންތަކަށް ތަބާ ނުވެގެން ހެއްޔެވެ؟ ދިވެހީން ބަސް ނާހައިގެން ހެއްޔެވެ؟

ކަށަަވަރުވާ ކަަމަކީ އެޗުޕީއޭ ހަރުދަނާާވާން ޖެހޭ ކަމެވެ. ނިންމުންތައް ނިންމައި އިއުލާން ކުރުމުގެ ކުރިން ރައްޔިތުންގެ އިތުބާރު ނުގެއްލޭ ގޮތަށް އެކަން ކުރަން އެބަޖެހެއެވެ. ޔަގީންވާ ކަމަކީ މިބަލި ރާއްޖޭގައި ފެތުރި ބަލީގެ އައްޑާއަަކަށް ރާއްޖެވާން ބޭނުންވާ އެއްވެސް ރައްޔިތަކު ނުހުންނާނެ ކަމެވެ. ރައްޔިތުން އަދިވެސް ތިބީ އެމީހުންގެެ ދައުރު އަދާކުރަން ތައްޔާރަށެވެ. އެޗުޕީއޭއާއި ދެންވެސް ހުރި މުއައްސަސާއެއްގެ ބަސް އަހަގައި ހާލަު ކޮންޓްރޯލް ކުރުމުގެ ފުރުސަތު ދިވެހީންދޭނެއެވެ. ހޭލުންތެރި ބަޔަކަށް ވާތީއެވެ. އެހެނަސް އެއާ އެއްވަރަށް އެޗުޕީއޭގެ ހަން ވެސް ބޯވާން ޖެހޭނެެއެވެ.

ކޮވިޑްގެ ކުރީކޮޅު އެންމެން ވެސް އެޗުޕީއޭއަށް ބަރޯސާވިއެވެ. އިތުބާރާއެކުގައެވެ. މިހާރުވެސް ވެއެވެ. އެކަމަކު ދެންވާނީ ކިހިނެއްކަމެއް ނޭނގޭ ހާލަތުގައެވެ. އެޗުޕީއޭއަށް ސިޔާސީ ބާރުވެރިކަން ފޯރަނީ ހެއްޔެވެ؟ ބައެއް މީހުން މިކަމަށް ބުނަނީ ސީދާ އާއެނކޭއެވެ.

ބައެއް މީހުން ބުނާ ގޮތުގައި ހެލްތު މިނިސްޓަރީ އާއި އެޗްޕީއޭގެ ދައުރު ސާފެއް ނުވެއެވެ. މިނިސްޓަރީގެ މަސައްކަތް ފެންނަ ގޮތުން މެޑިކަލް މާފިއާއެއް އުފެދި ނާޖާއިޒު ފައިދާތަކެއް ނަގަމުންދިޔަ ކަމަށް ބައެއް މީހުން ތުހުމަތު ކުރިއެވެ. އޭގެ ތެރެއިން ބައެއް ކަންކަން ކަށަވަރު ވެފައި ވެސް އެބަހުއްޓެވެ. މިސާލަކަށް ވެންޓިލޭޓަރ ގެ މައްސަލައެވެ. އެ މައްސަލާގައި އޭރުގެ ހެލްތު މިނިސްޓަރ އަމީން ވަނީ އިސްތިއުފާ ދެއްވައިފައެވެ. އިތުރު ދެ ބޭފުޅަކު މިއަދު ވަނީ ވަކިކޮށްފައެވެ.

ސިއްހީ ދާއިރާގެ ބައެއް މީހުން ބުނެފައިވާ ގޮތުގައި ކޮވިޑް އައުމުގެ ކުރިން ރައްރަށުގައި ޓާސްކު ފޯސްތައް ހެދިއެވެ. އެތަންތަނުގެ ވެރީންނަށް ލައިފައިވަނީ ސިޔާސީ މީހުންނެވެ. ސީޔާސީ މީހާ ލުމުގެ އާޚިރު ނަތީޖާއަކީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އެންމެ މުހިއްމު ދުވަސްވަރު އައިއިރު ޓާސްކު ފޯސްތައް ނުކުޅެދިފައިވުމާއި ހުއްޓުމާއި، އެކަކު އަނެކަކާ ޖެހި ކަންކަން އިތުރަށް ބުރަވެފައިވުމެވެ. މިއީ ސިއްހީ ދާއިރާގެ މީހުންގެ ބަހެވެ.

މީގެ އިތުރުން ބަލީގެ ކުރީ ކޮޅު ދަތުރުފަތުރުތައް ނުހުއްޓުވުމުގެ ޝަކުވާއަކަށް އަދިވެސް ނިމުމެއް ނާދެއެވެ.

އެންމެ ނުރައްކާތެރި ހާލަތަށް ވެސް ތައްޔާރޭ ބުނަމުން އައިސް މިހިސާބަށް އައިއިރު އެބުނި ބުނުމާ އެއްގޮތަށް އަމަލު ނުކުރެވޭ ކަމަށް ވެސް ރައްޔިތުން ދަނީ ބުނަމުންނެވެ. ކުރީ ކޮޅުގައި ކޮވިޑް ކޭސްތައް މަދުއިރު ލޮކްޑައުން ކޮށްފައި މިހާރު ނުކުރުމަކީ ވެސް ރައްޔިތުންގެ ޝަކުވާއެކެވެ. ޚާއްސަ ހުއްދައެއްގެ ދަށުން ރަށްރަށަށް ދަތުރު ކުރުމުގެ ފުރުސަތު ދިނުމާއި

އެއްވުންތައް ނުހުއްޓުވުމަކީ ވެސް މީހުންގެ ހިތުގައި އެޗުޕީއާ މެދު ޝައްކު އުފެއްދި ކަމެކެވެ. ނިމިގެން ދިޔަ އިންތިޚާބުތެރޭގައި އެޗުޕީއޭ އިން އިހުމާލުވި ކަމުގެ ތުހުމަތު ވެސް ބައެއް މީހުން ދަނީ ކުރަމުންނެވެ. މިފަދަ އެތައް ކަމެއް އަދިވެސް އެބަހުއްޓެވެ.

މިކަންކަމުގެ ފަހަތުގައި އޮތީ ކޮންފަދަ ބާރުގަދަ އަތެއް ހެއްޔެވެ؟ ނުވަތަ އަތްތަކެއް ހެއްޔެވެ؟

މިއީ އެބަޔަކު އަނެއް ބަޔަކު ކުށްވެރިކުރަންވީ ވަގުތެއް ނޫނެވެ. ޝަކުވާ ބަންނަންވީ ވަގުތެއް ނޫނެނެވެ. އެއަށްވުރެ ހާލަތު ނާޒުކެވެ. ބޯ މަތީގައި އޮތް ވިލާގަނޑު މާ ނުރައްކަލެވެ. މިއީ ރައްޔިތުންނާއި ހެލްތު މިނިސްޓްރީއާއި އެޗުޕީއޭއާއި އެހެން މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރަންވީ ވަގުތެކެވެ. މާޒީ އަކީ ތަޖުރިބާއެވެ. އިބުރަތެވެ.