ވެސްޓް ބެންގޯލްގެ ސަރަހައްދީ އިންތިޚާބު ކާމިޔާބު ކޮށްފައި ވަނީ ތިރްނަމޫލް ކޮންގްރެސްއިންނެވެ. މިއީ މި ޕާޓީގެ ލީޑަރު މަމްތާ ބެނަރްޖީގެ ލީޑާޝިޕްގައި މި ސްޓޭޓް ކާމިޔާބު ކުރި ތިންވަނަ ފަހަރެވެ. މިއީ އިންޑިއާގައި އަންހެނަކު ވެރިކަން ކުރާ ހަމައެކަނި ސްޓޭޓެވެ. ބީޖޭޕީގެ އެންމެ އިސްވެރިންގެ އިންތިޚާބީ ހަމަލާތަކާ ދެކޮޅަށް ނިކުންނަވައި އޭނާ އިންތިޚާބު ކާމިޔާބުކޮށް ދެއްކެވީ ފާހަގަ ކުރެވޭފަދަ ގޮތަކަށެވެ.

ތްރިނަމޫލް ކޮންގްރެސްއަކީ މުސްލިމުންނަށް ތާއީދު ކުރާ ޕާޓީއެކެވެ. މަމްތާ ބެނަރްޖީއަކީވެސް ސިޔާސި ޕޯޑިއަމްތަކުގައި ޝަހާދަތް ވިދާޅުވެ އިސްލާމް ދީންގެ ތާއީދުގައި ވާހަކަ ދައްކަވާ ހިންދީއެކެވެ. އޭނާގެ ގިނަ ޑިގްރީ ސަނަދުތަކުގެ ތެރޭގައި ކަލްކައްތާ ޔުނިވަރސިޓީން އޭނާ ހާސިލު ކުރައްވާފައިވާ އިސްލާމީ ތާރީޚްގެ މާސްޓަރޒް ޑިގްރީ ފާހަގަ ވެގެން ދެއެވެ.

ތްރިނަމޫލް އިން މިފަހަރު އިންތިޚާބަށް 42 މުސްލިމުން ނެރުނެވެ. އެއިން 41 މީހަކު އިންތިޚާބު ކާމިޔާބު ކުރިއެވެ. ވެސްޓް ބެންގޯލްގެ 292 ގޮނޑީގެ ގާނޫނު ހަދާ މަޖިލީހުގައި ތިބޭނީ ޖުމުލަ 42 މުސްލިމުންނެވެ. ތްރިނަމޫލް ނޫން ޕާޓިއަކުން ހޮވިފައިވާ މެމްބަރަކީ، ރާޝްޓްރިޔަ ސެކިއުލަރ މަޖިލިސް ޕާޓީން ހޮވިފައިވާ މުޙައްމަދު ނައުޝާދް ސިއްދީޤީ އެވެ.

ތްރިނަމޫލްގެ އެންމެ ފާހަގަ ކުރެވޭ މެމްބަރަކީ، ހުމާޔޫން ކަބީރުއެވެ. އޭނާއަކީ އިންތިޚާބްގެ ކުރިން ކަލްކައްތާ ކައިރި ހިސާބެއްގެ ޕޮލިސް ކޮމިޝަނަރ އެވެ. އޭނާ މަގާމުން އިސްތިއުފާ ދީފައި ވަނީ އިންތިޚާބުގެ ކުރިންނެވެ. އޭނާ ފާހަގަ ވެފައި ވަނީ "ބަޑި ޖަހާށޭ!" ގޮވަމުން ދިޔަ ބީޖޭޕީގެ ތިން މީހަކު ހައްޔަރު ކުރި ހާދިސާއިންނެވެ.

ވެސްޓް ބެންގޯލްގައި މަދު ގޮނޑިތައް ލިބުނު ބީޖޭޕީން އެއްވެސް މުސްލިމު ކެންޑިޑޭޓަކު ނުނެރެއެވެ. އަދި ކެމްޕޭން ކޮށްފައި ވަނީ މސްލިމުންނާ ދެކޮޅަށެވެ.

ކޮންގްރެސްއަށް މި ސްޓޭޓްގައި އެއްވެސް ގޮނޑިއެއް ކާމިޔާބު ވެފައި ނުވާއިރު އެ ޕާޓީން ވަކިވެގެން އުފެދުނު ތްރިނަމޫލް އަށް 213 ގޮނޑި ލިބުނެވެ.

ކެރެލާގެ އިންތިޚާބު

ކެރެލާގެ 140 މެމްބަރުންގެ ސަރަހައްދީ ގާނޫނު ހަދާ މަޖިލީހުގައި 32 މުސްލިމުން މިފަހަރު ތިބޭނެއެވެ. މިއިން 15 މުސްލިމުންނަކީ، އިންޑިއަން ޔޫނިއަން މުސްލިމް ލީގް ޕާޓީގެ މެމްބަރުންނެވެ. މި ޕާޓީން ޖުމުލަ 25 ކެންޑިޑޭޓުން ނެރުނެވެ.

ކެރެލާގެ ގާނޫނު ހަދާ މަޖިލީހުގައި ދެން ތިބޭނީ ކޮންގްރެސް އިން އިންތިޚާބް ވި ތިން މެންބަރަކާއި ކޮމިއުނިސްޓް ޕާޓީ އޮފް އިންޑިއާ މާކްސިސްޓް ގެ 9 މެމްބަރުންނާއި މިނިވަން ތިން މެމްބަރަކާއި އިންޑިއަން ނޭޝަނަލް ލީގްއާއި އިންޑިއަން ސެކިއުލަރ ކޮންފްރެސް ކުރެ ކޮންމެ ޕާޓީއަކުން މެމްބަރެކެވެ.

އާސާމްގެ އިންތިޚާބް

އާސާމްގެ 126 މެމްބަރުންގެ ގާނޫނު ހަދާ މަޖިލީހުގައި 31 މެމްބަރުންނަކީ މުސްލިމު މެމްބަރުންނެވެ. މިއިން 15 މެމްބަރުން ހޮވިފައި ވަނީ އޯލް އިންޑިއާ ޑިމޮކްރެޓިކް ފްރޮންޓުންނެވެ.

ދެން ތިބި މުސްލިމު މެމްބަރުންނަކީ، ބާރަތިއްޔަ ޖަނަތާ ޕާޓީން އިންތިޚާބް ވެފައިވާ މެމްބަރަކާއި ކޮންގްރެސްއިން އިންތިޚާބް ވި 15 މެމްބަރުންނެވެ.

ޓެމިލްނާޑޫ އިންތިޚާބް

ޓެމިލްނާޑޫގެ ގާނޫނު ހަދާ ސަރަހައްދީ މަޖިލީހަށް އިންތިޚާބް ވެފައި ވަނީ ޖުމުލަ ހަ މެމްބަރުންނެވެ. މި ސްޓޭޓްގެ މައި ދެ ޕާޓީ ކަމުގައިވާ ޑީއެމްކޭ އާއީ އޭއައިޑީއެމްކޭއާއި ނުލައި އިންތިޚާބަށް ނިކުތް މުސްލިމު ޕާޓީތަކަށްވެސް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ.