ކޮވިޑް19އާ ގުޅިގެން ގިނަ އަދަދެއްގެ ބަސްތަކެއް ފަރަންސޭސި ބަހުގެ ރަދީފަށް ވައްދަން ނިންމައިފިއެވެ. ރަދީފް، ލަ ޕެތިތް ލަރޫސް އަށް 2021ގައި 170 ބަހެއް އިތުރު ކުރެވޭނެ އެވެ. އޭގެ ތެރޭގައި ކޮވިޑްއާ ގުޅޭ ބަސްތަކާއި އިންޓަރނެޓް ޓެކްނޮލޮޖީއާއި ގުޅޭ އިނގިރޭސި ބަސްތަކާއި އަދި ޖޯރޖް ފްލޮއިޑްގެ ހާދިސާއާ ގުޅިގެން އާންމު ކޮށް ބޭނުން ކުރެވުނު ބަސްތައް ހިމެނެއެވެ.

ފަރަންސޭސި ބަހުގެ ރަދީފަށް ބަސްތައް އިތުރު ކުރުމުގެ އާންމު އުސޫލަކީ، ތިން އަހަރެއް ވަންދެން އެބަހެއް އާންމު ކޮށް ބޭނުން ކުރެވެމުން ދިއުމެވެ. މިގޮތަށް ހުންނަ ބަސްތަކުގެ ތެރޭންވެސް ލަ ފެތިތް ލަރޫސްގެ ރަދީފަށް ވަންނާނީ އަހަރަކު 150 ބަހެވެ. މިއާ ޚިލާފަށް މާހަރުކަށި އުސޫލެއް ގެންގުޅޭ ފްރެންޗް އެކަޑެމީއިން ބަހެއް އެމީހުންގެ ރަދީފަށް އިތުރު ކުރާނީ، ދިހަ އަހަރު އާންމު ގޮތެއްގައި އެ ބަހެއް ބޭނުން ކުރެވެމުން ދިއުމުންނެވެ.

ބައެއް ފަރާތްތަކުން ވަނީ މިއަހަރު އިތުރު ކުރާ ބަސްތައް ގިނަވެފައި އަވަސްގޮތަކަށް އެބަސްތައް އިތުރު ކުރެވުމަކީ، ފްރެންޗް ރެވަލޫޝަންގައި ބަސްތައް އުފެދުނު ގޮތާ އެއްފަދަ ހާމަލަތެއް މިއަދު ފެންނާން އޮތް ކަމަށް ބުނެފައެވެ. މިސާލަކަށް މިއަދު ބޭނުން ކުރެވޭ ސިޓިޒަން، މިބަހަކީ ފްރެންޗް ރެވަލޫޝަނުން އާންމު ކޮށް ވަދެފައިވާ ބަހެކެވެ.

ލަރޫސް ކޮމިޓީގައި ތިބެނީ 40 މެމްބަރުންނާއި 20 ސްޓާފުންނާއި ބޭރުން ބައިވެރިވާ 20 ތަޖުރިބާކާރުންނެވެ.