މާސްކް ނާޅައި އުޅުނު 141 މީހަކާއި މަނާ ގަޑީގައި ބޭރުގައި އުޅުނު 116 މީހަކު ޖޫރިމަނާކޮށްފި އެވެ.

ކޮވިޑްގެ ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މިމަހުގެ ހަވަނަ ދުވަހުން ފެށިގެން ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް މާލޭގައި ކާފިއު ހިންގާ މެންދަމު 12:00ން ފެށިގެން ފަތިހު 4:00 އަށް ވެހިކަލް ދުއްވުންވަނީ މަނާކޮށްފައެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ، ފާއިތުވި 24 ގަޑިއިރު ތެރޭގައި މާސްކް ނާޅާ އުޅެގެން 141 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ ކާފިއު ގަޑީގައި ބޭރުގައި އުޅެގެން 116 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށާއި މަނާ ގަޑީގައި ވެހިކަލް ދުއްވައިގެން ދިހަ މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

މާސްކް ނާޅައާ ކާފިއުގެ ވަގުތުތަކުގައި ބޭރުގައި އުޅޭނަމަ 1000 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ.